މިއަހަރުގެ ބަޖެޓަށް 5.8 ބިލިއަން ރުފިޔާ އިތުރުކުރަން މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީ އިން ނިންމި ގޮތަށް މަޖިލީހުން ފާސްކޮށްފިއެވެ.
ހޯމަ ދުވަހުގެ ޖަލްސާގައި ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރަން ނެގި ވޯޓުގައި ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރަން 61 މެންބަރުން ވޯޓުދެއްވާފައި ވާއިރު ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރަން ނުފެންނަ ކަމަށް 8 މެންބަރުން ވޯޓުދެއްވިއެވެ.
މިއަހަރުގެ ބަޖެޓަށް 5.8 ބިލިއަން ރުފިޔާ އިތުރު ކުރުމަށް ސަރުކާރުން ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓު، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީ އިން ފާސްކޮށްފައި ވަނީ މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ. މި ހިނގާ 2022 ވަނަ އަހަރަށް ފާސްކޮށްފައިވަނީ 36.99 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް މި އަހަރު އިތުރު އިޤްތިސާދީ ގޮންޖެހުންތަކާ ކުރިމަތިވުމުގެ ސަބަބުން ސަރުކާރުން ވަނީ 2023 އަށް ލަފާ ކުރާ ބަޖެޓާއެކު ސަޕްލިމެންޓްރީ ބަޖެޓު ވެސް މަޖިލީހަށް ހުށަހަޅައިފައެވެ.
ސަޕްލިމެންޓްރީ ބަޖެޓާ މެދު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ 2022 ވަނަ އަހަރުގެ ބަޖެޓާ ވެސް ކުރިމަތިލީ ބަޖެޓުގެ ޑެފިސިޓް ކުޑަކޮށް ދަރަނީގެ މިންވަރު ކުޑަކުރުމަށް އަމާޒުތަގައި ކަމަށެވެ. އެހެންނަމަވެސް، މި އަހަރު އިތުރު އިޤްތިސާދީ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ އެކު ތެލާއި ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސްފައި ވާތީ ބަޖެޓަށް ބާރުބޮޑުވެފައިވާކަމަށް އަމީރު ވިދާޅުވިއެވެ. އަދި ފިއުލް ސަބްސިޑީއަށް ބަޖެޓުކުރި 342 މިލިއަން ރުފިޔާ، މި އަހަރުގެ ނިޔަލަށް 2.3 ބިލިއަން ރުފިޔާއަށްވުރެ މަތިވާނެކަމަށް އަންދާޒާކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ.
އަމީރު ވިދާޅުވި ގޮތުގައި ބަޖެޓަށް އިތުރުވާ އިތުރުވުން ފައިނޭންސްކުރާނީ މަޝްރޫޢުތަކަށް ލިބިފައިވާ ލޯނުތަކުންނާއި ޑޮމެސްޓިކް މާކެޓުން ފައިނޭންސިންގ ހޯދައިގެންނެވެ.
މިއަހަރަށް ސަޕްލިމެންޓްރީ ބަޖެޓެއްް މަޖިލީހަށް ހުށަހެޅުމުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ އެކަމާ ފާޑު ވިދާޅުވެފައެވެ. އެގޮތުން އަހަރުގެ ބާކީ އޮތް ނޮވެމްބަރު މަހާއި ޑިސެމްބަރު މަސްތެރޭގައި 5.8 ބިލިއަން ރުފިޔާ ހަރަދުވާނެކަމަށް އަންދާޒާ ނުކުރެއްވޭކަމަށާއި މިހާތަނަށް އައިއިރު މިއަހަރުގެ ބަޖެޓަށް އިތުރުވާ ފައިސާއިން ހަރަދުވެފައިވާ މިންވަރު ވެސް ސާފުނުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީން މިއަހަރުގެ ބަޖެޓަށް 5.8 ބިލިއަން ރުފިޔާ އިތުރު ކުރަން ފާސްކޮށްފައިވާއިރު އަންނަ އަހަރަށް ސަރުކާރުން ހުށަހެޅި ބަޖެޓަށް 160 މިލިއަން ރުފިޔާ އިތުރުކޮށް 42.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ފާސްކޮށްފައެވެ.