ހިޔާ ފްލެޓުގެ މަސައްކަތުގައި ކޮރަޕްޝަން އެކުލެވިފައިވަނީ އޭރުގެ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ބަލަންޖެހޭ ވަރަށް ބަލާފައި ނެތުމުން, ނުވަތަ ގަސްތުގައި އެކަން ދޫކޮށްލުމުން ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ތުހުމަތުކުރައްވައިފިއެވެ.
ފަލާހު މިފަދައިން ތުހުމަތުކުރައްވާފައިވަނީ ހިޔާ ފްލެޓް އެޅުމުގައި މަކަރާއި ހީލަތް އެކުލެވޭތީ, އެކަމުގައި ޖިނާއީ ތަހުގީގެއް ހިންގުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައާއި ގުޅޭގޮތުން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
ފަލާހު ވިދާޅުވީ މި މައްސަލަ ހުށަހަޅުއްވާފައިވަނީ އޮޑިޓަރ ޖެނެރަލް އޮފީހުން ނެރުނު ރިޕޯޓާ ގުޅިގެން މިކަމުގައި ގިނަ މައްސަލަތަކެއް ހުރިކަމަށް ފާހަގަކުރެވޭތީ ކަމަށެވެ. މި މަޝްރޫއަކީ ދައުލަތުގެ ބަޖެޓުން ވަރަށް ގިނަ ފައިސާ ޚަރަދުކޮށްގެން ހިންގާފައިވާ މަޝްރޫއެއް ކަމަށްވާއިރު، މިކަންކަން ހިނގައިދިޔައީ ކޮން ބައެއްގެ އިހުމާލުންތޯ ބަލައި ތަހުގީގުކުރަންޖެހޭތީކަމަށް ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ މި މަސައްކަތް ބަޔަކާ ހަވާލުކުރުމުގައިވެސް ގިނަ އިހުމާލުތަކަކާއި، މީގެތެރެއަށް ކޮރަޕްޝަން ވަދެފަައިވާކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. މި މަސައްކަތް ކުރުމަށް ބިޑުގައި ބައިވެރިވީ ޗައިނާގެ ތިން ކުންފުންޏަކުން ކަމަށާއި، އެހެންނަމަވެސް މަސައްކަތް ހަވާލުކޮށްފައިވަނީ ބަލަންޖެހޭ ވަރަށް ނުބަލާ ކަމަށް ފަލާހު ވިދާޅުވިއެވެ. މަސައްކަތް ނިމުނުއިރު ފިނިޝިންގ މަސައްކަތްވެސް ނިމިފައި ނެތުމުން އެކަން އެނގޭ ކަމަށް ފަލާހު ވިދާޅުވިއެވެ.
ފަލާހު ވަނީ މި ހުރިހާ ކަމެއް ހިނގައިދިޔައީ އޭރުގެ ހައުސިންގ މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު ބަލަންޖެހޭ ވަރަށް ނުބެލީމަ ކަމަށް ތުހުމަތުކުރައްވާފައެވެ. ނުވަތަ ހުރިހާ ކަމެއް އެނގިހުރެ އެކަން އެހެން ވާން ދޫކޮށްލީމަ ކަމަށް ފަލާހު ތުހުމަތުކުރެއްވިއެވެ.
އެހެންކަމުން މަޖިލީހަށް މި މައްސަލަ ހުށަހަޅާފައިވަނީ މިކަންކަން ބެލި، ޒިންމާ ވާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ ކަމުގެ އުންމީދުގައި ކަމަށް ފަލާހު ވިދާޅުވިއެވެ.
މި މައްސަލަ ހުށަހެޅުއްވުމުން މަޖިލީހުގެ އިދިކޮޅު ބައެއް މެމްބަރުން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި ފަލާހު ވިދާޅުވީ, ވެރިކަމަށް އައުމަށް ޕާޓީއެއްގެ މެނިފެސްޓޯގައި ބޯހިޔާވަހިކަން އެންމެ ފުރަތަމަ ހިމެނީ އެމްޑީޕީން ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ރައްޔިތަކަށް ބޯހިޔާވަހިކަމެއް ލިބިގެން އެމްޑީޕީން ކަންބޮޑުވާކަށް ނުޖެހޭ ކަމަށާއި، ބޯހިޔާވަހިކަމުގެ ފަލްސަފާ ރާއްޖެއަށް ގެނެސްދިނީ އެމްޑީޕީން ކަމަށް ފަލާހު ވިދާޅުވިއެވެ.
އަދި މި ސަރުކާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޯހިޔާވަހިކަމުގެ އެކި މަޝްރޫއުތައް މިހާރުވެސް ހިންގަމުންދާކަމަސް ފަލާހު ވިދާޅުވިއެވެ.