އާސަންދަ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރުގެ މަގާމުން މައުމޫން އަބްދުއްސަމަދު ( މާންބެ) ވަކިކޮށްފި ކަމުގެ އަޑުތައް ފެތުރިއްޖެއެވެ.
އާސަންދައިގެ އެމްޑީގެ މަގާމުން މައުމޫން ވަކިކޮށްފައިވާ ކަމަށް ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވީ ނަމަވެސް އެކަމާ ގުޅޭ ގޮތުން މައުލޫމާތު ސާފް ކުރުމަށް ޕްރެވެޓައިޒޭޝަން ބޯޑުގެ ޗެއާމަން މުހައްމަދު ނިޒާރަށް ގުޅާލުމުން ވިދާޅުވީ އާސަންދައިގެ އެމްޑީގެ މަގާމުން މައުމޫން ވަކި ކުރި ކަމަށް ބުނެ ރިޕޯޓް ކޮށްފައިވާ ޚަބަރަކީ ސައްހަ ޚަބަރެއް ނޫން ކަމަށެވެ.
ނިޒާރު ވިދާޅުވީ އާސަންދައިގެ އެމްޑީގެ މަގާމުން މައުމޫން ވަކި ކުރަން ރައީސް އޮފީހުން ނިންމި ކަމުގެ އެއްވެސް މައުލޫމާތެއް ޕްރައިވެޓައިޒޭޝަން ބޯޑަށް ލިބިފައި ނުވާ ކަމަށެވެ.
އެގޮތުން ނިޒާރު ވިދާޅުވީ ސަރުކާރު ކުންފުނިތަކުގެ ބޯޑުގައި ތިއްބަވާ ބޯޑް މެމްބަރުން ވަކިކުރުމަކީ ގާނޫނުގައި ބުނެފައިވާ ގޮތުގައި އެ ބޯޑުގެ ޒިންމާއެއް ކަމަށާއި މައުމޫން ވަކިކުރުމަށް ޕްރަވަޓައިޒޭޝަން ބޯޑުން ނިންމާފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ އެފަދަ އެއްވެސް ލިޔުމެއް ވެސް މައުމޫނަށް ދީފައި ނުވާނެ ކަމަށެވެ.
މީގެ އިތުރުން ނިޒާރު ވިދާޅުވީ އާސަންދަ ކުންފުނީގެ އެމްޑީ މަގާމުން މައުމޫން ވަކިކޮށްފި ނަމަ އެކަން ޓްވީޓް ކުރައްވާނެ ކަމަށާއި އަދި މީގެ ކުރިން ކުންުފނިތަކުގެ އިސްވެރިން މަގާމުން ވަކިކުރުމަށް ފަހު ވެސް އެކަން އެގޮތަށް ކުރައްވާފައިވާ ކަމަށެވެ.
މައުމޫނު އާސަންދައިގެ އިސް މަގާމުން ވަކިކުރި ކަމުގެ އަޑުތައް ފެތުރިފައިވާއިރު މިދިޔަ ހަފުތާގެ ތެރޭގައި ވަނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ސީއީއޯ ކަމުގެ މަގާމުގައި ހުންނެވި މުޖުތަބާ ޖަލީލު ވެސް މަގާމުން ވަކި ކުރައްވައި އެހެން މަގާމަކަށް ބަަލުކޮށްފަ އެވެ.