މިދިޔަ ހޯމަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމާއެކު ރައްޔިތުންގެ މަޖިލިސް ވެފައިވަނީ ވާވެފައިވާ ތަނެއްގެ ގޮތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ އުތުރު ދާއިރާގެ މެންބަރު އަދި ޤާނޫނީ ވަކީލް މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެވެ.
މާރިޔާ މިހެން ވިދާޅުވީ އަންގާރަ ދުވަހުގެރޭ ރާއްޖެ ޓީވީން ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
މިހާރު އަމަލުކުރާ ޤާނޫން އަސާސީ އެކުލަވާލި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައިވެސް ހިމެނިވަޑައިގެންނެވި މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ސުޕްރީމް ކޯޓުގެ ނިންމުން ފެނިގެން ދިޔައީ ނިޒާމް ގަޑުބަޑުވާފަދަ ނިންމުމަކަށް ކަމަށާއި ދައުލަތުގެ ބަންޑާރަ ނައިބު މިފަދަ ކަމަކަށް ވަޑައިގަންނަވާން ފެށުމުންވެސް އެއީ ވަރަށް ކަންބޮޑުވާފަދަ ކަމަކަށް ވެދާނެ ކަމަށް ހީކުރެއްވުނު ކަމަށެވެ.
މާރިޔާ ވިދާޅުވީ ރާއްޖޭގައި ޤާނޫނީ ގޮތުން ކަންކަން ނިންމަން ޖެހޭނެ ގޮތަކީ ސީދާ ޤާނޫނު އަސާސީ ކަމަށް ލިޔެފައިވާއިރު ބަލަން ޖެހޭނީ އެފޮތުގައި ލިޔެފައި އޮންނަ އެއްޗަކަށް ކަމަށާއި އިތުރު މާނައަކަށް ފުރުސަތެއް ނުދޭ ކަމަށެވެ.
މާރިޔާ ވިދާޅުވީ ޤާނޫނު އަސާސީގައި ބުނެފައިވާ ގޮތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތްކަމަށް ފާސްކޮށްފިނަމަ އެވަޒީރެއްގެ މަޤާމް ގެއްލުނީ ކަމަށާއި އެހެން އިޖުރާއަތު ތަކެކޭ ކިޔައިގެން އެހެން ގޮތަކަށް އެކަން ކުރެވެން ނޯންނާނެ ކަމަށެވެ.
ހަޤީގަތުގައި މި ފެންނަ މަންޒަރަކީ މާރިޔާ ވިދާޅުވި ގޮތުގައި ސަރުކާރަށް އޮތް މަޖިލީހުގެ މެޖޯރިޓީ ގެއްލިއްޖެކަން ޔަޤީންވުން ކަމަށެވެ.
"ހަޤީގަތުގައި ފެނިގެން މިދަނީ ރައީސް ޔާމީނާ ރައީސް ޔާމީންގެ ސަރުކާރަށް ޤަބޫލް ކުރެވެނީ ރައްޔިތުންގެ މަޖިލީހުގައި އެބޭފުޅުންނަށް އޮތް އިތުބާރު ގެއްލިއްޖެ ކަމަށް" މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ ފެނިގެން މިދަނީ ރައްޔިތުންގެ މަޖިލީހުގެ ބޭނުން ކެނޑުމުން އެ މަޖިލިސް ދޫކޮށްލެއްވި ތަން ކަމަށާއި މަޖިލީހުގެ ބާރުވެރިކަން ގެއްލުމުން އެ މަޖިލިސް އެއްވެސްތާކަށް ނުވާކަން ކަމަށެވެ. ނިމުން މިއައިގޮތަށް ބަލާއިރު ބަންޑާރަނައިބު ސުޕްރީމް ކޯޓަށް ވަޑައިގެންނެވީ އެހެން ވެގެންކަމަށް ޤަބޫލުކުރެއްވޭ ކަމަށް މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ ރާއްޖޭގައި އޮންނަނީ ރައްޔިތުންގެ ވެރިކަމެއް ކަމަށާއި އެއްވެސް ބަޔަކަށް ޤާނޫނުއަސާސީއާއި ޤާނޫނުތަކާ ޚިލާފަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށެވެ. އެއީ ސުޕްރީމް ކޯޓު ނަމަވެސް އޮންނަ ގޮތް ކަމަށާއި މަޖިލީހުން ނިންމާ ނިންމުމަކަށް ސުޕްރީމް ކޯޓަކަށް ބަދަލް ނުކުރެވޭނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ މިކަމުގެ ސުޕްރީމް ކޯޓުގެ ހުކުމުގެ ސަބަބުން ރައްޔިތުންވެރިކަން ރައްޔިތުންގެ ކިބައިން ގެއްލިގެންދާކަމަށެވެ.