ކ. މާލެ
|
24 އޮކްޓޯބަރ 2021 | އާދީއްތަ 03:14
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒު
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒު
އިންޑިޕެންޑެންޓް.ޔޫކޭ
ސައުދީން ޖައްވަށް ދޫކުރާ ކާބަން މަދުކުރުން
2030 ވަނަ އަހަރު އަންނަންވާއިރު ސައުދީން ޖައްވަށް ދޫކުރާ ކާބަން ދެގުނަ މަދުކުރާނެކަމަށް ބުނެފި
ކުރިން ނިންމާފައިވަނީ 2030 ވަނަ އަހަރު އަންނަންވާއިރު ސައުދީ އަރަބިއްޔާއިން ޖައްވަށް ދޫކުރާ ކާބަންގެ ނިސްބަތް 130 މިލިއަން ޓަން ކުޑަކުރުމަށް
2060 ވަނަ އަހަރު އަންނަންވާއިރަށް ނެޓް ޒީރޯ ޓާގެޓް ހާސިލުކުރާނެ

2030 ވަނަ އަހަރު އަންނަންވާއިރު ސައުދީ އަރަބިއްޔާއިން ޖައްވަށްދޫކުރާ ކާބަންގެ ނިސްބަތް 130 މިލިއަން ޓަން ކުޑަކުރަން ނިންމާފައިވާ ނިންމުން ދެގުނަ ކޮށް 278 މިލިއަނަށް ބަދަލުކޮށްފައިވާކަމަށް ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވެއްޖެއެވެ.

މިހާރު ސައުދީގެ ރިޔާޒުގައި ކުރިޔަށްދާ ސައުދީ ގްރީން އިނިޝިއޭޓިވް (އެސްޖީއައި) ގައި ވާހަކަފުޅު ދައްކަވަމުން މުހައްމަދު ބިން ސަލްމާން މިގޮތަށް ވައުދުވެވަޑައިގެންނެވިއިރު ނެޓް ޒީރޯގެ ޓާގެޓަށް ވާސިލުވުމުގެ އަމާޒުތައްވެސް ވަނީ ހާމަކުރައްވާފައެވެ. އެގޮތުން 2060 ވަނަ އަހަރު އަންނަންވާއިރަށް ނެޓް ޒީރޯ ޓާގެޓް ހާސިލުކުރާނެކަމަށް ވަނީ ވިދާޅުވެފައެވެ. އެސްޖީއައިގެ އިސްނެގުމާއެކު 700 ބިލިއަން އިންވެސްޓްމަންޓް އަންނާނެކަމަށް ވަލީއަހުދު ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ވަލީ އަހުދު ވިދާޅުވީ އެސްޖީއައިން އިންވެސްޓްމަންޓް ފުރުސަތުތައް ސައުދީގެ ޕްރައިވެޓް ސެކްޓަރ އަށް ފަހިކޮށްދޭނެކަމަށެވެ. އަދި ފެންވަރު ރަނގަޅު ވަޒީފާގެ ފުރުސަތުތައް އަންނަން އޮތް ޖީލުތަކަށް ހުޅުވިގެންދާނެ ކަމަށާއި ބައިނަލްއަގްވާމީ ދުނިޔެއާ ގުޅުން ރަނގަޅުވެ އޭގެ ރަނގަޅު ނަތީޖާ ސަރަހައްދަށާއި ދުނިޔެއަށް ކުރާނެކަމަށެވެ.

މީގެއިތުރުން ސައުދީން ގްލޯބަލް މީތޭން ވައުދުގައިވެސް ބައިވެރިވާނެއެވެ. ގްލޯބަލް މީތޭން ޕްލެޖަކީ 2030 ވަނަ އަހަރު އަންނަންވާއިރަށް އެގައުމަކުން ޖައްވަށް ދޫކުރާ މީތޭން ގޭސް 30 އިންސައްތަ މަދުކުރުމަށް ވާ ވައުދެކެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިޔަށްދާ ފޯރަމްގައި 27ށް ވުރެ ގިނަ ގައުމުގެ ވިޔަފާރިވެރިންނާއި ސިޔާސީ އިސް ފަރާތްތައް ބައިވެރިވެއެވެ.

ވަލީ އަހުދު އިތުރަށް ވިދާޅުވީ މެދުއިރުމައްޗަށް ދިމާވެފައިވާ މޫސުމީ މައްސަލަތަކަށް ހައްލު ގެނައުމަށް އަވަށްޓެރި ގައުމުތަކާއި ގުޅިގެން ކުރިޔަށް އޮތްތަނުގައި މަސައްކަތް ކުރާނެކަމަށެވެ. އެގޮތުން މުޅި ސަރަހައްދުގައި 50 ބިލިއަން ގަސް އިންދާނެކަމަށް ވަނީ ވިދާޅުވެފައެވެ. ސައުދީން މީގެކުރިން ވަނީ 10 ބިލިއަން ގަސް އިންދުމަށް ވައުދުވެފައެވެ. އޭގެތެރެއިން 10 މިލިއަން ގަސް މިހާރު ވަނީ އިންދާފައެވެ.

- ކޮމެންޓް