ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ތ. ކަނޑޫދޫގައި ކުރިޔަށްދާ ހަރަކާތްތަކުގެ ތެރެއިން ބޭއްވުނު ދަނޑުވެރިންގެ ފޯރަމް ބުރާސްފަތި ދުވަހު ނިންމާލައިފިއެވެ.
ތ. ކަނޑޫދޫގައި ކުރިޔަށް ގެންދިޔަ މި ފޯރަމް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ޙުސައިން ރަޝީދު ޙަސަންއެވެ. މި ފޯރަމް ފައްޓަވައިދެއްވަމުން މިނިސްޓަރ ވިދާޅުވި ގޮތުގައި, މި ފޯރަމް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ދަނޑުވެރިކަން ފުޅާކުރުމަށް ހުރި ގޮންޖެހުންތައް ފާހަގަކޮށް, އެކަންކަން ޙައްލުކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާތައް ކުރުން ކަމަށެވެ.
މި ފޯރަމްގައި ގިނަރަށްތަކެއްގެ ދަނޑުވެރިންނާއި އަދި ދަނޑުވެރިކަމާއި ގުޅުންހުރި ބައެއް މަދަނީ ޖަމްޢިއްޔާތައް ވަނީ ބައިވެރިވެފައެވެ.
ތ. ކަނޑޫދޫގައި ބޭއްވުނު ދަނޑުވެރިގެ ފޯރަމް ކުރިޔަށް ގެންގޮސްފައިވަނީ 2 ދުވަހަކަށް ބަހާލައިގެން އެރަށުގެ ކައުންސިލް އިދާރާގެ ހޯލުގައެވެ. މި ފޯރަމްގައި ދަނޑުވެރިންގެ ފަރާތު ފާހަގަ ކުރެވުނު ކަންކަމާއި ދަނޑުވެރިގެ ބައެއް ސުވާލުތަކަށް މިނިސްޓަރ ވަނީ ޖަވާބުދެއްވާފައެވެ. ފޯރަމްގައި ބައިވެރިވި ދަނޑުވެރިން ވަނީ ރާއްޖޭގައި ދަނޑުވެރިކަން ކުރުމުގައި ހުރި ގޮންޖެހުންތައް ހުށައަޅާފައެވެ.
މި ފޯރަމްގައި ދަނޑުވެރިން ފާހަގަކުރި މައިގަނޑު ކަންކަމުގެ ތެރޭގައި އާރބަން ގާޑަނިންގއަށް އިސްކަންދިނުމާއި ބިން ލިބުމުގައި ދިމާވާ މައްސަލަތަކާއި ނިއުޓްރިޝަން ފޯކަސްކޮށްގެން ގަސްހެއްދުމުގެ މޮޑެލް ތައްޔާރުކުރުމާއި, މިރުހަށް ރަނގަޅު އަގު ނުލިބުމުގެ މައްސަލައާއި އިތުުރުން މައިގަނޑުގޮތެއްގައި އުފައްދާ ބާވަތްތައް ރިސޯޓްތަކަށް މާކެޓް ކުރެވޭނެ ގޮތައް ހޯދައިދިނުން ހިމެނެއެވެ. އަދި ދަނޑުވެރިން ހައްދާތަކެތި ރައްކާތެރިކޮށް ސްޓޯރ ކުރެވޭނެގޮތްތަކެއް ހޯދައިދިނުމާއި ދަނޑުވެރިން ހައްދާ ބާވަތްތަކަށް ރަނގަޅު އަގު ނުލިބުމާއި އެތަކެތި ފަސޭހައިން ގަނެވޭނެ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމާއި ގަސްކާނާ އަދި ބޭހުގެ އަގުތައް ބޮޑުކަމަށް ވަނީ ފާހަގަކޮށްފައެވެ.
ދަނޑުވެރިން ފާހަގަކޮށްފައިވާ އިތުރު ކަންތައްތަކަށް ބަލާއިރު ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމުގައި ދަނޑުވެރިންނަށް ބިން ލިބޭނެ ގޮތައް ޕްލޭން އެކުލަވާލުން މުހިންމު ކަމަށާއި ދަނޑުތަކަށް އެކިއެކި ކާރިސާތަކުން ލިބޭ ގެއްލުމުން އަރައިގަނެވޭނެ ނިޒާމެއް ޤާއިމުކޮށްދިނުމާއި ޒުވާން ދަނޑުވެރިން އުފެއްދުމަށް ސަމާލުކަން ދިނުން މުހިންމު ކަމަށް ވަނީ ފާހަގަކޮށްފައެވެ.
ދަނޑުވެރިންގެ ދުވަހުގެ ފޯރަމެއް ބާއްވާފައިވާއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ދަނޑުތަކުން އުފައްދާ ތަކެއްޗަށް ހަމަ އަގު ހޯދައިދިނުމުގެ ގޮތުން ރާއްޖޭގައި ބޭނުންވާ މިންވަރަށް ރާއްޖޭގައި އުފައްދާ ތަކެތި ލިބެނިކޮށް ބޭރުން އެފަދަ ތަކެތި އެތެރެކުރާ ނަމަ ޓެކްސްއެއް ނެގުމަށް ސަރުކާރުން މަޝްވަރާކުރަމުން އަންނަ ކަމަށް ދާދި ފަހުން ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވަނީ ބިދޭސީން ރެގިއުލަރައިޒް ކުރެވޭނެ މަގުފަހިކޮށްދެއްވާނެ ކަމަށާއި، ދެން ދަނޑުވެރިން ހުށަހަޅާފައިވާ ކަންކަމުގައި މަޝްވަރާކޮށްގެން ރަނގަޅު ޙައްލުތަކެއް ހޯއްދަވައިދެއްވާނެކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ދަނޑުވެރިކަމުގެ ދާއިރާއިން ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.