Advertisement
ކ. މާލެ
|
25 މެއި 2017 | ބުރާސްފަތި 03:32
ޜަމަޟާން މަހުގެ ޓްރެފިކް
ޜަމަޟާން މަހުގެ ޓްރެފިކް
ޕޮލިސް
މަގުތަކުގެ ޓްރެފިކް
ރަމަޟާން މަހުގައި މާލޭގެ މަގުތަކުގެ ޓްރެފިކަށް ގެނައި ބަދަލުތައް ފުލުހުން އާއްމުކޮށްފި
މިސްކިތްތައް ކައިރީގެ ޓްރެފިކް ބެލެހެއްޓޭނެ

ރަމަޟާން މަހުގެ ތެރޭގައި މާލޭގެ މަގުތަކުގެ ޓްރެފިކް ކުޑަކުރުމަށް ފުލުހުންގެ  ޓްރެފިކް މެނޭޖްމަންޓް ޑިޕާރޓްމަންޓްއިން ޚާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.

 

ފުލުހުން ބުނީ ބުރާސްފަތި ދުވަހުން ފެށިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިއޮޕަރޭޝަންގެ ދަށުން އުޅަނދުތަކަށް ނުވަދެވޭނެހެން ބައެއް މަގުތައް ބަންދުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.  ބައެއް މަގުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލުތައް ގެނައުމުގެ އިތުރުން އާންމުކޮށް ކާރުބާރުބޮޑުވާ ހިސާބުތައް ތަރުތީބުކޮށް ބެލެހެއްޓުމުގެ ގޮތުން ބައެއް ފިޔަވަޅާނެ ކަމަށް ފުލުހުން ބުނެ އެވެ.

 

ފުލުހުން ވަނީ މާލޭގެ ބައެއް ސަރަހައްދުގައި ޓްރެފިކަށް އަންނާނެ ބަދަލުތައް ވަކިވަކިން ހާމަކޮށްފަ އެވެ. އެގޮތުން ރަމަޟާން މަހު، ހަވީރު 16:00 އިން 18:00 އަށް ރަސްފަންނު ސަރަހައްދު ހިނގާ އުޅޭ ސަރަހައްދަކަށް ވަނީ ބަދަލުކޮށްފަ އެވެ. އަދި ކަނބާއައިޝާރަނިހިނގުން ތާޖުއްދީންހިނގުމާއި ގުޅުނު ހިސާބުން ފެށިގެން މަޖީދީމަގާއި ހަމައަށް ދެކޮޅަށް ދުއްވާގޮތަށް ފުލުހުން ވަނީ ބަދަލުގެނެސްފަ އެވެ.

 

މިބަދަލާއި ގުޅިގެން ކަނބާއައިޝާރަނިހިނގުމުގެ ހުޅަނގު ފަރާތުގައި ޕާރކްނުކުރެވޭކަމަށް ފުލުހުން ވަނީ ކަނޑައަޅާފަ އެވެ.

 

 

ފުލުހުން ވަނީ ލޯކަލް މާރުކޭޓު ސަރަހައްދުގެ ޓްރެފިކަށްވެސް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން އެސަރަހައްދުގައި އުޅަނދުތައް ޕާރކްކުރުމަށް ކަނޑައެޅިފައިވަނީ ބޮޑުތަކުރުފާނުމަގު ލޯކަލް މާރުކޭޓް ވަށައިގެން ހަދާފައިވާ ޕާރކިން ޒޯނެވެ.

 

ބޮޑުތަކުރުފާނުމަގު މޫސާ އިބްރާހީމް ދީދީގޯޅި އާއި ގުޅުނު ހިސާބުން ފެށިގެން ބޮޑުތަކުރުފާނުމަގު ކުރީގެ އެމް.ޓީ.ޓީ.ސީ ބިލްޑިންގ އާއި ހަމައަށް މަގުގެ އުތުރު ފަރާތުގައިވެސް ޕާކުކުރެވޭނެ ކަމަށް ފުލުހުން ބުނެ އެވެ.

 

ބޮޑުތަކުރުފާނުމަގު ވަޅޯމަސް މާރުކޭޓް ކައިރިން ޕޭވްމަންޓް އެތެރެއިން ހަދާފައިވާ ޕާރކިން ޒޯން އާއި ބޮޑުތަކުރުފާނުމަގު ފާރުކެޑިހިނގުން ގުޅުނު ހިސާބުން ފެށިގެން އާބުރުޒުހިނގުމާއި ގުޅުނު ހިސާބަށް މަގުގެ ދެކުނު ފަރާތުގައި (އަތޮޅު ފިހާރާ ފަރާތް) އަދި އާބުރުޒުހިނގުން ހައިކޯޓް ކުރިމަތީގައި ހަދާފައިވާ ޒޯންގައިވެސް ފާކު ކުރެވޭނެ އިންތިޒާމްތައް ފުލުހުން ވަނީ ހަމަޖައްސާފަ އެވެ.

 

މީގެ އިތުރުން ނަމާދު ވަގުތުތަކާއި ދިމާކޮށް މިސްކިތްތައް ހިމެނޭ ސަރަހައްދުތަކުގެ ޓްރެފިކް ޚާއްސަ ބެލެހެއްޓުމުގެ މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އެގޮތުން ބަންޑާރަ މިސްކިތާއި، ފުރުޤާން މިސްކިތް، ނޫރު މިސްކިތް، އިބްރާހިމީ މިސްކިތް، ބަރުބަރީ މިސްކިތް އަދި ވިޔަފާރިވެރިންގެ މިސްކިތް ހިމެނޭ ސަރަހައްދުތަގެ މަގުތައް ވަކި ގަޑިތަކެއްގައި ހަތަރު ފުރޮޅުލީ އުޅަނދަށް ނުވަދެވޭނެހެން ބަންދުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެސަރަހައްދުތަކުގެ ޕާރކިންގ ތަރުތީބުކުރުމުގައި ފުލުހުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ފުލުހުން ބުނެ އެވެ.

 

 

މާލެތެރޭގެ ޓްރެފިކް ފްލޯ ފަސޭހަ ކުރުމުގެ ގޮތުން ބައެއް މަގުތައް ވަންވޭ ކުރުމަށްވެސް ފުލުހުން ވަނީ ހަމަޖައްސާފަ އެވެ.އެގޮތުން އަމީނީމަގު ކަނބާއައިޝާރަނިހިނގުމާއި ގުޅުނު ހިސާބުން ފެށިގެން ބޮޑުތަކުރުފާނުމަގު ތާޖުއްދީންހިނގުމާއި ގުޅުނު ހިސާބަށް އަމީނީމަގުން ހުޅަނގަށް އަދި ބޮޑުތަކުރުފާނުމަގުން އުތުރަށް ދުއްވާގޮތަށް ފުލުހުން ވަނީ ބަދަލު ގެނެސްފަ އެވެ.

 

 

ބޮޑުތަކުރުފާނުމަގު ބުރެވިމަގާއި ގުޅުނު ހިސާބުން ފެށިގެން ހިތިގަސްމަގާއި ހަމައަށް ބޮޑުތަކުރުފާނުމަގު ހުޅަނގު ފަރާތުގައި (ކުރީގެ ޓަލްކަލޫސާ ފަޅި) ޕާރކިން ނެގުމަށްވެސް ފުލުހުން ވަނީ ނިންމާފަ އެވެ. މީގެ އިތުރުންވެސް ޓްރެފިކް ބާރުބޮޑުވާ ސަރަހައްދުތަކުގައި ޓްރެފިކް ކޯން ބެހެއްޓުމާއި އަދި ބެރިކޭޑް ޖަހައިގެން މަގުތައް ޚާއްސަ ގޮތެއްގައި ބެލެހެއްޓުމަށް ފުލުހުން ވަނީ ނިންމާފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް