ކ. މާލެ
|
6 ޑިސެންބަރ 2023 | ބުދަ 08:56
ރައީސް މުއިއްޒު، ހިޔާ ފްލެޓުތަކުގެ ވެރިންނަށް ދެއްވާނެ ކަމަށް ވިދާޅުވެ ޖެއްސެވި ހިސާބު ދިމަލެއް ނުވޭ
ރައީސް މުއިއްޒު، ހިޔާ ފްލެޓުތަކުގެ ވެރިންނަށް ދެއްވާނެ ކަމަށް ވިދާޅުވެ ޖެއްސެވި ހިސާބު ދިމަލެއް ނުވޭ
ރާއްޖެ އެމްވީ
ހިޔާ ފްލެޓުތަކުގެ ކުލި ކުޑަކުރުން
ރައީސް ޖެއްސެވި ހިސާބު ދިމައެއް ނުވޭ، ދެއްވާނެކަމަށް ވިދާޅުވި ދެ ލައްކަ ރުފިޔާއިން 89،400 ރުފިޔާ މަދުވޭ!
ކުރިއަށް އޮތް ހަތް އަހަރަށް ކޮންމެ މަހަކު ހިޔާ ފްލެޓުތަކުން ދައްކަން ޖެހޭނީ 3984.21 ރުފިޔާ
މިހާރު ގެނައި ބަދަލާއެކު މިހާރު ދައްކާ ކުލިން ކޮންމެ މަހަކު ސަލާމަތް ކުރެވެނީ 1315.79 ރުފިޔާ
ފްލެޓުތަކުގެ ވެރިންނަށް ދެއްވާނެ ކަމަށް ވިދާޅުވި ދެ ލައްކަ ރުފިޔާއިން ހަތް އަހަރު ތެރޭގައި އެ ލިބޭ ޑިސްކައުންޓާއެކު 89،473.64 މަދުވޭ

ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރެއްވިއިރު މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިޔާ ފްލެޓުތައް ހަވާލުކުރަން ނިންމީ ފިނިޝިންގެ މަސައްކަތް ނިންމުމަށްފަހު ކަމަށެވެ. ނަމަވެސް ނިމިދިޔަ ސަރުކާރުން ފިނިޝިން މަސައްކަތް ނުނިންމާ އެ ފްލެޓުތައް ހަވާލުކުރުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވި ބޮޑެތި ތަކުލީފުތަކުގެ ބަދަލެއްގެ ގޮތުގައި، އެކަމަށް ދިޔަ ޚަރަދު އަލުން އަނބުރާ ފްލެޓުތަކުގެ ވެރިންނަށް ދެއްވާނެ ކަމަށެވެ. އޭރު އަދަދެއް ކަނޑައަޅުއްވާ، އެ އަދަދު ދެއްވާނެ ކަމަށް ވިދާޅުވުމަށްފަހު މިހާރު ވިދާޅުވަނީ އެ އަދަދު އުނި ކުރައްވާނީ ކުލިން ކަމަށެވެ. ނަމަވެސް އެމަނިކުފާނު ޖެއްސެވި ހިސާބުތައް ދެއްކެވި ވާހަކަފުޅާ ދިމަލެއް ނުވެއެވެ.

ހިޔާ ފްލެޓުތަކުގެ ފިނިޝިންއަށް އެވްރެޖުކޮށް ކޮންމެ ފްލެޓަކަށް ޚަރަދުވާނީ 200،000 (ދެ ލައްކަ ރުފިޔާ) ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އޭރު ދެއްވާނެކަމަށް އެއްބަސްވެވަޑައިގަތީ ވެސް ކޮންމެ ފްލެޓަކަށް އެ އަދަދެވެ. ހުރިހާ ފެލްޓުތަކެއްގެ ވެރިން އުއްމީދުކޮށްގެން ތިބީ އައު ސަރުކާރާއެކު އެ ފައިސާ އެ ފަރާތްތަކަށް ނަގުދު ފައިސާގެ ގޮތުގައި ލިބިގެންދާނެ ކަމަށެވެ. ނަމަވެސް އަންގާރަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގައި ރައީސް ވަނީ އެ ރައްޔިތުންގެ އުއްމީދުތައް ފުނޑުފުނޑުކޮށްލައްވައި ނަގުދު ފައިސާ ނުލިބޭނެކަން ހާމަކުރައްވާފައެވެ.

ވަޒީރުންގެ މަޖިލީހުގެ ނިންމެވުންތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ކޮންމެ ފްލެޓަކަށް ދޭން ނިންމެވި 200،000 ރުފިޔާ ކުލީގެ ތެރެއިން ޑިސްކައުންޓުގެ ގޮތުގައި ދެއްވަން ނިންމަވާފައިވާ ކަމަށެވެ. އެގޮތުން، ކުރިއަށް އޮތް ހަތް އަހަރު ދުވަހަށް ފްލެޓުތަކުން މަހަކު ދައްކަން ޖެހޭ ކުލި 3984.21 (ތިން ހާސް ނުވަސަތޭކަ އައްޑިހަ ހަތަރު ރުފިޔާ އެކާވީސް ލާރި) އަށް މިހާރު ވަނީ ކުޑަކޮށްފައެވެ. އެއީ ކުލި ދައްކަން މިހާރު ދީފައިވާ މުއްދަތައް އެއްވެސް ބަދަލެއް ނާންނަ ގޮތަށެވެ.

މިހާރު އޮންނަގޮތުން ވިއްޔާ ކުރިއަށް އޮތް ހަތް އަހަރު ދުވަހަށް ދައްކަން މިއޮތީ 5300 (ރުފިޔާ)، މިހާރު އެގްރީމަންޓް އޮތްގޮތުން. އެހެންވީމާ އެ ހަތް އަހަރު ދުވަހަށް ދެން ދައްކަން ޖެހޭނީ މަހަކު 3984.21 ރުފިޔާ. 3،984 ރުފިޔާއަށް ކުޑަވަނީ ހިޔާ ފްލެޓްތަކުގެ އަގު ކުރިއަށް އޮތް ހަތް އަހަރު ދުވަހަށް، މިހާރު އެގްރިމަންޓަށް އަންނާނެ ބަދަލެއް އައިސް، މުއްދަތަށް ބަދަލެއް ނައިސް އިފެކްޓިވްލީ ދެ ލައްކަ ރުފިޔާ ކޮންމެ ފްލެޓަކުން އަޅުގަނޑުމެން މި އުނިކޮށްދެނީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު

ރައީސް މިފަދައިން ވިދާޅުވެފައިވާއިރު އެމަނިކުފާނު ޖައްސަވާފައިވާ ހިސާބުތައް ދިމަލެއް ނުވެއެވެ. އެ ވިދާޅުވަނީ ކުރިއަށް އޮތް ހަތް އަހަރަށް ކޮންމެ މަހަކު ހިޔާ ފްލެޓުތަކުން ދައްކަން ޖެހޭނީ 3984.21 ރުފިޔާ ކަމަށެވެ. އެހެން ކަމަށްވާނަމަ މިހާރު ދައްކާ ކުލިން ކޮންމެ މަހަކު ސަލާމަތް ކުރެވެނީ 1315.79 ރުފިޔާއެވެ. އެ އަދަދުން ބަލާނަމަ އަހަރަކު ލިބެނީ 15،789.48 (ފަނަރަ ހާސް ހަތްސަތޭކަ އަށްޑިހަ ނުވަ ރުފިޔާ ސާޅީސް އަށް ލާރި) އެވެ. އަދި ހަތް އަހަރުން ލިބެނީ 110،526.36 (އެއްލައްކަ ދިހަ ހާސް ފައްސަތޭކަ ސައްބީސް ރުފިޔާ ތިރީސް ހަ ލާރި) އެވެ.

މިއީ ރައީސް ވިދާޅުވާ އަދަދެއް ނޫނެވެ. އެމަނިކުފާނު ވިދާޅުވާ އަދަދުތަކަށް ބަލާނަމަ ފްލެޓުތަކުގެ ވެރިންނަށް ދެއްވާނެ ކަމަށް ވިދާޅުވި ދެ ލައްކަ ރުފިޔާއިން ހަތް އަހަރު ތެރޭގައި އެ ލިބޭ ޑިސްކައުންޓާއެކު 89،473.64 (އައްޑިހަ ނުވަ ހާސް ހަތަރުސަތޭކަ ހަތްދިހަ ތިން ރުފިޔާ ފަސްދޮޅަސް ހަތަރު ލާރި) އެބަ މަދުވެއެވެ. ފްލެޓުތަކުގެ ވެރިންނަށް ދެ ލައްކަ ރުފިޔާ ދޭން ވިދާޅުވުމަށްފަހު ފަހުން ކުލިން އެބައި މަދުކުރެއްވުމަށް ނިންމެވީ އެ ރައްޔިތުންނަށް އޮޅުވާލުމުގެ ބޭނުމުގައި ބާއެވެ.

ހިޔާ ފްލެޓުތަކުގެ ފިނިޝިންގެ ޚަރަދަށް ދާނެ ކަމަށް ލަފާ ކުރެވޭ ސީދާ އެވްރެޖު އަދަދެއް ކަނޑައެޅުއްވުމަށްފަހު ސީދާ އެ އަދަދު ނުދިނުމަކީ އެ ފަރާތްތަކަށް އޮޅުވާލުމެވެ. ރައީސްގެ ހިސާބުތަކުން ބާކީވާ 89،437.64 ރުފިޔާއަށް ވާގޮތެއް ސަރުކާރުން ހާމަކުރަން ޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް