އއ. ތޮއްޑޫ
|
20 އޮކްޓޯބަރ 2021 | ބުދަ 17:18
ރައީސް ޞާލިޙު ތޮއްޑޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާއި ބައްދަލު ކުރެއްވުން
ރައީސް ޞާލިޙު ތޮއްޑޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާއި ބައްދަލު ކުރެއްވުން
ރައީސް އޮފީސް
ރައީސްގެ އއ ދަތުރުފުޅު
ތޮއްޑޫ ކައުންސިލްގެ އަމާޒަކީ ލާމަރުކަޒީ ޤާނޫނުން ލިބިދޭ ބާރުތަކުގެ އެންމެ ފުރިހަމަ ބޭނުންހިފައި، ރަށަށް ތަރައްޤީ ގެނެސްދިނުން
ބަނދަރުގެ މަސައްކަތުގައި ރައްޔިތުން ހުށަހެޅުއްވި ކަންކަމަށް ރިޢާޔަތްކޮށް، މަސައްކަތް ކުރިޔަށް ގެންދަވާނެ
މަގުހެދުމުގެ މަޝްރޫޢު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާފައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިހާރު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތޮއްޑޫޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ތޮއްޑޫ ކައުންސިލްގެ އަމާޒަކީ ލާމަރުކަޒީ ޤާނޫނަށް ގެންނަ ބަދަލާއެކު ކައުންސިލްތަކަށް ލިބިދޭ ބާރުގެ ފުރިހަމަ ބޭނުން ހިފައި ރަށަށް ތަރައްޤީ ގެނެސްދިނުންކަމުގައި ތޮއްޑޫ ކައުންސިލުން ބުނެފިއެވެ.

މިއަދު ހެނދުނު ތޮއްޑޫ ކައުންސިލް އިދާރާގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ, ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ރަށަށް ބޭނުންވާ ކަންކަމުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. މިގޮތުން މަގު ހެދުމަށް ބޭނުންވާކަމަށާއި، ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާކަމަށާއި، ބަނދަރުގެ އެކްސްޓެންޝަން މަސައްކަތާދޭތެރޭ ހުރި ހުށަހެޅުންތަކާއި، ސްކޫލަށް ބޭނުންވާ އިތުރު ކަންކަމާއި، ފަތުރުވެރިކަމާއި ދަނޑުވެރިކަން ހިމެނޭހެން ރަށުގެ ތަރައްޤީއާ ގުޅޭ ކަންކަން ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުންވެސް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ, އޮފީސް އިމާރާތެއް ނެތުމުން ދިމާވާ ދަތިތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގެ ތަރައްޤީއަށް ރާވާފައިވާ ކަންކަމުގެ އެންމެ ފަހުގެ މަޢޫލޫމާތު, ބައްދަލުކުރެއްވުމުގެ ބައިވެރިންނާ ހިއްސާކުރައްވާފައެވެ. މިގޮތުން، މަގުހެދުމުގެ މަޝްރޫޢު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާފައި ކަމަށާއި، ރަށުގެ ޞިއްޙީ ޚިދުމަތްތައް ރަނގަޅުކުރުމަށް އައިޖީއެމްއެޗްގެ އައުޓްރީޗް ޕްރޮގްރާމް މެދުވެރިކޮށް ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޚިދުމަތް ދިނުމަށް މަސައްކަތްކުރާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ރަށު ސްކޫލްގެ މަލްޓި ޕަރޕަސް ހޯލް ނިމި, 12 ކްލާސްރޫމް ނިމިފައިވާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ, އޮފީސް ޖާގައިގެ ދަތިކަން ހައްލުކުރުމަށް ގޮތްތަކެއް ބައްލަވަމުން ގެންދަވާކަމަށާއި, ބަނދަރުގެ މަސައްކަތުގައި ރައްޔިތުން ހުށަހެޅުއްވި ކަންކަމަށް ރިޢާޔަތްކޮށް މަސައްކަތްކުރިޔަށް ގެންދަވާނެކަމުގައި ވިދާޅުވެފައެވެ.

Advertisement

މި ބައްދަލުވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ތޮއްޑޫ ޞިއްޙީ މަރުކަޒަށް ޒިޔާރަތްކުރައްވައި އެތަނުގެ ޙާލަތު ބައްލަވާލައްވާފައެވެ. އެއަށްފަހު އެމަނިކުފާނު ވަނީ އެޑިއުކޭޝަން މިނިސްޓްރީން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ 12 ކްލާސްރޫމާއި މަލްޓި ޕަރޕަސް ހޯލް ރަސްމީގޮތުން ހުޅުއްވައި ދެއްވާފައެވެ. މީގެ އިތުރުން ވެސް އެމަނިކުފާނު ތޮއްޑޫގެ ބައެއް ދަނޑުބިންތަކަށް ވަނީ ޒިޔާރަތްކުރައްވައި އެތަންތަން ބައްލަވައިލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ތޮއްޑޫއަށް މިކުރައްވާ ދަތުރުފުޅަކީ އަރިއަތޮޅު އުތުރުބުރީގެ 6 ރަށަކަށް މިއަދު ފެއްޓެވި ދެ ދުވަހުގެ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެވެ. އެމަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާ ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް