މިދިޔަ އެޕްރީލް މަހުގެ 24 ވަނަ ދުވަހުގެ ރޭ މާލޭގައި ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ބޮން އުފައްދަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ ތެރެއިން ދެމީހެއްގެ ބަންދުގެ މުއްދަތު ދެ ވަނަ ފަހަރަށް އިތުރުކޮށްފި އެވެ.
ޓެރަރިޒަމާއި ގައުމީސަލާމަތަށް ނުރައްކާވާ ފަދަ އަމަލުތަކެއް ހިންގަން އުޅުމުގެ ތުހުމަތަށް ފުލުހުން ކޯޓު އަމުރެއްގެ ދަށުން އޭޕްރީލް 24 ވަނަ ދުވަހުގެ ރޭ ހަތަރު ތަނެއް ބަލާ ފާސްކުރި އެވެ. އެއީ މއ. ކިނާރާ ހައުސް އަދި މއ. އެނބޫގައި ހުންނަ އެޓިކް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ އޮފީހާއި މއ. ނަމޫނާގޭގެ އިތުރުން މ. ވޯލްނަޓް އެވެ. ފާސްކުރި ބައެއް ތަންތަނުން، މައްސަލައާ ގުޅުން ހުރި ބައެއް ތަކެތި ވެސް ފުލުހުން ވަނީ ހޯދައިފަ އެވެ. އޭގެ ތެރޭގައި، ބޮން ހެދުމަށް ބޭނުންކުރާ ކެމިކަލް އާއި އެހެން ބައެއް ސާމާނު ހިމެނެ އެވެ. މީހުން ހައްޔަރުކޮށްފައި ވަނީ ބޮން ހެދުމުގެ ކުރިންނެވެ.ބޮން ހަދަން އުޅުނީ ކޮން ތަނެއްގައި ހަމަލާ ދޭން ކަމެއް ނޭނގެ އެވެ.
ފުލުހުން ގެ އެ އޮޕަރޭޝަނުގައި ފާސްކުރި ވޯލްނަޓްގެ އަކީ، ސަލްޓަންޕާކް ބޮމުގެ ހަމަލާއަށް ފަހު ފިލައިގެން ޕާކިސްތާނަށް ގޮސް އުޅުމަށް ފަހު ވަގު ޕާސްޕާޓެއްގައި ލަންކާ އަށް ގޮސް އުޅެނިކޮށް ހައްޔަރު ކުރުމަށް ފަހު ދޫކޮށްލާފައި ހުރި މީހަކު އުޅޭ ގެއެކެވެ. އެ ގެ ފާސްކުރީ އެ މީހާ މާރުކޭޓް ހޮޓަލުގައި ސައިބޯން އިންދައި، ގެންގޮސް އޭނާގެ ހާޒިރުގައި ކަމަށް އެނގިފައިވެ އެވެ.
މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންނަކީ އިސްލާމިކް ސްޓޭޓް (އައިސިސް) އަށް ތާއީދުކޮށް، ރާއްޖެއިން ބޭރަށް ހަނގުރާމައަށް މީހުން ފޮނުވުމުގައި ޝާމިލްވާ ބައެއް މީހުންނެވެ. އޭގެ ތެރެއިން އެކަކީ ސީރިއާގެ ހަނގުރާމާގައި ބައިވެރިވާން އަނބިމީހާއާ އެކު ރާއްޖެއިން ފުރަން އުޅެނިކޮށް ހައްޔަރުކުރި މީހެކެވެ. އަދި ޓްވިޓާގައި ޓެރަރިޒަމަށް ހިތްވަރުދީ ލިޔުންތައް ލިޔާތީ ޓްވިޓާއިން ވެސް އޭނާ ވަނީ ސަސްޕެންޑް ކޮށްފަ އެވެ.
ހައްޔަރުކުރި މީހުން ތަހުގީގަށް ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން އޭޕްރީލްމަހުގެ 26 ވަނަ ދުވަހު އެންމެ ފުރަތަމަ ޖެހީ 15ދުވަހެވެ. އަދި އެއަށްފަހު ފަހުވެސް އެމީހުންގެ ބަންދުގެ މުއްދަތު އިތުރުކުރިކަން ރާއްޖެއެމްވީއަށް ވަނީ އެނގިފައެވެ.
ކުރިމިނަލް ކޯޓުން ބުދަ ދުވަހު ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ ބޮމުގެ މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ދެމީހެއްގެއެވެ. އެކަކަށް 10 ދުވަސް ޖެހިއިރު އަނެކަކަށް ޖަހާފައިވަނީ، 7 ދުވަސްކަން ވަނީ އެނގިފައެވެ.
އަނެއް ދެމީހުންގެ ތެރެއިން އެކެއްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރާނެކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ބޮމުގެ މައްސަލައިގައި ހައްޔަރުކުރި 4 މީހުންގެ ބަންދުގެ މުއްދަތު ތިން ފަހަރެއްގެ މަތީން އިތުރުކޮށްފއއިވާއިރު، މިކަމާ ބެހޭ ގޮތުން ފުލުހުން އެއްވެސް ވާހަކައެއް ނުދައްކާފައެއް ނުވެއެވެ.