ށ. ނަރުދޫގައި އަލަށް އިމާރާތް ކުރެވުނު އިންޖީނުގޭގެ މަސައްކަތް ނިމި ޚިދުމަތް ދޭން ފަށައިފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ފެނަކައިން ބުނީ ނަރުދޫ އިންޖީނުގޭގެ 100 އިންސައްތަ މަސައްކަތް ނިމި ޖަނަރޭޓަރުތައް އައު އިންޖީނުގެއަށް ބަދަލުކޮށް، އައު އިންޖީނުގެއިން ކަރަންޓުގެ ޚިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.
މިއީ ރަށްރަށުގައި މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި ދުވަސްވީ އިންޖީނުގެތައް ޒަމާނީ ވަސީލަތްތަކާއި އެކު އެކަހެރި ސަރަހައްދުތަކަށް ބަދަލުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ގާއިމު ކުރެވުނު އިންޖީނުގެއެކެވެ.
އައު އިންޖީނުގޭގެ ޚިދުމަތް މިއަދު ދޭން ފެށުމުން ބައު އިންޖީނުގޭގައި ދިމާވި ޖާގައިގެ ދަތިކަން ހައްލުވެފައިވާ ކަމަށް ފެނަކައިން ބުނެއެވެ.
ނަރުދޫގައި ކުރިން ބޭނުންކުރަމުން އައި އިންޖީނުގެއަކީ މީހުން އުޅޭ އަވަށުތެރޭގައި ހުރި ތަނަކަށް ވުމުން ރައްޔިތުންނަށް އެކި ކަހަލަ ދަތިތަކާ ކުރުމަތިލާން ޖެހުނެވެ. ނަމަވެސް އައު އިންޖީނުގޭގެ ސަބަބުން ނަރުދޫ ރައްޔިތުންނަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބިގެންދާނެވެ. އެގޮތުން އެންމެ ބޮޑު ލުއި ފަސޭހައަކަށް ވެގެންދާނީ، ކުރިން އަޑުގަދަވެގެންނާއި، ދުމާއި، ޑީސަލްގެ އަސަރުކުރުމުގެ ސަބަބުން އައި ޝަކުވާތަކަށް ނިމުމެއް އައުމެވެ. އައު އިންޖީނުގޭގެ ސަބަބުން އެ ޝަކުވާތަކަށް ވަނީ ހައްލު ލިބިފައެވެ.
މީގެ އިތުރުން އައު އިންޖީނުގެއާ އެކު އައު އޮފީސް ބައި ވެސް ވަނީ ބޭނުން ކުރަން ފަށައިފައެވެ. އައު އިންޖީނުގެއާއެކު ރައްޔިތުންނަށް މެދު ނުކެނޑި ކަރަންޓުގެ ޚިދުމަތް ދެވޭނެ ކަމަށް ފެނަކައިން ބުނެއެވެ. އައު އިންޖީނުގޭގައި މިހާރު ބޭނުން ކުރަނީ 250 ކިލޯވޮޓްގެ ޖަނަރޭޓަރެކެވެ.
ށ. ނަރުދޫގެ އިންޖީނުގެ އިމާރާތް ކުރުމަށް ހަވާލުކުރެވިފައިވަނީ 2019 ވަނަ އަހަރުގެ ތެރޭގައި ސީސައިޑް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫޢަށް 5.11 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.