Advertisement
ކ. މާލެ
|
30 އޯގަސްޓް 2024 | ހުކުރު 18:35
ދައުލަތުގެ މާލީ ހާލަތު ގޯހުން ގޯހަށް ގޮސްފައިވާއިރު ހެލްތް މިނިސްޓްރީގެ ޑެޕިއުޓީއަކަށް އަނެއްކާވެސް އިތުރު ބޭފުޅަކު ވަނީ އައްޔަންކުރައްވާފައި
ދައުލަތުގެ މާލީ ހާލަތު ގޯހުން ގޯހަށް ގޮސްފައިވާއިރު ހެލްތް މިނިސްޓްރީގެ ޑެޕިއުޓީއަކަށް އަނެއްކާވެސް އިތުރު ބޭފުޅަކު ވަނީ އައްޔަންކުރައްވާފައި
ރާއްޖެއެމްވީ
ސިޔާސީ މަގާމް
މާލީ ހާލަތު ދަށަށް، ހެލްތް މިނިސްޓްރީ އަށް ނައިބަކާ އެކު ސިޔާސީ މަގާމުތައް މައްޗަށް
ޑެޕިއުޓީ މިނިސްޓަރަކަށް މަހެއް މައްޗަށް 35،000 ރުފިޔާގެ މުސާރައިގެ ގޮތުގައި ލިބިވަޑައިގަންނަވާނެ
ހެލްތު މިނިސްޓްރީގައި މިހާރުވެސް ހަތަރު ނައިބުން ތިއްބަވާ

މާލީ ގޮތުން އެތައް ދަތިކަމެއް ދިމާވެ، ރާއްޖޭގެ ކްރެޑިޓް ރޭޓިންގ އަނެއްކާވެސް ދަށްކޮށްފައި އޮއްވާ ސަރުކާރުން އިތުރު ނައިބު ވަޒީރަކު އައްޔަންކުރައްވައިފިއެވެ.

ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމަށް އައްޔަންކުރައްވާފައިވަނީ ގއ. ވިލިނގިލި، ފީރޯޒްގެ، ނަޒްލީން ނަޖީބެވެ. ނަޒްލީން އަށް ހެލްތް މިނިސްޓްރީގެ މިނިސްޓަރުގެ ނައިބުކަން ދެއްވާފައިވާއިރު އޭނާ އަކީ މީގެ ކުރިން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގއ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރުކަންވެސް ކުރައްވާފައިވާ ފަރާތެކެވެ.

މީގެ އިތުރުން އޭނާ އަކި ގއ. ވިލިނގިލި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރައީސްއެވެ. ނަޒްލީން އަކީ ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވިލިނގިލި ދާއިރާގެ ގޮނޑިއަށް ޕީއެންސީގެ ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވެފައިވާ ފަރާތެކެވެ.

އަދި ސަރުކާރުގެ ކެންޑިޑޭޓަށް ތާއިދުކޮށް ކެމްޕޭންތަކުގައި އިސްކޮށް އުޅެފައިވާ ފަރާތެކެވެ. ނަޒްލީން މި މަގާމަށް އައްޔަންކުރައްވާފައިވާއިރު ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރަކަށް މަހެއް މައްޗަށް 35،000 ރުފިޔާގެ މުސާރައިގެ ގޮތުގައި ލިބިވަޑައިގަންނަވާނެއެވެ.

Advertisement

ނަޒްލީން އެ މަގާމަށް އައްޔަންކުރައްވާފައިވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ. ނަމަވެސް ރައީސް އޮފީހުން މި މައުލޫމަތުތަކެއް މިހާރު ހާމައެއް ނުކުރެއެވެ. ރައީސް އޮފީހުގެ ވެބްސައިޓްގައިވާގޮތުން ނަޒްލީންގެ އިތުރުން ހެލްތު މިނިސްޓްރީގައި ހަތަރު ނައިބުން ތިއްބަވައެވެ.

ދައުލަތުގެ މާލީ ހާލަތު ގޯސްވެ އަވަށް ފިޔަވަޅުތަކެއް އެޅުމަށް މާލީ އިދާރާތަކުން ސަރުކާރަށް ގޮވާލާފައިވީނަމަވެސް މިހާތަނަށް އައި އިރުވެސް ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނުވެއެވެ.

މީގެ އިތުރުން ފިޗް އިން ދިވެހިރާއްޖޭގެ ދިގު މުއްދަތުގެ ބޭރު ފައިސާގެ އިޝުއަރ ޑިފޯލްޓް ރޭޓިންގ (އައިޑީއާރު) ސީސީސީ ޕްލަސް (ސީސީސީ+) އިން 'ސީސީ' އަށް ވަނީ ދަށްކޮށްފައެވެ. ފިޗް ރާއްޖެއަށް އިންޓަރނޭޝަނަލް ޑިފޯލްޓް ރޭޓިންގ އިން ދީފައިވާ ދަރަޖަ 'ސީސީ' އަށް ދަށްކުރި ސަބަބެއް ކަމަށް، ބުނެފައިވަނީ ފަހަކަށްއައިސް ޤައުމުގެ ބޭރުފައިސާ ހުރި މިންވަރު ދަށަށް ދިއުމުގެ ސަބަބުން ރޭޓިންގ މުއްދަތުގެ ތެރޭގައި ބަނގުރޫޓުވުމުގެ ފުރުސަތު އިތުރުވެފައިވާކަމަށް ބެލެވޭތީއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް