ސްރީލަންކަން އެއަރލައިންސްގެ ދަތުރުތައް އައްޑޫ ސިޓީއަށް ފަށާނީ މޯލްޑިވިއަންގެ ފްލައިޓާ ދިމާވާގޮތަށް ކަމަށް އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ނިޒާރު ވިދާޅުވީ ސްރީލަންކަން އެއަރލައިންސްގެ ދަތުރުތައް އައްޑޫ ސިޓީއަށް ފަށާނީ މޯލްޑިވިއަންގެ ފްލައިޓާ ދިމާވާގޮތަށް ކަމަށްވާއިރު ފަސިންޖަރުންގެ ޑިމާންޑް އިތުރުވާނަމަ ޝެޑިއުލް ފްލައިޓްތައް ވެސް އިތުރުވާނެ ކަމަށެވެ.
ޔޫއެލްގެ ފްލައީޓް އައްޑޫއަށް އަންނައިރު މޯލްޑިވިއަންގެ ފްލައިޓެއް އޮންނާނެ ގަމުގެ އެއަރޕޯޓަށް ފަސިންޖަރުން އުފުލަން. މިއީ ހަޤީޤަތުގައި ވެސް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއްއަލީ ނިޒާރު
ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު ސްރީލަންކަން އެއަރލައިންސްއިން އައްޑޫއަށް ކުރާ ފުރަތަމަ ދަތުރު ޝެޑިއުލް ކޮށްފައިވަނީ އަންނަ ޑިސެންބަރު މަހުގެ ހަތަރުވަނަ ދުވަހަށެވެ. އެ އެއާލައިންގެ ރާއްޖޭގެ އޮޕަރޭޓަރު އޭސް އޭވިއޭޝަން މޯލްޑިވްސްއިން މިހާރު ވަނީ ރިޒަވޭޝަނަށް ހުޅުވާލާފައެވެ. ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހު އައްޑޫއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާއިރު ގަމާއި ކޮލަމްބޯއާ ދެމެދު ދިވެއްސެއްގެ ދެކޮޅު ޓިކެޓްގެ އަގަކީ 271 ޑޮލަރެވެ.
2016ން ފެށިގެން އައްޑޫސިޓީ ގަމާއި ކޮލަމްބޯއާ ދެމެދު ކުރަމުން އައި ދަތުރުތައް މިދިޔަ އަހަރު ހުއްޓާލާފައިވަނީ ހަމައެކަނި އައްޑޫއަށް ދަތުރުކޮށްގެން ގެއްލުންވާތީ ކަމަށް ބުނެއެވެ.
މިގޮތަށް ހަމަޖެހިގެން މިދިޔައީ އައްޑޫއާއި ދެކުނުގެ އެހެން ރަށްތައް ގުޅާލުމަށްޓަކައި ޑޮމެސްޓިކް ފްލައިޓް އެޅުމާގުޅޭ ގޮތުން އައްޑޫގެ ވިޔަފާރިވެރިންނާއި ކަމާގުޅޭ ފަރާތްތަކުން ސަރުކާރާއެކު މަޝްވަރާކުރަމުން އަންނަތާ ގިނަ ދުވަސްތަކަކަށް ފަހުއެވެ. މިކަން މިގޮތަށް ހަމަޖެހިގެންދިއުމަކީ ދެކުނުގެ ފަތުރުވެރިކަމަށާއި ވިޔަފާރިތަކަށް ހެޔޮ އަސަރެއް ކުރާނެކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.