ކ. މާލެ
|
1 އޯގަސްޓް 2023 | އަންގާރަ 10:41
ރައީސް ނަރުދޫގައި ވާހަކަފުޅުދައްކަވަނީ
ރައީސް ނަރުދޫގައި ވާހަކަފުޅުދައްކަވަނީ
އެމްޑީޕީ
ރައީސް ށ. އަތޮޅަށް ކުރައްވަމުން ގެންދާ ދަތުރުފުޅު
ނަރުދޫ ފެނާއި ނަރުދަމާގެ މަސައްކަތް އަވަސްކުރަން ކޮންޓްރެކްޓް ބާތިލުކޮށް އެހެން ބަޔަކާ ހަވާލުކުރަން ނިންމައިފި
ނަރުދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ހަވާލުކުރީ ސްޓެޓިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ
ފެނާއި ނަރުދަމާގެ މަސައްކަތް މަޑުޖެހިފައި އޮތުމުން ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި
ނަރުދޫ ރައްޔިތުން ބޭނުންވާ ގިނަ މަޝްރޫއުތަކެއް ކުރިއަށްއޮތް ދައުރުގައި ވެސް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި

ށ. ނަރުދޫ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ހުއްޓިފައި އޮތުމުން އެ މަސައްކަތް އަވަސް ކުރުމަށް މިހާރު ހަދާފައިވާ ކޮންޓްރެކްޓް ބާތިލުކުރުމަށްފަހު އެހެން ބަޔަކާ ހަވާލުކުރުމަށް ނިންމައިފިއެވެ.

މިކަން ހާމަކުރެއްވީ އަންގާރަ ދުވަހު ނަރުދޫގައި ބޭއްވި ބަނދަރު ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ހުއްޓިފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވާތީ އެ ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެންނެވެ.

ސަރުކާރުން ނަރުދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ހަވާލުކުރީ ސްޓެޓިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. އެ ރަށަކީ މި ސަރުކާރުން ފެނާއި ނަރުދަމާގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރި ރަށްތަކުގެ ތެރެއިން އެއް ރަށެވެ. އެ ރަށުގެ މަސައްކަތް ހުއްޓިފައިވާތީ ރައީސް ވިދާޅުވީ އެ މަސައްކަތް ނިންމުމަށް ވަރަށް ވަގުތު ދެވިއްޖެ ކަމަށާއި އެހެންވެ ކޮންޓްރެކްޓް ބާތިލުކުރުމަށް މިހާރު ނިންމަވާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ އެއިރު އެފަދަ މަސައްކަތް އެންމެ ރަނގަޅަށް ކުރަމުން އައީ އެ ކުންފުނިން ކަމަށްވާތީ ކަމަށެވެ. ކޮންޓްރެކްޓް ބާތިލުކޮށް އެހެން ބަޔަކާ ހަވާލުކޮށްގެން ރައްޔިތުން ބޭނުންވާގޮތަށް އެ މަޝްރޫއު ކުރިއަށްގެންދެވޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

ނަރުދޫގެ ރައްޔިތުން އަދިވެސް ބޭނުންވާ ކަންކަން ހުރިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެމަނިކުފާނުގެ ދެވަނަ ދައުރެއްގައި އެކަންކަން ކޮށްދެއްވާނެ ކަމަށެވެ. އެގޮތުން, ނަރުދޫ ސިއްހީ މަރުކަޒުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ވޯޑެއް އިތުރުކޮށްދެެއްވާނެ ކަމަށާއި ކައުންސިލް އިދާރާގެ އައު އިމާރާތް އެޅުމާއި އިޖުތިމާއީ މަރުކަޒެއް ގާއިމުކުރުމާއި ޒުވާނުން ބޭނުންވާ ގޮތަށް ޓާފު އެޅި ބޮޑު ފުޓުބޯޅަ ދަނޑެއް ތަރައްގީ ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ނަރުދޫ ސްކޫލަށް ބޭނުންވާ މަލްޓިޕާޕަސް ހޯލު އަޅައިދެއްވާނެ ކަމަށާއި ގިރާ ސަރަހައްދުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން މަސައްކަތް ކުރައްވަނީ މުޅި ރާއްޖެއަށް އިންގިލާބީ ބަދަލެއް ގެންނަން ކަމަށާއި ވަކި ރަަށެއްގެ ވަކި ބަޔަކަށް ކަންކަން ކޮށްގެން އެ އަމާޒަށް ވާސިލް ނުވެވޭނެ ކަމަށެވެ. މިއަދު ކޮންމެ ރަށަކުން ވެސް މި އިންގިލާބީ ބަދަލުތައް ފެންނަމުންދާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ވަރަށް މުހިންމު ނިންމުމެއް ނިންމަން ޖެހޭކަން ފާހަގަކުރައްވައި ރައީސް ވަނީ ރީ ރަޖިސްޓްރީ ކުރަން ޖެހޭ ފަރާތްތަކުން އެކަން ކުރުމަށް ހަނދުމަކޮށްދެއްވާފައެވެ. އަދި އައިޑީކާޑުގެ މުއްދަތު ހަމަވާން ކައިރިވެފައިވާނަމަ އައިޑީކާޑު ހެއްދެވުމަށްވެސް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

- ކޮމެންޓް