ކ. މާލެ
|
31 އޮކްޓޯބަރ 2021 | އާދީއްތަ 09:19
ގަލޮޅު ސްކޫލް
ގަލޮޅު ސްކޫލް
ފޭސްބުކް
ޖިންސީ ގޯނާގެ މައްސަލަ
ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ސްކޫލްގެ މަސައްކަތު ހުރިހާ އަންހެން މުވައްޒަފުން ސަސްޕެންޑްކޮށްފި
މި މައްސަލަ ތަހުގީގު ކުރަމުން އަންނާތީ މިކަމާ ގުޅުން ހުރި 2 މީހަކު މީގެ ކުރިން ވަނީ ސަސްޕެންޑްކޮށްފައި
ކުއްޖާ ފާހާނާއަށް ގެންދަން ހަވާލުކުރި ވަކި މީހެއް ނޭނގޭ

ގަލޮޅު ސްކޫލުގައި ކިޔަވާ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި މަސައްކަތު އަންހެނަކަށް ތުހުމަތުކުރެވިފައިވާތީ، އެ ސްކޫލުގެ މަސައްކަތު ހުރިހާ އަންހެން މުވައްޒަފުން ހޮނިހިރު ދުވަހު ސަސްޕެންޑްކޮށްފިއެވެ.

މީގެ ކުރިން ވަނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނާތީ މިކަމާ ގުޅުން ހުރި 2 މީހަކު ސަސްޕެންޑްކޮށްފައެވެ. ސްކޫލްގެ މެނޭޖްމަންޓުން ބެލެނިވެރިންނަށް ފޮނުވާފައިވާ ދެންނެވުމެއްގައި ބުނެފައިވަނީ، މަސައްކަތު ހުރިހާ އަންހެނުން ހޮނިހިރު ދުވަހުން ފެށިގެން ވަޒީފާއިން އެކަހެރިކޮށްފައިވާ ކަމަށާއި، ކުދިން ދެން ފާހާނާއަށް ދާނީ ޓީޗަރުންގެ ބެލުމުގެ ދަށުން ކަމަށެވެ.

ހަތަރު އަހަރުގެ އަންހެން ކުއްޖާއަށް ޖިންސީ އަނިޔާވެފައިވަނީ މަސައްކަތު މީހެއްގެ ބެލުމުގެ ދަށުން ފާހާނާއަށް ފޮނުވި ފަހުން ކަމަށް ކުއްޖާގެ ބެލެނިވެރިން ވަނީ މައުލޫމާތު ދީފައެވެ. ނަމަވެސް ކުއްޖާ ފާހާނާއަށް ގެންދަން ހަވާލުކުރި ވަކި މީހަކު ނޭނގޭ ކަމަށް ސްކޫލުން ބުނެފައިވާ ކަމަށް ވެސް އާއިލާއިން ވަނީ ބުނެފައެވެ.

ސުކޫލުން ބުނެފައިވަނީ ފާހާނާކުރުމަށް ފަހު އެހީތެރިކަން ބޭނުންވާ ދަރިވަރަކު ހުރި ނަމަ އެކަން ބެލެނިވެރިޔާއަށް އަންގާނެ ކަމަށެވެ. މެނޭޖްމަންޓުގެ ދެންނެވުމުގައިވާ ގޮތުން މިހާރު ވަނީ ސްކޫލްގެ 18 ތަނެއްގައި ސީސީޓީވީ ކެމެރާ ހަރުކޮށްފައެވެ. އަނިޔާ ލިބުނު ކުއްޖާގެ އާއިލާ އިން ވަނީ އެކަން ހިނގި ދުވަހު ވެސް ސީސީޓީވީ ފުޓޭޖަށް އެދިފައެވެ. ނަމަވެސް ސުކޫލުގެ އެއްވެސް ފްލޯއެއްގައި އޭރު ކެމެރާ ހަރުކޮށްފައި ނުވާ ކަމަށް ސުކޫލުން މައުލޫމާތު ދީފައިވެއެވެ.

ކުއްޖާގެ ބެލެނިވެރިން ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ކުއްޖާ ހަވާލުކުރެވުނު މީހެއް އާންޓީ ހަނދާނެއް ނެތް ކަމަށެވެ. އެ ކުދިން ތިބި ފްލޯގެ ފާހާނާއަށް ގެންދަން މަސައްކަތު މީހަކާ ހަވާލުކުރި ކަމަށް އާންޓީ ބުންޏަސް ގެންދިޔައީ ގްރައުންޑް ފްލޯގެ ފާހާނާއަކަށް ކަމަށެވެ.

އެ ކުޑަ ކުއްޖާއަށް ތަދުވާން ފެށުމުން ވީގޮތް ބަލަން އޭޑީކޭއަށް ގެންގޮސް ހަމަ އެ ދުވަހު ހެދި ޓެސްޓުގެ ރިޕޯޓުގައިވާ ގޮތުން، އެ ކުއްޖާގެ ޖިންސީ ގުނަވަނަށް އަނިޔާ ވެފައިވެއެވެ. އެ ރިޕޯޓުގައިވާ ގޮތުން ޖިންސީ ގުނަވަނުގެ އެތެރެއިން 1.5 ސެންޓި މީޓަރަށް ވަނީ ކަނޑައިގެން ގޮސްފައެވެ.

މި މައްސަލައިގައި ސްކޫލުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރާ ކަމަށް ތުހުމަތުކުރި ނަމަވެސް ސްކޫލްގެ އިސްވެރިއަކު ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ތަހުގީގު ކުރިއަށްދާ މައްސަލައަކަށް ވާތީ އެއްވެސް އެއްޗެއް ވިދާޅުވެވެން ނެތް ކަމަށެވެ. އަދި އެ ސްކޫލް ހިންގަނީ އެޑިއުކޭޝަން މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމަށްވާތީ މައުލޫމާތު ދެވޭނީ މިނިސްޓްރީގެ ހުއްދައާ އެކުގައި ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

- ކޮމެންޓް