ކ. މާލެ
|
31 އޮކްޓޯބަރ 2021 | އާދީއްތަ 21:01
މާލޭގެ މަގުމަތި
މާލޭގެ މަގުމަތި
އަތޫފް އާތިފް
ކޮވިޑް އަޕްޑޭޓް
ދެ ދުވަހަށްފަހު ކޮވިޑް އަޕްޑޭޓް އާންމުކޮށްފި
29 ވަނަ ދުވަހު ކޮވިޑަށް ޕޮޒިޓިވްވީ 98 މީހުން
30 ވަނަ ދުވަހު ޕޮޒިޓިވްވީ 53 މީހުން
ވެކްސިން އަޕްޑޭޓްވެސް އާންމުކޮށްފައެއް ނުވޭ

ފާއިތުވި ދެ ދުވަހުގެ ކޮވިޑް އަޕްޑޭޓް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމުކޮށްފިއެވެ.

އެޗްޕީއޭއިން އެންމެ ފަހުން ކޮވިޑް އަޕްޑޭޓް އާންމުކޮށްފައިވަނީ އޮކްޓޯބަރު 28 ވަނަ ދުވަހުއެވެ. އޭގެ ފަހުން ދިމާވި މައްސަލައަކާ ގުޅިގެން 29 އަދި 30 ވަނަ ދުވަހު ކޮވިޑް އަޕްޑޭޓް އާންމުކޮށްފައެއް ނުވެއެވެ.

މިހާރު އެ ދެ ދުވަހުގެ މައުލޫމާތު އާންމުކޮށްފައިވާއިރު، އެޗްޕީއޭއިން ބުނީ 29 ވީ ހުކުރު ދުވަހު ޕޮޒިޓިވްވީ 98 މީހުން ކަމަށެވެ. އެދުވަހު 2،628 ސާމްޕަލްއެއް ޓެސްޓުކޮށްފައިވާކަމަށާއި، ޕޮޒިޓިވްވި 98 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 18 މީހުންނާއި، އަތޮޅުތަކުން ޕޮޒިޓިވްވި 76 މީހުން އަދި ރިސޯޓުތަކުން ޕޮޒިޓިވްވި 4 މީހުން ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

މީގެ އިތުރުން 30 ވީ ހޮނިހިރު ދުވަހު ޓެސްޓުކޮށްފައިވަނީ 1،245 ސާމްޕަލްއެއް ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. މީގެ ތެރެއިން ޕޮޒިޓިވްވީ 53 މީހުންނެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 13 މީހުންނާއި، އަތޮޅުތެރެއިން ޕޮޒިޓިވްވި 37 މީހުން އަދި ރިސޯޓުތަކުން ޕޮޒިޓިވްވި 3 މީހުންނެވެ. މިއާއެކު މުޅި ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ 87،585 އަށް ވަނީ އަރާފައެވެ.

މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 1،723 ކޭހެއް ވާއިރު، ހޮސްޕިޓަލުތަކުގައި އެޑްމިޓުކޮށްގެން ފަރުވާދެމުންދަނީ 29 މީހަކަށް ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. އަދި 85،659 މީހަކު ބަލިން ފަސޭހަވެފައިވާއިރު، 243 މީހަކު ވަނީ ބަލީގައި ނިޔާވެފައެވެ.

ދިމާވި މައްސަލައަކާއި ގުޅިގެން އެޗްޕީއޭއިން ކޮވިޑް އަޕްޑޭޓް އާންމުކޮށްފައި ނުވާއިރު، ފާއިތުވި ދެ ދުވަހު ވެކްސިން އަޕްޑޭޓުވެސް އާންމުކޮށްފައެއް ނުވެއެވެ.


Advertisement
- ކޮމެންޓް