އަނިޔާވެރިގޮތަށް ވަޅިން ހަމަލާދީ މަރާލި ސޯސަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދުގެ މަރުގެ ތަޙްގީގަށް ހުރަސް އެޅޭ ކަމެއް ދިވެހި ފުލުހުން ހާމަކުރަންޖެހޭކަމަށް ގާނޫނީ ވަކީލް ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.
ޔާމީންގެ މަރާއި ގުޅިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބޭއްވި ޕެނަލް ޑިކްސަންގައި ވާހަކަ ދައްކަވަމުން ގާނޫނީ ވަކީލް ސުއޫދު ވިދާޅުވީ ޔާމީންގެ މަރުގެ މައްސަލައަކީ އާންމު މައްސަލަހަތާ ގުޅިފައިވާ މައްސަލައަށްވާއިރު ފުލުހުންގެ ތަޙްގީގައި ކުރިއެރުމެއް ލިބޭ ކަމަށްވާނަމަ އެކަން ރައްޔިތުންނަން ހާމަކޮށްދޭން ޖެހޭ ކަމަށެވެ. މި މައްސަލަ ތަޙްގީގް ކުރުމަށް ފުލުހުންނަން ހުރަސް އެޅޭ ކަންކަމުގެ މައުލޫމާތު ޔާމީންގެ އާއިލާއަށް ދޭންޖެހޭ ކަމަށް ސުއޫދު ވިދާޅުވިއެވެ.
ޔާމީން މަރާލީ، އޭނާ އަށް މަރުގެ އިންޒާރު ދެމުންދާ މައްސަލަތައް ޕޮލިހަށް ހުށަހަޅާފައި ވަނިކޮށް ކަމަށާއި އެފަދަ މައްސަލަތައް ނުބަލާތީ ކަންބޮޑުވާ ކަމަށް ސުއޫދު ފާހަގަ ކުރެއްވި އެވެ.
މިފަދަ ހާދިސާއެއް ހިނގުމުން ފުލުހުން އަދާކުރަންޖެހޭ ދެ މައްސޫލިއްޔަތެއްވާ ކަމަށް ފާހަގަކުރަމުން ސުއޫދު ވިދާޅުވި ގޮތުގައި އެ ދެ މައްސޫލިއްޔަތު އަދާކުރާ މަންޒަރު ނުފެންނަ ކަމަށެވެ. އެއީ ޔާމީންގެ މަރާލުމުގައި ބައިވެރި މީހުން ނުވަތަ ކުށްކުރި މީހުން އިންސާފްގެ ކުރިމައްޗަށް ގެނެއުމަށް އެންމެ އެދެވޭ މަސައްކަތް ފުލުހުންނަން ނުކުރެވުމާއި އަސަރުކޮށްފައިވާ އާއިލާއަށް ފުލުހުން އަދާކުރަންޖެހޭ ޒިންމާ އަދާނުކުރެވުން ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ދެކަންތަކުގައި ވެސް އަޅުގަނޑު ދެކޭ ގޮތުގައި އަންނެންކާ ވެސް ފުލުހުން އެ ދަނީ އިހްމާލުވަމުން" ސީދު ވިދާޅުވިއެވެ.
ޔާމީންގެ މަރާ ގުޅިގެން އޭނާގެ އާއިލާގެ ކަންބޮޑުވުމަކީ ކޮބައިތޯ ފުލުހުން ބަލަންޖެހޭނެ ކަމަށާއި މިކަމާއި ގުޅިގެން އާއިލާއަށް އެެއްވެސް ނުރައްކަލެއް ކުރިމަތިވެދާނެތޯ ބަލަންޖެހޭ ކަމަށް ސުއޫދު ވިދާޅުވިއެވެ. އެހެން ނަމަވެސް މި މައްސަލައާ ގުޅިގެން ފުލުހުންގެ ވާޖިބު އަދާކުރުމަށް މަސައްކަތްކުރާ ތަން ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ބަދަލުގައި ފެނިގެންދަނީ ދައުލަތުން ނުވަތަ ފުލުހުން ވެސް ހެކި ނައްތާލަން މަސައްކަތް ކުރާތަން ކަމަށް ސުއޫދު ވިދާޅުވިއެވެ. އަދި މައްސަލާއިގައި ސާމިލްވާ މީހުން އިންސާފުގެ ކުރިމަށްޗަށް ގެނެއުމުގެ ބަދަލުގައި ދައުލަތުން ދެނީ އިދިކޮޅު މެސެޖް ކަމަށް ސުއޫދު ވިދާޅުވިއެވެ.