މާލޭ ހުކުރު މިސްކިތް އަލުން ހުޅުވާފައިވާކަމަށް މިނިސްޓްރީ އޮފް އަރޓްސް, ކަލްޗަރ އެންޑް ހެރިޓޭޖްއިން ބުނެފިއެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު މާލޭ ހުކުރު މިސްކިތުގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު އެ މިސްކިތް ވަގުތީގޮތުން ވަނީ ބަންދުކޮށްފައެވެ. މި ހާދިސާ ހިނގާފައިވަނީ ފާރުގައި ހަރުކޮށްފައި ހުރި ފަންކާއެއްގެ ތެރެއިން އައި ކަރަންޓް ޝޯޓެއް ސަބަބުންނެވެ.
މިކަމާ ގުޅިގެން ހެރިޓޭޖް މިނިސްޓްރީން ބުނީ އަލިފާނުގެ ހާދިސާއާ ގުޅިގެން ކަރަންޓުގެ ރައްކާތެރިކަން މިހާރު ކަށަވަރުކޮށްފައިވާ ކަމަށެވެ. އަދި މިވަގުތަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްފަހު ހުކުރު މިސްކިތް ރޭ ފަތިސް ނަމާދުން ފެށިގެން އާންމުންނަށް ހުޅުވާލެވިފައިވާ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ރާއްޖެއެމްވީއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ތޯރިގް ވިދާޅުވީ، ފަންކާތައް ފާރުގައި ހަރުކުރުމަކީ ޒަމާނުއްސުރެން މަނާ ކުރާ ކަމެއް ކަމަށާއި އެކި ދުވަސްވަރު ކަންތައްތައް ދިޔަ ގޮތުން ފާރުގައި ފަންކާތައް ހަރުކުރެވުނު ކަމަށް ތޯރިގް ވިދާޅުވިއެވެ. ނަމަވެސް އެއީ އެއްވެސް އިރެއްގައި ތަރުހީބު ދޭކަމެއް ނޫން ކަމަށް ވިދާޅުވިއެވެ. ފާރުގައި ހަރުކޮށްފައި ހުރި ހުރިހާ ފަންކާތަކެއް ނަގައި, މިސްކިތުގައި ސްޓޭންޑް ފަންކާ ބަހައްޓަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަލިފާނުގެ ސަބަބުން މިސްކިތުގެ ލަކުޑީގެ ބައިތަކުގައި އަލިފާން ހިފާފައިވާ ކަމަށާއި, ބައެއް ލަކުޑިތައް ދެއްޔަށްވާ ހިސާބުގައި ހުރިކަމަށް ތޯރިގް ވިދާޅުވިއެވެ. މިސްކިތުގެ ސެކިއުރިޓީގެ ކަންތައްތައް ބެލެހެއްޓުމަށް ބަޔަކާ ހަވާލުކުރި ނަމަވެސް ހާދިސާ ހިނގި ވަގުތުގައި އެއްވެސް މީހަކު އެތާނގައި ނެތް ކަމަށް ވެސް ތޯރިގް ވިދާޅުވިއެވެ.
ފާއިތުވެދިޔަ ދުވަސްތަކުގައި ކުރިއަށް ދިޔައީ ކަރަންޓު ވައިރިންގ ރަނގަޅުކުރުމުގެ މަސައްކަތް ކަމަށާއި ކަރަންޓުގެ ހުރިހާ މައްސަލައެއް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެ މިނިސްޓްރީގެ ރިސަރޗް އެނަލިސްޓް އަހްމަދު އަލާ ވިދާޅުވީ, މިސްކިތުގައި ހުރި ލިޔެކިޔުންތަކަކީ މިސްކިތަށް ވީހާ ދުވަހެއް ވެފައިވާ ލިޔެކިޔުންތަކެއް ކަމަށާއި, ލިޔުންތެރިކަމުގެ ފޮންޓް ނުވަތަ ފާޑުވެރިކަމަކީ އިސްކަންދަރީ އަކުރު ކަމަށެވެ. އިސްކަންދަރު އަކުރުން އިސްކަންދަރު ރަސްގެފާނު ބެހެއްޓެވި މިސްކިތެއްގައި ހުރީ އިސްކަންދަރީ ފޮންޓުގެ އަސްލު ކަމަށެވެ. އެހެންކަމުން މިފަދަ ތާރީޚީ ތަނަކަށް ގެއްލުން ލިބުމަކީ އަލުން އަނބުރާ އިޔާދަ ނުކުރެވޭވަރުގެ ބޮޑު ގެއްލުމެއް ކަމަށް އަލާ ވިދާޅުވިއެވެ.
މި މިސްކިތަކީ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ދަފްތަރު ކުރެވިފައިވާ މިސްކިތެކެވެ. އެ މިސްކިތުގެ އިމާރާތް ރައްކާތެރިކުރުމަކީ ހެރިޓޭޖް މިނިސްޓްރީގެ ޒިންމާއެކެވެ. މާލޭ ހުކުުރު މިސްކިތަކީ 360 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ އާސާރީ ބިނާއެކެވެ.