ކ. މާލެ
|
8 ނޮވެންބަރ 2021 | ހޯމަ 14:44
މަގުމަތީގައި މީހުން ހިނގަނީ
މަގުމަތީގައި މީހުން ހިނގަނީ
ރާއްޖެއެމްވީ
އަންއެމްޕްލޮއިމަންޓް އިންޝުއަރެންސް ސްކީމް
އަންނަ އަހަރު އަންއެމްޕްލޯއިމަންޓް އިންޝުއަރެންސް ސްކީމް ގާއިމުކުރަނީ
 
އުންމީދަކީ 2022 ވަނަ އަހަރުގެ މެދުތެރޭގައި ޕައިލެޓް ޕްރޮގްރާމް ފެށުން

އަންނަ އަހަރު އަންއެމްޕްލޯއިމަންޓް އިންޝުއަރެންސް ސްކީމް ގާއިމުކުރެވިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެންމެ ކުޑަ އުޖޫރަ އިއުލާން ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި ވޯލްޑް ބޭންކުގެ އެހީއާއެކު އެ ސްކީމް ގާއިމުކުރެވިގެންދާނެ ކަމަށެވެ. އަދި މިކަމަށް ބޭނުންވާ ދިރާސާތައް މިހާރު ހަދައި ނިމިފައިވާކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ އެކި ސްޓޭކް ހޯލްޑަރުންނާ ވާހަކަ ދެކެވި، ސްޓްރަކްޗަރ ހުންނާނެ ގޮތާމެދު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

އުންމީދަކީ 2022 ވަނަ އަހަރުގެ މެދުތެރޭގައި އޭގެ ޕައިލެޓް ޕްރޮގްރާމް ފެށިގެން ދިޔުން ކަމަށާއި، ނަތިޖާއަށް ބެލުމަށްފަހު މުޅި ރާއްޖެއަށް ފުޅާވެގެންދާނެ ނިޒާމެއް ބެލުން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ ވަޒީފާގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމުގެ ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކެއް ކަމަށާއި، އެކަން ބަލަހައްޓާނެ ޤާނޫނުތައް ނެތް ކަމަށެވެ. އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ އެކްޓް، އެޓާރނީ ޖެނެރަލްގެ އޮފީހުގެ ލަފަޔަކަށް ފޮނުވާފައިވާނެ ކަމަށާއި، އެއަށްފަހު އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ހުޅުވާލާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ވެސް ބިލާމެދު މަޝްވަރާކުރުމަށް ފޮނުއްވާާނެ ކަމަށް ވިދާޅުވިއެވެ.

އިންޑަސްޓްރިއަލް ރިލޭޝަން އެކްޓްގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރަނގަޅު ވަޒީފާތަކަށް ދިވެހިން ނެރުމަށް ހުރި ގޮންޖެހުންތައް ދެނެގަތުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މިހާރުވަނީ ދިރާސާތަކެއް ފަށާފައެވެ. ވަޒީފާ ނުލިބޭ މައްސަލައިގައި ތަފާތު ވާހަކަތައް ދެކެވެމުންދާ ކަމަށާއި، ވަޒީފާ އޮތް މިންވަރު ދެނެގަތުމަށް ހަގީގީ މާނައިގައި މަަސައްކަތްތަކެއް ކުރެވިފައި ނެތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގައި ވަޒީފާ އަދާކުރެވޭ އުމުރުފުރައިގެ މީހުންގެ ތެެރެއިން ވަޒީފާ ނެތް މީހުންގެ އަދަދަކީ 10،127 ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން ވަނީ ބުނެފައެވެ.

އެންބީއެސްއިން ނެރުނު އަންދާޒާތަކުގައި ވަޒީފާ ނެތް ދިވެހިންގެ ތެރޭގައި ހިމެނެނީ 6،422 ފިރިހެނުންނާއި 3،704 އަންހެނުންނެވެ. ރާއްޖޭގެ އާބާދީގެ ނިސްބަތުން ރާއްޖޭގައި ވަޒީފާ ނެތް މީހުންގެ އަދަދަކީ ފަސް ޕަސެންޓެވެ. މިއީ 2020 ވަނަ އަހަރު ދުނިޔޭގެ ގައުމުތަކުގައި ވަޒީފާ ނެތް މީހުންގެ އެވަރެޖް އަދަދުތަކާ ގާތްގަނޑަކަށް އެއްހަމަ އަދަދެކެވެ. އެންބީއެސްއިން ލަފާކުރާ ގޮތުގައި ރާއްޖޭގެ މަސައްކަތްތެރިންގެ އާބާދީއަކީ 181،544 އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
50%
50%
0%
0%
0%
0%
ކޮމެންޓް