ފާރމަސީގައި ހުންނަން ޖެހޭ އަސާސީ ބޭސް މެދު ނުކެނޑި ކޮންމެހެން ލިބެން ހުންނަން ޖެހޭނެކަމަށް މިނިސްޓްރީ އޮފް ހެލްތުން ބުނެފިއެވެ.
އެ މިނިސްޓްރީން ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނީ، "އެސެންޝިއަލް މެޑިސިން ފޮރ ފާރމަސީ" ނުވަތަ ފާރމަސީގައި ހުންނަން ޖެހޭ އަސާސީ ބޭސް ލިސްޓަކީ އަބަދުވެސް މެދު ނުކެނޑި މީހުންނަށް ބޭނުންވާ ކޮންމެ ވަގުތެއްގައި، ފަސޭހަކަމާ އެކު ފާރމަސީތަކުގައި ލިބެން ހުންނަން ޖެހޭ ބޭސްތަކެއް ކަމަށެވެ. ނަމަވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭސްތައް ލިބެން ޖެހޭ ދަނޑިވަޅުގައި ނުލިބި، އެންމެ އެކަށޭނަ ގޮތުގައި ފަރުވާ ނުލިބޭތީ، އާންމުންނާއި ޚިދުމަތް ދޭ ފަރާތްތަކުގެ ޝަކުވާ ވެސް ލިބެމުންދާކަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
މިނިސްޓްރީން ވަނީ އަސާސީ ބޭސް މެދު ނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ފާރމަސީތަކަށް އިލްތިމާސްކޮށްފައެވެ. އަދި މިނިސްޓްރީގެ ދަށުން ހިންގަމުން ގެންދާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން ގެންދާ ހުރިހާ ފާރމަސީތަކުގައި އެފަދަ ލިސްޓްގައި ހިމެނޭ ބޭސްތައް މެދު ނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެސް ވަނީ އަންގާފައެވެ.
އޭގެ އިތުރުން، ފާރމަސީ ގައި ހުންނަން ޖެހޭ އަސާސީ ބޭސް ލިސްޓުގައި ހިމެނޭ ބޭހުގެ އިތުރުން އެޕްރޫވްޑް ޑްރަގް ލިސްޓްގައި ހިމެނޭ ޕްރިސްކްރިޕްޝަން އޮންލީ މެޑިސިން ( ޕީއޯއެމް) އާއި އޯވަރ ދި ކައުންޓަރ މެޑިސިން ( އޯޓީސީ) ފާރމަސީތަކުގައި ބެހެއްޓުމުގެ ފުރުސަތު އޮތް ކަމަށް ވެސް ވަނީ ބުނެފައެވެ. އަދި އަސާސީ ބޭސް ފާރމަސީތަކުގައި ލިބެން ހުންނަ މިންވަރު ދެނެގަތުމަށްޓަކައި، ކޮންމެ 3 މަހަކުން އެއްމަހު ފާރމަސީގައި ލިބެންހުރި އަސާސީ ބޭހުގެ ސްޓޮކް ރިޕޯރޓް ބާކީ ހުރިވަރު އެނގޭގޮތަށް އެ އޮތޯރިޓީއަށް އެންގުމަށް ވެސް ވަނީ އެދިފައެވެ.
މިނިސްޓްރީން ވަނީ އެގޮތަށް އަމަލު ނުކުރާނަމަ، ބޭހާ ބެހޭ ޤަވާއިދާއި، ސިއްޚީ ޚިދުމަތް ދިނުމުގެ ޤާނޫނު ނަންބަރ: 2015/29 ގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.
ބޭސް ލިބުމުގެ ދަތިކަމުގެ ޝަކުވާއަކީ ރައްޔިތުން ކުރަމުންދާ އާންމު ޝަކުވާއެކެވެ. މި ކަންކަމަށް ޙައްލެއް ގެނައުމުގެ މަސައްކަތް މިނިސްޓްރީން ފަށާފައިވާއިރު، ބޭސް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައެޅުމުގެ މަސައްކަތް ހެލްތް މިނިސްޓްރީއާއި އާސަންދަ ގުޅިގެން ވަނީ ފަށާފައެވެ. އަދި އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމު، އާސަންދައަށް ކުރާ ހޭދަކުޑަކުރަން އަންނަ އަހަރުން ފެށިގެން ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގު ނުވަތަ މެކްސިމަމް ރީޓެއިލް ޕްރައިސް (އެމްއާރުޕީ) ކަނޑައެޅުމަށް ވެސް ދައުލަތުގެ ބަޖެޓަށް ވަނީ ހުށަހަޅާފައެވެ.