ތައިލެންޑަށް ގޮސް ކަރަންޓީނުވާން ނުޖެހޭ ލިސްޓުގައި ދިވެހިރާއްޖެ ހިމަނައިފިއެވެ.
އެ ގައުމުން އާންމުކުރި މި ލިސްޓުގައި ޖުމްލަ 63 ގައުމެއްގެ ނަން ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި އިންޑިއާއާއި ސްރީލަންކާގެ އިތުރުން މެލޭޝިޔާވެސް ހިމެނެއެވެ.
ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ތައިލެންޑް މިހާރު ވަނީ ތައްޔާރުވެފައެވެ. އަންނަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު, ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ ފަތުރުވެރިންނަށް އެ ޤައުމު ހުޅުވާލުމަށް ނިންމާފައިވާއިރު, ހޮޓެލްތަކާއި ކާބޯތަކެތި ވިއްކާ ފަރާތްތަކުން އަންނަނީ ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ތައްޔާރުވަމުންނެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި ފަތުރުވެރިން އެންމެ ގިނައިން ދާ ތައިލެންޑްގައި ފަތުރުވެރިކަން ކޮވިޑުގެ ކުރިން ހުރި މިންވަރަށް އަނބުރާ އިޔާދަވުމަށް ދުވަސްތަކެއް ނަގާނެއެވެ.
2019 ވަނަ އަހަރު އެ ގައުމަށް 40 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު 2021 ވަނަ އަހަރު ފުރަތަމަ 8 މަހު ޒިޔާރަތްކޮށްފައިވަނީ އެންމެ 73،000 ފަތުރުވެރިންނެވެ. މިއީ ފާއިތުވި 20 އަހަރާއި އަޅާބަލާއިރު އެންމެ މަދުން ފަތުރުވެރިން އެ ގައުމަށް ޒިޔާރަތް ކުރި މުއްދަތެވެ.
ފަތުރުވެރިކަމުގެ ޞިނާޢަތް އަލުން އަނބުރާ ކޮޅަށް ޖެހުމަށްޓަކައި އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން މަސައްކަތް ކުރަމުންދާއިރު ދުވާލެއްގެ މައްޗަށް ފެންނަ ކޮވިޑު ކޭހުގެ އަދަދު އަދިވެސް އުޅެނީ 10،000ގައެވެ.
އަންނަ އަހަރުގެ މެދު ތެރޭގައި ފަތުރުވެރިކަމުގެ ޞިނާޢަތް ރަނގަޅުވާނެ ކަމަށް އެ ގައުމުން ވަނީ ލަފާކޮށްފައެވެ. އެގޮތުން އަންނަ އަހަރުގެ މާރޗް މަހާ ހަމައަށް މިލިއަނެއްހާ ފަތުރުވެރިން ޒިޔާރަތް ކުރާނެ ކަމަށް ލަފާކޮށްފައިވާއިރު, 2022 ވަނަ އަހަރު, ފަތުރުވެރިކަމުގެ ޞިނާޢަތުން 30 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.
ނޮވެމްބަރުގެ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ ފަތުރުވެރިންނަށް ކޮވިޑުގެ ނެގެޓިވް ނަތީޖާއާއެކު އެ ގައުމުގެ ކޮވިޑުގެ ކޭސްތައް މަދު 40 ސަރަހައްދަކަށް ދަތުރުކުރެވޭނެއެވެ.