ކ. މާލެ
|
1 ނޮވެންބަރ 2021 | ހޯމަ 13:45
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް މަރިޔަމް ޝިއުނާ
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް މަރިޔަމް ޝިއުނާ
ރާއްޖެއެމްވީ
ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަން
ވެންޓިލޭޓަރު މައްސަލައިގައި ހިމެނޭ 11 މީހުންނަށް އިތުރު ދައުވާތަކެއް!
ތަޙުޤީޤު ކުރިއަށް ގެންގޮސްފައިވަނީ ޖޮއިންޓް އިންވެސްޓިގޭޝަނަކުން
ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާ ހިމެނޭ
އޭސީސީގެ ނިންމުން ޕީޖީ އޮފީހަށް ފޮނުވާފައިވަނީ 31 އޮކްޓޫބަރު 2021 ގައި

ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނުގެ ޢަމަލުތައް ހިންގާފައިވާ މައްސަލައިގައި 11 ފަރާތެއްގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލައާ ގުޅިގެން، ތަޙުޤީޤު އިތުރަށް ފުރިހަމަކުރުމަށް ޕީޖީ އޮފީހުން އަންގާފައިވާ ކަންކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އަލުން ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީން މި މައްސަލައިގައި ނިންމާފައިވާގޮތް ޕީޖީ އޮފީހަށް ފޮނުވާފައިވަނީ 31 އޮކްޓޫބަރު 2021 ގައެވެ.

މިމައްސަލަ އަލުން ޕީޖީ އޮފީހަށް ފޮނުވިއިރު، މި މައްސަލައިގައި ދަޢުވާ ކޮށްދިނުމަށް އެދި ހުށަހަޅާފައިވާ 11 ފަރާތަށް އިތުރު ދަޢުވާތަކެއް ކޮށްދިނުމަށް އެދިފައިވާނެކަމަށް އޭސީސީން މައުލޫމާތު ދެއެވެ. އެގޮތުން ވެންޓިލޭޓަރުތައް ހޯދުމުގެ މަސައްކަތާގުޅޭ އެއްބަސްވުން އެކުލަވާލުމާއި ވެންޓިލޭޓަރުތައް ހޯދުމުގެ މުޅި ޕްރޮސެސްގައި ދައުލަތަށް ގެއްލުންވާގޮތަށް ހިންގާފައިވާ ކަންތައްތައް ފާހަގަކޮށް، މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަތަކުގެ މައްޗަށް ޤާނޫނު ނަންބަރު: 02/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ޤާނޫނު) 13 ވަނަ މާއްދާގެ ދަށުން، ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާކުރުމަށް ވަނީ އެދިފައެވެ.

އޭގެ އިތުރުން، 14 އޮކްޓޫބަރު 2020 ގައި މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ 11 ފަރާތަށް ދަޢުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމާމެދު ކޮމިޝަނުން އޭރު ނިންމާފައިވާ ނިންމުމަށް ބަދަލެއް ގެނެސްފައެއް ނުވާނެކަން އޭސީސީން ފާހަގަކުރެއެވެ.

މި މައްސަލައިގައި ހިމެނޭ ފައިސާ ދައުރުވެފައިވާ ގޮތާއި އެ ފައިސާއިން އެއްވެސް މިންވަރެއް މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތަކަށް ނުވަތަ އެއިން ފަރާތަކާ ގުޅުން އޮތް ފަރާތަކަށް ލިބިފައިވޭތޯ ބެލުމަށް ކޮށްފައިވާ މަސައްކަތުން މިހާތަނަށް އޭގެތެރެއިން ފަރާތަކަށް އެފަދަ ފައިސާއެއް ލިބިފައިވާކަން ފާހަގަކުރެވިފައިނުވާކަމަށް އޭސީސީން މައުލޫމާތު ދެއެވެ. މިމައްސަލައިގައި ހިމެނޭ އެއްވެސް ފަރާތަކަށް ނުވަތަ އެފަދަ ފަރާތަކާ ގުޅުންހުރި ފަރާތަކަށް، މި މައްސަލައާ ގުޅުންހުރި އެއްވެސް ފައިސާއެއް ލިބިފައިވޭތޯ ބެލުމަށް އަދިވެސް އިތުރަށް ބަލައި އެފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ، އެ މައްސަލައެއްގެ ތަޙުޤީޤު ވަކިން ކުރިއަށް ގެންދާގޮތަށް އޭސީސީން ވަނީ ނިންމާފައެވެ.

މި މައްސަލައިގެ ތަޙުޤީޤު ކުރިއަށް ގެންގޮސްފައިވަނީ، ކޮމިޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތާއެކު ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ތެރެއިންނެވެ. 


Advertisement
- ކޮމެންޓް