ކުރީގެ އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި 2015 ވަނަ އަހަރުގެ މާރިޗު މަހު މުޒާހަރާ ކުރި މީހުންގެ މައްޗަށް، އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ސާބިތުވެ، ތިން މަހަށް ޖަލަށްލުމަށް ކުރި ހުކުމުގެ އިސްތިއުނާފްގެ އަޑުއެހުންތައް ހައިޚޯޓުން ނިންމާލައިފި އެވެ.
ޖުމްލަ 15 މީހެއްގެ މައްޗަށް އެއާޕޯޓުގައި މުޒާހަރާކޮށްގެން އުފުލި ދައުވާގައި ބުނެފައިވަނީ 2015 ވަނަ އަހަރުގެ މާރިޗު މަހުގެ ފަސް ވަނަ ދުވަހު އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލްގެ ޑިޕާޗާ ހޯލް ކުރިމައްޗަށް ރައީސް ނަޝީދުގެ ޕޯސްޓަރުތައް ހިފައިގެން އެއްވެ ރައީސް ނަޝީދު މިނިވަންކުރުމަށް ގޮވާލާފައިވާ ކަމަށެވެ.
ތިން މަހަށް ޖަލަށްލުމަށް ހުކުމްކުރި މީހުން
- މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު، ޝިފާ މުހައްމަދު
- ޏ. ފުވައްމުލައް، މިސްކިތްމަގު، ދޯނާޑު، ޒަހުރާ މޫސާ
- މ. ނިވްހިލްމަން، ޝަމީމާ އާދަމްފުޅު
- ހ. ވެޔޮވިލާ، ޝަފިއްއާ ޒުބައިރު
- މއ. ނާރިނގުގޭ، މުހައްމަދު އިބްރާހީމް މަނިކު
- ސ. ހުޅުދޫ ކަޅުމަގިގޭ، މަރިޔަމް ޒުބައިރު
- ސ. ހިތަދޫ ޝެޑިއުލަސް، ޚަދީޖާ ޝާދިޔާ
- މާލޭ ދަފްތަރު 5866 ފާތިމަތު ރަޝީދު
- ހ. ޓިވެގާލައިޓް، ފަރީޝާ އަހްމަދު
- މ. ތަންތާރަ، އާމިނަތު ޒިމްނާ
- ގ. އާކާޝްވިލާ، އާމިނަތު ޒާހިރާ
- ގ. ދުވާފަރު، އާއިޝަތު މަމްދޫހާ
- މއ. ބީޗްހައުސް، އާމިނަތު ދުމައިނާ އިރުޝާދު
- މ. ފެހިފަތް، ޔުމްނާ
އެމީހުންގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ 24 ވަނަ މާއްދާގެ ހަތް ވަނަ ނަންބަރާ ހަވާލާދީ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.
އެމައްސަލަ ބަލައި ނިންމައި މިދިޔަ އަހަރު މާޗް މަހުގެ ތެރޭގައި ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ މައްސަލާގައި ދައުވާ ލިބޭ 15 މީހުންގެ ތެރެއިން މީގެ ކުރިން އެއްވެސް ޝަރީއަތުގެ މަޖިލީހަކަށް ހާޒިރުވެފައި ނުވާ މ. ނިރޮޅު އާމިނަތު ޝާނީޒު ސައީދުގެ މައްސަލަ ބެލިފައިނުވާ ކަމަށެވެ.
މި މައްސަލާގައި ބުދަ ދުވަހު ހައިކޯޓުގައި ކުރިއަށް ދިޔަ ޝަރީޢަތާ ގުޅޭ ގޮތުން ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އެ މީހުންގެ ގާނޫނީ ވަކީލް ނާޒިމް ސައްތާރު ވިދާޅުވީ އެ މީހުންގެ މަށްޗަށް ކުށް ސާބިތު ކޮށްފައި ވަނީ އެންމެ ފުލުހަކު ދިން ހެކި ބަހުގެ މައްޗަށް ބިނާ ކޮށްގެން ކަމަށާއި އަދި އެ މީހުން އެއާޕޯޓުގައި މުޒާހަރާ ކުރި ކަމަށް ކޯޓުގައި ހެކި ބަސް ދީފައި ވަނީ އެންމެ މީހެއް ކަމަށެވެ. އަދި އިތުރު އެއްވެސް މީހަކަށް އެ މީހުން އެއާޕޯޓުގައި މުޒާހަރާ ކުރަނިކޮށް ފެނިފައި ނުވާ ކަމަށެވެ. އެގޮތުން ދެން ހެކި ބަސް ދިން ފުލުސް މީހާ ބުނެފައި ވަނީ އެ މީހުން ޓާމިނަލް ސަރަހައްދުގައި ތިއްބާ ހައްޔަރު ކުރި ކަމަށާއި ނަމަވެސް މުޒާހަރާ ކުރި ކަަމށް ހެކި ބަސް ދީފައި ނުވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. އެހެން ކަމުން އެންމެ ހެއްކެއްގެ ހެކި ބަހުން މައްސަލަ އެއްގެ ކުށް މީހެއްގެ މަށްޗަށް ކަނޑަނޭޅޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމްގެ މި ވާހަކަތަކަށް ރަްދު ދެއްވަމުން ދައުކަތުގެ ވަކީލް ވިދާޅުވީ އެ މީހުން އެއާޕޯޓުގައި މުޒާހަރާ ކުރިކަން ހެކިންގެ ހަކި ބަހުން ސާބިތުވާ ކަމަށާއި އަދި ކޯޓިގައި ހެކި ނަގާނެ ގޮތް އެނގޭނީ ކޯޓަށް ކަމަށެވެ.
ބުދަ ދުވަހު ބޭއްވި މައްސަލަ ނިންމަވާ ލައްވަމުން ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ ދެން މައްސަލައިގައި ބާއްވާނީ ހުކުމް އިއްވުމަށް ބާއްވާ ޝަރީޢަތުގެ މަޖިލީހެއް ކަމަށާއި ނަމަވެސް މައްސަލަ ބާއްވާނެ ވަކިތާރީހެއް ފަނޑިޔާރުގެ ބެންޗުން ވިދާޅެއް ނުވެއެވެ.
މި މައްސަލާގައި ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ފާހަގަ ކޮށްފައިވާ ނުކުތާތަކުގައި ބުނެފައިވަނީ ދައުލަތުން ހުށަހަޅާފައިވާ ހެކިބަހުން އެއާޕޯޓުގައި އެމީހުން މުޒާހަރާކުރިކަން ސާބިތުވާ ކަމަށެވެ. އަދި ދިފާއީ ހެކިންގެ ހެކިބަހުންވެސް އެމީހުން އެއާޕޯޓުގެ އެސަރަހައްދަށް އެއްވިކަން އެނގޭކަމަށް ފާހަގަކޮށްފައިވެ އެވެ.
ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި ވާގޮތުން ގާނޫނު މަނާކުރާ ތަނަކަށް އެއްވެވޭނީ ފުލުހުންގެ ހުއްދަ ލިބިގެނެނެވެ. އެއާޕޯޓުގައި މުޒާހަރާ ކުރި މީހުން އެތަނަށް އެއްވީ ފުލުހުންގެ ހުއްދަ ލިބިގެންކަން ދައްކުވައިދޭ އެއްވެސް އެއްޗެއް ހެކިންގެ ހެކިބަހުންވެސް އެނގެން ނެތް ކަމަށް ކުރި ހުކުމުގައި ވަނީ ބުނެފަ އެވެ. އަދި ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް ނަފީ ކުރެވޭނެ ފަދަ ދިފާއީ އެއްވެސް ހެއްކެއް ހުށަހެޅިފައި ނުވާ ކަމަށް ހުކުމުގައިވެ އެވެ.
ތިންމަސް ދުވަހަށް ޖަލަށްލާން ހުކުމް ކުރި ނަމަވެސް އެ ހުކުމް ތަންފީޒު ކުރާނީ ތިން އަހަރު ފަހުން ކަމަށް ގާޒީ ވަނީ ކަނޑައަޅާފަ އެވެ. އަދި އެމުއްދަތުގެ ތެރޭގައި ކުށެއް ކުރިކަން އެއްވެސް ޝަރީއަތަކަށް ސާބިތުވެއްޖެ ނަމަ ޖަލު ހުކުމް ތަންފީޒުކުރަން ޖެހޭގޮތަށް ވެސް ވަނީ ކަނޑައަޅާފަ އެވެ.
އެއާޕޯޓުގައި މުޒާހަރާ ކުރި މީހުން ތިންމަސް ދުވަހަށް ޖަލަށްލާން ހުކުމް ކޮށްފައިވަނީ ކުރީގެ ގާނޫނުލްއުގޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ. ނަމަވެސް މިހާރުގެ ގާނޫނުލްއުގޫބާތުގައި ލުއި އަދަބެއް ކަނޑައަޅާފައިވާތީ ކުރީގެ ގާނޫނުލްއުގޫބާތުގައި ބުނާ ހަމަސް ދުވަހުގެ ޖަލު ހުކުމް ތިން މަސް ދުވަހަށް ކުޑަކުރީ ކަމަށް ގާޒީ ވިދާޅުވި އެވެ.