ކ. މާލެ
|
13 އޮކްޓޯބަރ 2021 | ބުދަ 22:33
މާލެ ލޮކްޑައުންކޮށްފައި އޮތްއިރު
މާލެ ލޮކްޑައުންކޮށްފައި އޮތްއިރު
ރާއްޖެއެމްވީ
ކޮވިޑް-19، ރާއްޖޭގެ ހާލަތު
ފާއިތުވި 24 ގަޑިއިރުތެރޭ އިތުރު 106 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ
އަތޮޅުތަކުން 78 މީހުން ޕޮޒިޓިވްވެފައިވޭ

ފާއިތުވި 24 ގަޑިއިރު ރާއްޖެއިން 106 މީހުން ކޮވިޑް-19ށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މާލެ ސަރަހައްދުން 21 މީހަކު ޕޮޒިޓިވް ވެފައިވާއިރު އަތޮޅުތަކުން 78 މީހުން ޕޮޒިޓިވް ވެފައިވެއެވެ. އަދި ހިނގަމުންދާ ރިސޯޓްތަކުން 7 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު ވަނީ 85,838ށް އަރާފައެވެ. މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި 1,207 ކޭހެއް ގުނަމުން އަންނައިރު މީގެތެރެއިން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ 14 މީހަކަށެވެ.

ރާއްޖެއިން މިހާތަނަށް މިބަލި ޖެހުނު 84،381 މީހުން ބަލިން ރަނގަޅުވެފައިވެއެވެ.

237 މީހުން ވަނީ މި ބަލީގައި ނިޔާވެފައެވެ. އެގޮތުން ބުދަ ދުވަހު ދެ މީހަކު ވަނީ ނިޔާވެފައެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނީ، ނިޔާވެފައިވަނީ އުމުރުން 87 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ނިޔާވެފައިވަނީ ރޭގެ 1.31ގައި ކަމަށެވެ. އޭނާ ނިޔާވިއިރު ފަރުވާ ހޯދަމުން ގެންދިޔައީ އައްޑޫ ކޮވިޑް މެނޭޖްމަންޓު ފެސިލިޓީގައެވެ. މިއީ ރާއްޖެއިން ކޮވިޑު ބަލީގައި ނިޔާވި 237 ވަނަ މީހާއެވެ.

އޭގެ އިތުރުން، އަންގާރަ ދުވަހުގެރޭ ގދ. ތިނަދޫން ވެސް ކޮވިޑް ބަލީގައި އިތުރު މީހަކު ވަނީ ނިޔާވެފައެވެ. އޭނާއަކީ ރާއްޖެއިން މި ބަލީގައި ނިޔާވި 236 ވަނަ މީހާއެވެ. ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ ތިނަދޫން ކޮވިޑް ބަލީގައި ނިޔާވި މީހާއަކީ ކޮވިޑް ފެސިލިޓީގައި އެޑްމިޓުކޮށްގެން ފަރުވާ ދެމުންދިޔަ މީހެއް ކަމަށެވެ. ނިޔާވީ އުމުރުން 84 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އޭނާ ނިޔާވީ އަންގާރަ ދުވަހުގެ ފަތިހު 5:21ގައި ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވެއެވެ.


Advertisement
- ކޮމެންޓް