ކ. މާލެ
|
27 އޮކްޓޯބަރ 2021 | ބުދަ 12:00
އޭސީސީން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާ ވާހަކަ ދައްކަވަނީ
އޭސީސީން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާ ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
އެމްއެމްޕީއާރްސީގެ ޚިޔާނަތް
8 މީހެއްގެ މައްސަލަ ޕީޖީއަށް ފޮނުވާފައިވާކަމަށް އޭސީސީން ބުނި ނަމަވެސް، އެކަން ޕީޖީން ދޮގުކުރޭ
މިއަހަރުގެ ފަހުކޮޅު އިތުރު 20 މައްސަލައިގައި ދައުވާކުރަން ފޮނުވޭނެ
ގާތްގަނޑަކަށް 8 ވަރަކަށް ކޭސް ޕީޖީ އޮފީހުގައި ވާނެކަމަށް ވިދާޅުވި
މުވައްޒަފުންގެ ދަތިކަން ޙައްލު ކުރުމަށްޓަކައި އިތުރު 12 މުވައްޒަފުން ބޭނުންވާނެ

އެމްއެމްޕީއާރްސީގެ ޚިޔާނާތާ ގުޅޭ 8 މައްސަލައެއް މިހާރުވެސް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނި ނަމަވެސް، އެވާހަކަ ޕީޖީ އޮފީހުން ދޮގުކޮށްފިއެވެ.

އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވަނީ ގާތްގަނޑަކަށް 8 ވަރަކަށް ކޭސް ޕީޖީ އޮފީހުގައި ވާނެކަމަށް ވިދާޅުވެފައެވެ.

އެހެންނަމަވެސް، އެކަމާ ގުޅޭ ގޮތުން ރާއްޖެއެމްވީން ސުވާލުކޮށްލުމުން ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރ އަހުމަދު ޝަފީއު ވިދާޅުވީ، ޕީޖީ އޮފީހަށް ފޮނުވާފައި އޮތީ ހަމައެކަނި ޔޫތު މިނިސްޓަރ މަހުލޫފުގެ މައްޗަށް ދައުވާކޮށްދޭން އެދިފައިވާ މައްސަލައެއް އެކަނި ކަމަށެވެ. އެ މައްސަލަ ވެސް ޕީޖީ އޮފީހުގައި ބާއްވާފައި އޮތީ އިތުރަށް ސާފުކުރަން ޖެހޭ ކަންކަން ހުރުމުން ކަމަށް ޝަފީއު ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން އޭސީސީން ބުނީ، އެމްއެމްޕީއާރްސީ ތަހުގީގު ހިންގަމުންދަނީ ޖޮއިންޓް އިންވެސްޓިގޭޝަން ޓީމަކުން ކަަމަށާއި، މި ތަހުގީގުގެ ތެރެއިން ޕީޖީއަށް ފޮނުވަންޖެހޭ މައްސަލަތައް އޭސީސީ އަދި ފުލުހުން މެދުވެރިކޮށްވެސް ޕީޖީ އޮފީހަށް ފޮނުވާފައިވާނެ ކަމަށެވެ. އެގޮތުގެ މަތިން 8 މައްސަލައެއް ފޮނުވާފައިވާކަން އޭސީސީން ފާހަގަ ކުރެއެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން ޝިއުނާ ވަނީ އޭސީސީގެ މަސައްކަތްތައް ލަސްކަން ޤަބޫލު ކުރައްވާކަމަށް ވިދާޅުވެފައެވެ. އެގޮތުން އޭސީސީގެ ތަހުގީގުތައް ލަސްވާކަން ޤަބޫލު ކުރައްވާކަން ފާހަގަކުރައްވައި ޝިއުނާ ވިދާޅުވީ، އިތުރު 4 މިލިއަން ރުފިޔާގެ ބަޖެޓަކާއި، މުވައްޒަފުންގެ ދަތިކަން ޙައްލުކުރުމަށްޓަކައި އިތުރު 12 މުވައްޒަފުން ބޭނުންވާނެ ކަމަށެވެ. އަދި އެވްރެޖްކޮށް އޭސީސީން އެމްއެމްޕީއާރްސީގެ ތަހުގީގުތަކުގައި މައްސަލައަކަށް 8 މަސް ހޭދަވާކަން ވެސް ޝިއުނާ ފާހަގަކުރެއްވިއެވެ.

ޝިއުނާ ވިދާޅުވީ، މި އަހަރުގެ ފަހުކޮޅު އިތުރު 20 މައްސަލައިގައި ދައުވާކުރަން ފޮނުވޭނެކަމަށް އުއްމީދު ކުރައްވާ ކަމަށާއި، އިތުރު 128 މައްސަލައިގެ ތަހުގީގު ނިމޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ބޮޑު ޚިޔާނާތުގެ މައްސަލައިގައި ޝާމިލުވާކަމަށް ތުހުމަތު ކުރެވޭ 30 މީހެއްގެ މައްސަލަ، ޚާއްސަ އިސްކަމެއް ދީގެން ބަލަމުން އަންނަ ކަމަށް އޭސީސީން މީގެ ކުރިން ވެސް ވަނީ ބުނެފައެވެ.

ކޮރަޕްޝަން ފަދަ ކުށްތައް ތަހުޤީޤުކޮށް ފިޔަވަޅު އެޅުމަށް ޤާނޫނުން މަތިކޮށްފައިވާ މުއައްސަސާއަކީ އޭސީސީ ނަމަވެސް، އެ ކޮމިޝަނުގެ ޒިންމާތައް އެންމެ ފުރިހަމައަށް އަދާ ނުކުރާ ކަމުގެ ޝަކުވާއަކީ އާންމުން ވެސް ކުރަމުންދާ ޝަކުވާއެކެވެ. ހާއްސަކޮށް، އެމްއެމްޕީއާރުސީގެ މައްސަލައިގެ ތަހުގީގަށް ވެސް އެތައް އަހަރެއް ވެފައިވާއިރު، ތަހުގީގު ކޮޅެއްގައި ނުޖެހި ގިނަ ދުވަސް ވަމުންދާތީ މަޖިލީހުން ވެސް އެތައް ފަހަރެއްގެ މަތިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

މީގެކުރިންވެސް އެ މައްސަލައާ ގުޅޭ ތަހުގީގު ރިޕޯޓު ނެރުން ލަސްވުމުގެ ސަބަބުން ކޮމިޝަނަށް އެތައް ފާޑުކިޔުންތައް އަމާޒުވިއެވެ. އެގޮތުން 2015 ވަނަ އަހަރުން ފެށިގެން އެ މައްސަލައިގެ ތަހުޤީޤު ރިޕޯޓް އާންމު ކުރާނެ ކަމަށް ތަކުރާރުކޮށް އޭސީސީން ބުނަމުން ދިޔަ ނަމަވެސް، ރިޕޯޓް އާންމު ކުރެވުނީ އޭގެ 4 އަހަރު ފަހުންނެވެ. އެންމެ ފަހުން މިހާރު އެ މައްސަލަ ކުރިއަށްދަނީ ދައުލަތުގެ މުއައްސަސާތައް ގުޅިގެން ޖޮއިންޓް ތަޙުޤީޤެއްގެ ގޮތުގައެވެ.

އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތް ތަހުގީގު ކުރަމުންދަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް އުފައްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނާއި ފުލުހުންގެ އިދާރާ އަދި އެންޓިކޮރަޕްޝަން ކޮމިޝަން ގުޅިގެންނެވެ.


Advertisement
- ކޮމެންޓް