ދުނިޔެ ހޫނުވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަމުންދާ ކާބަންޑައިއޮކްސައިޑް ޖައްވުގެ ތެރެއިން ކެޕްޗަރ ކުރުމަށް ފުއްޕާހަންތަކެއް ބޭނުންކޮށްގެން އެކަންކުރުމުގެ މަސައްކަތް އިސްރާއީލުން ފަށައިފިއެވެ.
ހަކަތަ އުފެއްދުމަށް ބޯޓުދެލި އެންދުމުގެ ސަބަބުންނާއި އިގްތިސާދީ އެކި މަސައްކަތްތަކުގެ ސަބަބުން ޖައްވަށްދޫކުރާ ކާބަންޑައިއޮކްސައިޑްގެ މިންވަރު އަންނަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ. އެކަމުގެ ސަބަބުން ދުނިޔޭގެ ހޫނުމިން އިތުރުވަމުން އަންނައިރު ޖައްވުގައި ހުންނަ ކާބަންޑައިއޮކްސައިޑް އާންމުގޮތެއްގައި ހުންނަ ފިނިހޫނުމިނުގައި ހުއްޓާ ޖައްވުން ނައްތާލުމަކީ ސަރުކާރުތަކަށް ކުރަން ބުރަ މަސައްކަތެކެވެ.
އިސްރާއީލުގެ ހައި ހޯޕްސް ލެބުން ވަނީ ދުނިޔޭގެ ފަށަލައިން ބޭރުން ކާބަންޑައިއޮކްސައިޑް ފްރީޒްވާން ގާތްވުމުން ކެޕްޗަރ ކުރާނެ ސިސްޓަމެއް ތަރައްގީކޮށްފައެވެ. އެކުންފުނީގެ ސީއީއޯ ނަދާވް މެންސްޑޯރފް ވިދާޅުވީ ކާބަންޑައިއޮކްސައިޑް ފްރީޒްވާން ކައިރިވުމުން ކެޕްޗަރ ކުރަން ފަސޭހަކަމަށެވެ.
"ކާބަން ފްރީޒް ވަނީ މައިނަސް 80 ޑިގްރީ ސެލްސިއަސްގައި. އެ ފިނިހޫނުމިނުގައި ކާބަން ލިބޭނެ ހަމައެކަނި ތަނަކީ ދުނިޔޭގެ ފަށަލައިން 15 ކިލޯމީޓަރު ނުވަތަ 9 މޭލު މަތިން" ނަދާވް ވިދާޅުވިއެވެ.
އެކުންފުނިން މިހާރު ވަނީ މިކަން ޓެސްޓްކޮށްފައެވެ. ނަދާވް ވިދާޅުވީ ގޭސް އަޅާފައި ހުރި ފުއްޕާހަންތަކެއް ފޮއްޓަކަށް ލާފައި ޖައްވަށް ދޫކުރާއިރު އޭގައި ކާބަން ކެޕްޗަރ ކުރާ ޑިވައިސް އެއް ހަރުކޮށްފައި ހުންނާނެކަމަށެވެ. އަދި ފްރޯޒެން ކާބަން އެއަށް ކެޕްޗަރ ކުރުމަށްފަހު އަނބުރާ ދުނިޔެއަށް ގެނައުމުން އަލުން އެ ރީސައިލްކުރެވިގެންދާނެއެވެ.
ކުންފުނިން މަސައްކަތްކުރަމުން އަންނަނީ ކުރިޔަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މިފަދަ ބޮޑެތި ފުއްޕާހަންތަކެއް އުފެއްދުމަށެވެ. އަދި ދުވާލެއްގެ މައްޗަށް އެތައް ޓަނެއްގެ ކާބަން އެއިން ކެޕްޗަރ ކުރެވޭނެކަމަށާއި ޚަރަދު އުޅޭނީ 100 ޑޮލަރަށްވުރެ ދަށުގައިކަމަށް ނަދާވް ވިދާޅުވިއެވެ. އަދި އެއުފައްދާނީ އެއްތަނުން އަނެއްތަނަށް އުފުލުމަށްވެސް ފަސޭހަގޮތަކަށްކަމަށް ނަދާވް ވިދާޅުވިއެވެ.