ކ. މާލެ
|
2 ނޮވެންބަރ 2021 | އަންގާރަ 21:53
ކޮޕް26ގެ ހަވާސާގައި ކުރިއަށްދިޔަ "ކޮމަންވެލްތު ލީޑަރސް އެޓް ދަ ވޯރލްޑް" ލީޑަރސް ސަމިޓްގައި ރައީސް ވާހަކަފުޅުދައްކަވަނީ
ކޮޕް26ގެ ހަވާސާގައި ކުރިއަށްދިޔަ "ކޮމަންވެލްތު ލީޑަރސް އެޓް ދަ ވޯރލްޑް" ލީޑަރސް ސަމިޓްގައި ރައީސް ވާހަކަފުޅުދައްކަވަނީ
ރައީސް އޮފީސް
ވޯރލްޑް ލީޑަރސް ސަމިޓް
ދިވެހިންނަށް ދިރިއުޅުމަށް ރައްކާތެރި މާހައުލެއް ލިބުން ޙައްޤު - ރައީސް ޞާލިޙު
ދިވެހިންނަކީވެސް، އަބަދު ކާރިސާއެއް ކުރިމަތިވެދާނެކަމުގެ ބިރުވެރިކަމަކާއި ނުލައި ދިރިއުޅެން ޙައްޤުވާ ބައެއް
މޫސުމަށް އަންނަ ބަދަލުތަކުން ކުރިމަތިވާ ނުރައްކަލަކީ މުޅި ދުނިޔެ ތަހައްމަލުކުރަންޖެހޭ ކަމެއް
'ކްލައިމެޓް ފައިނޭންސް' ފަސޭހަކަމާއެކު، އެއަށް ބޭނުންޖެހިފައިވާ ޤައުމުތަކަށް ލިބޭނެ މަގުފަހިކުރަންޖެހޭ

ދުނިޔޭގެ ބޮޑެތި ޤައުމުތަކުގައި ދިރިއުޅޭ ފަރާތްތަކެކޭ އެއްފަދައިން، ދިވެހިންނަށްވެސް ދިރިއުޅުމަށް ރައްކާތެރި މާހައުލެއް ލިބުން ޙައްޤުކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ކޮޕް26ގެ ހަވާސާގައި ކުރިއަށްދިޔަ ކޮމަންވެލްތު "ލީޑަރސް އެޓް ދަ ވޯރލްޑް ލީޑަރސް ސަމިޓް"ގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިންގެ އާންމު ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރުތަކާއި، ދިވެހިން 'ކްލައިމެޓް ރެފިއުޖީން'ނަށް ވުމުގެ ބިރު އެބައޮތްކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މި ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ, ދިވެހިރާއްޖެއަކީ ކުޑަ ޤައުމެއްކަމުގައި ވީ ނަމަވެސް، ދިވެހިންނަކީވެސް އަބަދު ކާރިސާއެއް ކުރިމަތިވެދާނެކަމުގެ ބިރުވެރިކަމަކާއި ނުލައި ދިރިއުޅެން ޙައްޤުވާ ބައެއްކަމުގައި ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ކުރިއަށްގެންދަވަމުން އެމަނިކުފާނު ވަނީ, މޫސުމަށް އަންނަ ބަދަލުތަކުން ކުރިމަތިވާ ނުރައްކަލަކީ މުޅި ދުނިޔެ ތަހައްމަލުކުރަންޖެހޭ ކަމެއްކަމުގައި ފާހަގަކުރައްވައި, މި ވަގުތު އެންމެން އެކަތިގަނޑަކަށްވެގެން އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށާއި ފާގަތިކަމަށް މަސައްކަތްކުރުމަށް ބާރުއަޅުއްވާފައެވެ. ހަމަ އެއާއެކު އެމަނިކުފާނު ވަނީ, ނިސްބަތުން ރާއްޖެއިން ޖައްވަށް ބޭރުކުރާ ވިހަ ގޭސް މަދުކަމުގައިވީ ނަމަވެސް, ރާއްޖެއިން ދަނީ މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި, ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމަށް މަސައްކަތްކޮށް އެކަމަށް މީހުން އަހުލުވެރިކުރުމުގައި އިސްނަގައި އެހެން ޤައުމުތަކަށް ނަމޫނާ ދައްކަމުންކަމުގައި ވިދާޅުވެފައެވެ. އެގޮތުން އެމަނިކުފާނު ވަނީ ރާއްޖެއިން 2030 ވަނަ އަހަރަށް ނެޓް-ޒީރޯ ޤައުމަކަށް ވުމަށް ކަނޑައަޅާފައިވާ ޢަޒުމުގެ މައްޗަށް އަލިއަޅުއްވާލައްވައި, އެހެން ޤައުމުތަކުން އެކަހަލަ އަޒުމެއް ކަނޑަނާޅަކީ ކީއްވެގެންތޯ ސުވާލުއުފައްދަވާފައެވެ.

ކޮމަންވެލްތު ބައްދަލުވުމުގައި, ރާއްޖެފަދަ ކުދި ޤައުމުތަކުން މޫސުމާބެހޭ ނުރައްކާތަކުން ސަލާމަތްވުމަށް ކުރަން ކަނަޑައަޅައިފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ 'ކްލައިމެޓް ފައިނޭންސް' ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް މަގުފަހިކުރުމަށް ބާރުއަޅުއްވާފައެވެ. އަދި މިހާރު އޮތް 'ކްލައިމެޓް ފައިނޭންސް' ހޯދުމަށް ކުރަންޖެހޭ ބުރަ މަސައްކަތްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ. ހަމައެއާއެކު އެމަނިކުފާނު ވަނީ ކޮމަންވެލްތުން މިފަދަ ކަންކަމުގައި އިސްނަގައި 'ކްލައިމެޓް ފައިނޭންސް' ފަސޭހަކަމާއެކު އެއަށް ބޭނުންޖެހިފައިވާ ޤައުމުތަކަށް ލިބޭނެ މަގުފަހިކުރުމަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ 'ކޮމަންވެލްތު ކްލައިމެޓް ފައިނޭންސް އެކްސެސް ހަބް'ގެ މަސައްކަތް އިތުރަށް ފުޅާކުރުމަށްވެސް އެދިވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން، އެމަނިކުފާނު ވަނީ ކޮޕް26ގެ ބައްދަލުވުމުގައި ނިންމާ ނިންމުންތަކަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް މިލިއަން ބަޔަކު ބަރޯސާވާމިންވަރު އަންގައިދެއްވައި، ދުނިޔޭގެ ޤައުމުތަކުގެ ލީޑަރުން ކޮޕް26ގެ ބައްދަލުވުމުގައި ރަނގަޅަށް ގޮތް ނިންމެވުމަށް ބާރުއަޅުއްވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ ކޮޕް26ގެ ބައްދަލުވުމުގައި ރަނގަޅު ނިންމުންތައް ނުނިންމިއްޖެނަމަ، އިތުރު އެތައް ބިލިއަން މީހުނަށް އޭގެ ނޭދެވޭ އަސަރު ކުރާނެކަމަށާއި، އޭގެތެރޭގައި މުޅި ރާއްޖޭގެ ރައްޔިތުންނަށް އޭގެ ނޭދެވޭ އަސަރުކުރާނެކަމުގައި ވިދާޅުވެފައެވެ. އަދި ހަމަ އެއާއެކު އެމަނިކުފާނު ވަނީ މި ބައްދަލުވުމުގައި ތިއްބެވި ހުރިހާ ބޭފުޅުން ވެސް ރަނގަޅު ނިންމުން ނިންމެވުމަށް ތަކުރާރުކޮށް އެދިވަޑައިގެންފައެވެ.

- ކޮމެންޓް