ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޖާގައެއް އިނގިރޭސި ކުލަބު ލިވަޕޫލާއި ނެދަލެންޑްސްގެ އަޔަކްސްއިން ހޯދައިފިއެވެ.
ގަދަ 16 ގެ ޖާގައެއް ލިވަޕޫލުން ހޯދީ ބުދަ ދުވަހުގެރޭ ކުޅުނު މެޗުން އެތުލެޓިކޯ މެޑްރިޑް އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ފަށައިގެން ލިވަޕޫލުން މޮޅު ކުޅުމެއް ދެއްކިއިރު، މި މެޗުގައި އެ ޓީމުން ކާމިޔާބުކުރި ދެ ލަނޑުވެސް ޖަހާފައިވަނީ ފުރަތަމަ ހާފުގައެވެ. އެގޮތުން މެޗު ފަށައިގެން 13 ވަނަ މިނެޓުގައި ޓްރެންޓް އަލެކްސަންޑަ-އާނޯލްޑް ހުރަސްކޮށްދިން ބޯޅައަކުން ޑިއޯގޯ ޖޮޓާ ވަނީ ލަނޑެއް ޖަހައި، ލިވަޕޫލަށް ލީޑު ނަގައިދީފައެވެ. އަދި އޭގެ އަށް މިނެޓު ފަހުން އާނޯލްޑް ތަނަވަސްކޮށްދިން އިތުރު ފުރުސަތަކުން ލިވަޕޫލަށް ލީޑު ފުޅާކޮށްދިނީ ސަޑިއޯ މާނޭއެވެ.
އޭގެ ފަހުން މި މެޗުގައި އެތުލެޓިކޯއަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ ފުރަތަމަ ހާފުގައި އެ ޓީމުގެ ފިލީޕޭއަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. އޭނާއަށް ރެފުރީ ރަތް ކާޑެއް ދެއްކީ ލިވަޕޫލުގެ މާނޭއަށް ކުރި ފައުލަކާ ގުޅިގެންނެވެ.
އެއާއެކު އެތުލެޓިކޯގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި ލިވަޕޫލުން ގިނަ ހަމަލާތަކެއް އުފެއްދިއިރު، ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި ޖޮޓާ ވަނީ ލިވަޕޫލަށް އިތުރު ލަނޑެއް ޖަހައިދީފައެވެ. އެކަމަކު އޭގެ ކުރިން ޖޮޓާ އޮފްސައިޑުގައި ހުރުމުން ވީޑިއޯ އެސިސްޓަންޓް ރެފެރީ (ވީއޭއާރް) އިން އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ. އަދި އޭގެ ފަހުން އެތުލެޓިކޯ ލުއިސް ސުއަރޭޒް ޖެހި ލަނޑެއްވެސް އޮފްސައިޑާ ގުޅިގެން ވީއޭއާރުން ބަލައިގެންފައެއް ނުވެއެވެ.
މި މޮޅާއެކު ގަދަ 16 ގެ ޖާގައެއް ލިވަޕޫލުން ކަށަވަރުކުރީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު ހަތަރު މެޗުންވެސް މޮޅުވެ، ސައްތައިން ސައްތަ ރިކޯޑަކާއެކުއެވެ. އެގޮތުން ގްރޫޕް ބީގެ އެއްވަނައިގައި ލިވަޕޫލް އޮތީ ކުޅުނު ހަތަރު މެޗުންވެސް މޮޅުވެ 12 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތީ ބުދަ ދުވަހުގެރޭ އޭސީ މިލާނާ 1-1 ގެ ނަތީޖާއަކުން އެއްވަރުކުރި ޕޯޓޯއެވެ. އެ ޓީމަށް ވަނީ ހަތަރު މެޗުން ފަސް ޕޮއިންޓް ލިބިފައެވެ. އަދި ތިންވަނައިގައި އޮތް އެތުލެޓިކޯއަށް ހަތަރު މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް މިލާނަށް ހަތަރު މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.
މީގެ އިތުރުން ޗެމްޕިއަންސް ލީގުގައި ގަދަ 16 ގެ ޖާގައެއް އަޔަކްސްއިން ހޯދީ ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ބޮރޫޝިއާ ޑޯޓްމުންޑް އަތުން ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.
ޑޯޓްމަންޑުގެ ދަނޑުގައި ކުޅުނު މި މެޗުގެ 29 ވަނަ މިނެޓުގައި އެ ޓީމުގެ މެޓްސް ހަމެލްސްއަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ. އެކަމަކު އޭގެ އިރުކޮޅެއް ފަހުން ލިބުނު ޕެނަލްޓީއަކުން ކެޕްޓަން މާކޯ ރެއުސް ވަނީ ޑޯޓްމަންޑަށް ލީޑު ނަގައިދީފައެވެ.
މި މެޗުގައި އަޔަކްސްއިން އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލީ ދެވަނަ ހާފުގައި ޖެހި ލަނޑުތަކާއެކުއެވެ. އެގޮތުން މެޗުގެ 72 ވަނަ މިނެޓުގައި ޑޫސާން ޓަޑިޗް އަޔަކްސްއަށް ނަތީޖާ އެއްވަރުކޮށްދިންއިރު، އެ ޓީމަށް ލީޑު ނަގައިދިން ލަނޑު އޭގެ 11 މިނެޓު ފަހުން ކާމިޔާބުކޮށްދިނީ ސަބެސްޓިއަން އަލެއާއެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ޑޭވީ ކްލާސެން ވަނީ ލަނޑެއް ޖަހައި، އަޔަކްސްގެ ލީޑު ފުޅާކޮށްދީފައެވެ.
މި މޮޅާއެކު ގަދަ 16 ގެ ޖާގައެއް އަޔަކްސްއިން ކަށަވަރުކުރީ ބާކީ ދެ މެޗު އޮއްވައި ސައްތައިން ސައްތަ ރިކޯޑަކާއެކުއެވެ. އެގޮތުން ގްރޫޕް ސީގެ އެއްވަނައިގައި އަޔަކްސް އޮތީ ކުޅުނު ހަތަރު މެޗުންވެސް މޮޅުވެ 12 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ޑޯޓްމުންޑާއި ތިންވަނައިގައި އޮތް ސްޕޯޓިންއަށް ވަނީ ހަތަރު މެޗުން ހަ ޕޮއިންޓް ލިބިފައެވެ. މި ގްރޫޕުގެ އަނެއް މެޗުގައި ބުދަ ދުވަހުގެރޭ ސްޕޯޓިންއިން ވަނީ 4-0 ގެ ނަތީޖާއަކުން ބެސިކްޓަސް ބަލިކޮށްފައެވެ.