ކ. މާލެ
|
18 އޮކްޓޯބަރ 2021 | ހޯމަ 19:43
ބޯކޮށް ވާރޭވެހުމުގެ ސަބަބުން ހިޔާ ފްލެޓްގައި ފެން ބޮޑުވެފައި
ބޯކޮށް ވާރޭވެހުމުގެ ސަބަބުން ހިޔާ ފްލެޓްގައި ފެން ބޮޑުވެފައި
ހިޔާ ފްލެޓް ޔޫނިއަން
ވިއްސާރަ މޫސުން
ވިއްސާރައިގެ ސަބަބުން ހިޔާ ފްލެޓްގައި ދިރިއުޅޭ ރައްޔިތުންނަށް އިތުރު ތަކުލީފެއް!
 
ވާރޭވެހިއްޖެނަމަ ކުޑަދޮރުތައް ލައްޕާފައި ހުއްޓަސް ފެން ފައިބާ

ރާއްޖޭގެ މޫސުން މި ދުވަސްވަރު ގޯސްވެފައިވާއިރު, ވައި ބާރު ވުމާއި ކަނޑުގަދަ ވުމުގެ ސަބަބުން އެކި ހާދިސާތައް ދަނީ ހިނގަމުންނެވެ. އެގޮތުން މިހާތަނަށް ގިނަ ކަނޑުމަތީގެ ހާދިސާތަކެއް ހިނގާފައިވާއިރު, ވައިބާރު ވުމުގެ ސަބަބުން ބައެއް މީހުންގެ މުދަލަށް އަދި ގެތަކަށް ވަނީ ގެއްލުންތައް ލިބިފައެވެ.

ދާދިފަހުން ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއަކުން ވެސް ހުޅުމާލެ ފޭސް ދޭއްގައި ހިޔާ ފްލެޓް ހުރި ސަރަހައްދުގައި ޓިނުތަކެއް ވައިގަދަވުމުގެ ސަބަބުން އެނބުރޭ މަންޒަރު ފެނިގެންދިޔައެވެ. އަދި އެ ޓިނުގަނޑުތައް ގޮސް ޕާކުކޮށްފައި ހުރި ސައިކަލުތަކުގައި ވެސް ޖެހެއެވެ.

ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުންތައް ހިއްސާކުރަމުން ރާއްޖެއެމްވީއާ ވާހަކަ ދެއްކި މީހަކު ބުނީ, އެޕާޓްމަންޓުގެ ސޮކެޓަކުން ފެން ފައިބައިގެން ގޮސް މުޅި އެޕާޓްމަންޓުގައި ފެން ހެދުނު ކަމަށެވެ. އަދި އެކަމުގެ ސަބަބުން ބައެއް ސާމާނުތަކަށް ގެއްލުން ލިބުނު ކަމަށެވެ. އަދި ކުޑަ ދޮރުތަކުން ވެސް ފެން އެތެރެއަށް ވަންނަ ކަަމަށާއި, ވާރޭވެހިއްޖެނަމަ ކުޑަދޮރުތައް ލައްޕާފައި ހުއްޓަސް ފެން ފައިބާ ކަމަށެވެ. އަދި ފެން ހޮޅިތަކުންވެސް ފެން ފައިބާ ކަމަށެވެ.

ވިއްސާރައިގެ ސަބަބުން ފްލެޓުތަކުގައި ފެންބޮޑުވެ, ވައިގޮޅިތަކުން ވަންނަ ފެނުގެ ސަބަބުން ބައެއް އެޕާޓްމަންޓްތަކުގައި ފެންބޮޑުވެއެވެ. މިކަން މިހެން ދިމާވަނީ ފެން ހިންދާނެ ރަނގަޅު ނިޒާމެއް ވައިގޮޅި ކައިރީގައި ނެތުމުގެ ސަބަބުންނެވެ. އެކަމުގެ ޝަކުވާވެސް ބައެއް ރައްޔިތުން ވަނީ ހިއްސާކޮށްފައެވެ. ކަން މިހެން ހުރިއިރު ވިއްސާރައިގެ ސަބަބުން އެ ރައްޔިތުންނަށް މިވަނީ ފްލެޓުގައި ދިރިއުޅުމަށް އިތުރު ތަކްލީފަކާ ކުރިމަތިލާން ޖެހިފައެވެ. މިހާރު ވެސް ހިޔާ ފްލެޓް ހަދާފައި ހުރި ގޮތުންނާއި ތަނުގެ އެތޭރެގެ އިންތިޒާމުތައް އެހާ ރަނގަޅު ނޫންކަން އެ ރައްޔިތުން ފާހަގަކުރެއެވެ. އެގޮތުން މަދު ލިފްޓްތައް ހުންނައިރު އެ ލިފްޓްތަކުގެ ކިޔޫ އެހާ ދިގެވެ. އެތަނުގައި 15 ނޫނީ 20 މިނެޓް ލިފްޓްގެ އިންތިޒާރުގައި މަޑުކުރަން ޖެހެއެވެ.

ހިޔާ ފްލެޓްގައި ދިރިއުޅޭ ރައްޔިތަކު ބުނީ ފާޚާނަތަކުގެ އެތޭރޭގައި އަޅާފައި ހުންނަ ހޮޅިތައް ވެސް އަޅާފައި ހުންނަނީ ރަނގަޅަށް ނޫން ކަމަށެވެ. އެގޮތުން އެމީހަކު ދިރިއުޅޭ އެޕާޓްމަންޓުގެ ފާޚާނާގައި މައްސަލައެއް ދިމާވެއްޖެނަމަ ޖެހިގެން ތިރީގައި ހުންނަ އެޕާޓްމަންޓަށް އެ މައްސަލައެއް ހައްލުކުރަން ދާން ޖެހޭ ކަމަށެވެ. އެއީ އެމީހާ ދިރިއުޅޭ އެޕާޓްމަންޓްގެ ފާޚާނާގެ ހޮޅިތައް, ތިރީގައި ހުންނަ އެޕާޓްމަންޓްގެ ފާޚާނާގައި އަޅާފައި ހުރުމުގެ ސަބަބުންނެވެ.

އޭނާ އިތުރަށް ބުނީ ބައެއް އެޕާޓްމަންޓްތަކުގައި ފިނިޝިންގގެ މަސައްކަތްތައް އަބަދު ކުރާތީ އެތަނުގައި ދިރިއުޅޭ ކިޔަވާ ކުދިންނަށް ވެސް އެކަމުގެ އުނދަގޫ ފޯރާ ކަމަށެވެ. މިއަށްވުރެން ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމަށް އޭނާ ވަނީ ކަމާގުޅޭ އިދާރާތަކުގެ ކިބައިން އެދިފައެވެ.

މިކަންތައްތައް މިހެން ހުރިއިރު ހިޔާ ފްލެޓުތައް ކައިރީގައި ގިނަ އަދަދެއްގެ ކުނި ހުރި މައްސަލަ ބޮޑުވެ, ކުނި ނެގޭނެ އިންތިޒާމެއް ނެތި ބައެއް ސަރަހައްދުތައް ގޮނޑުވުމުން ވެސް އެކަމުގެ ޝަކުވާ ރައްޔިތުން ވަނީ ކޮށްފައެވެ. ވިއްސާރަ މޫސުމެއްގައި މިކަމުގެ ސަބަބުން ބަލިތަކަށް ފުރުސަތު ބޮޑުވެގެންދާނެއެވެ.

ހިޔާ ފްލެޓްތައް ލިބުނު ރައްޔިތުން އެތަނަށް ބަދަލުވީ ދިރިއުޅުމުގެ ކަންތައްތައް އިތުރަށް ފަސޭހަވެގެންދާނެ ކަމުގެ އުންމީދުގައެވެ. އެހެންނަމަވެސް އެންމެފަހުން އެ ނިކަމެތި ރައްޔިތު މީހާއަށް ވެސް ހިޔާ ފްލެޓަށް ބަދަލުވުން މިވީ ބޮޑު ތަކުލީފަކަށެވެ. ރައްޔިތުން ބޭނުންވަނީ މިހާރު ހުރި ތަކުލީފުތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
22%
78%
0%
0%
ކޮމެންޓް