އއ. ތޮއްޑޫ ހެލްތު ސެންޓަރުގައި އޮތް އެމްބިއުލާންސް ހަލާކުވެފައި އޮންނަތާ 3 މަސް ވެއްޖެއެވެ.
ތޮއްޑޫ ހެލްތު ސެންޓަރުން ރާއްޖެއެމްވީއަށް މައުލޫމާތުދެމުން ބުނީ ތޮއްޑޫއަކީ އެ އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށަށް ވުމާއެކު އެމްބިއުލާންސްގެ ބޭނުން ވަރަށް ބޮޑަށް ޖެހޭ ކަމަށެވެ. އެހެންނަމަވެސް ތޮއްޑޫ ހެލްތް ސެންޓަރުގައި އޮތް އެމްބިއުލާންސް ހަލާކުވެފައި އޮންނަތާ 3 މަސް ވެފައިވާކަމަށް ބުނެފައިވެއެވެ.
ވޭތުވެދިޔަ 3 މަސްތެރޭގައި އެމަރޖެންސީ ހާލަތްތަކުގައި ބަލި މީހުން ހޮސްޕިޓަލަށް ގެންދިއުމަށް ޕިކަޕް ނުވަތަ ބަގީ ބޭނުންކޮށްފައިވާކަމަށް އެ ހެލްތް ސެންޓަރުން ބުނެފައިވެއެވެ. އެމްބިއުލާންސް ހަލާކުވެފައި އޮތުމުގެ ސަބަބުން މިފަދަ އެތައް ދައްޗަކާ ކުރިމަތިލާންޖެހޭ ކަމަށް ބުނެފައިވެއެވެ.
ތޮއްޑޫ ހެލްތް ސެންޓަރުން ވަނީ މި އެމްބިއުލާންސްއަކީ އެކި ފަހަރުމަތިން މަރާމާތުކޮށްގެން ވެސް ބޭނުންކޮށްފައިވާ އެމްބިއުލާންސްއެއްކަން ފާހަގަކޮށްފައެވެ.
ސަރުކާރުން އެސްޓީއޯ މެދުވެރިކޮށް ގެންނަން ނިންމާފައިވާ އެމްބިއުލާންސްތަކުގެ ތެރެއިން އިތުރު 20 އެމްބިއުލާންސް މިހާރު ވަނީ މާލެ ގެނެސްފައެވެ.
އަތޮޅުތެރޭގެ ހޮސްޕިޓަލުތަކުގައާއި ސިއްހީ މަރުކަޒުތަކުގައި އެމްބިއުލާންސް ނެތުމާ ގުޅިގެން ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސްއާއި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)އާއެކު، މިނިސްޓްރީ އޮފް ހެލްތުން ވަނީ މި އަހަރުގެ ޖޫން މަހުގެ ދިހަ ވަނަ ދުވަހު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މިހާތަނަށް އައިއިރު މީގެތެރެއިން 40 އެމްބިއުލާންސް ވަނީ ރާއްޖެ ގެނެސްފައެވެ. މިއަހަރު ނިމުމުގެ ކުރިން 60 އެމްބިއުލާންސް ރާއްޖެ ގެނެވޭނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ. މިހާތަނަށް ގެނެވުނު އެމްބިއުލާންސްތައް އަތޮޅުތެރެއަށް ފޮނުވުމުގެ މަސައްކަތް ސަރުކާރުން ގެންދަނީ ކުރަމުންނެވެ.
މިކަމާ ގުޅޭގޮތުން ހެލްތް މިނިސްޓަރ ވަނީ އެމްބިއުލާންސްގެ ޚިދުމަތް އިތުރަށް ފުޅާވެގެން ދިޔުމުން އަތޮޅުތެރޭގައި މިހާރު ކުރިމަތިވަމުންދާ ގިނަ ގޮންޖެހުންތަކަށް ހައްލު ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެމްބިއުލާންސްގެ ޚިދުމަތަކީ ކޮންމެ ރަށަކަށް ވެސް މުހިންމު ޚިދުމަތެއްކަން ފާހަގަކުރައްވައި، ބައެއް ރަށްރަށުގައި އެމްބިއުލާންސް ހަލާކުވެ ޚިދުމަތް މެނދުކެނޑިފައި އޮތުމުގެ ސަބަބުން ގިނަ ދަތިތައް ކުރިމަތިވަމުންދާކަމަށެވެ.
އެމްބިއުލާންސް ގެނައުމަށް އެސްޓީއޯއާއެކު ހެދި އެއްބަސްވުމުގައި ވާގޮތުން އެސްޓީއޯއިން އެމްބިއުލާންސްތައް ގެނެސް 180 ދުވަހުގެ ތެރޭގައި މިނިސްޓްރީއާ ހަވާލުކުރަންޖެހޭނެއެވެ.