ދިވެހި ފަސްގަނޑުން އެންމެ އިންޗިއެއްވެސް ބޭރު މީހުންނަށް ދިނުމަށް ތާއީދު ނުކުރާނެކަމަށް އެމްއެންޕީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހުގެރޭ ބޭއްވި އެމްއެންޕީ އުފެއްދުމުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، ބޭރުގެ ސިފައިންވެސް ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ތިބުމަށް ތާއީދު ނުކުރައްވާނެ ކަމަށެވެ. ނާޒިމް ވިދާޅުވީ ރާއްޖޭގައި ބޭރުގެ ސިފައިންނަށް ތިބެވޭނެ ޖާގަ ދިނުމަކީ ކޮށްގެން ވާނެކަމެއް ނޫންކަމަށެވެ. އެކަން ކުރެވޭނެ ޖާގަ އެމްއެންޕީގެ ވެރިކަމެއްގައި ނުދޭނެކަމަށެވެ. ހަމަ މިއާއިއެކު ރާއްޖޭގެ ފަސްގަނޑުން އިންޗިއެއްހާ މިންވަރުވެސް ބޭރުގެ ބާރަކަށް ދިނުމަކީ ގަބޫލުކުރާނެ ކަމެއް ނޫންކަމަށެވެ. ނާޒިމް ވިދާޅުވީ އެމްއެންޕީން ސިޔާސީ މައިދާނުގައި މަސައްކަތް ކުރާނީ ރައްޔިތުންގެ މަސްލަހަތުގައިކަމަށެވެ. ރާއްޖޭގެ މިނިވަންކަމާއި ސިޔާސަދަތާއި އިސްތިގުލާލާއި ކުޅުމުގެ އެއްވެސް ޖާގައެއް އެމްއެންޕީ އޮއްވައި ނުދެވޭނެކަމަށެވެ.
އަދުލުއިންސާފު ގާއިމް ކުރުމަށް ފަނޑިޔާރުގެ މިނިވަން ކުރުމަކީ އެ ޕާޓީގެ އެއް އަސާސް ކަމުގައި ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ އެމްއެންޕީގެ އަމާޒަކީ ޖުޑީޝަރީ މިނިވަންކޮށް، ޖޭއެސްސީއަކީ ވަކި މީހެއްގެ ނުވަތަ ބަކި ބައެއްގެ ކޮންޓްރޯލްގައި އޮންނަ ތަނަކަށް ނުވުންކަމަށެވެ. ރާއްޖޭގެ އަދުލުއިންސާފަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ތަނަކަށް ހެދުމަކީ އެމްއެންޕީގެ އަމާޒެއް ކަމަށާއި، އެކަން އެމްއެންޕީން ކުރާނެކަމަށް ނާޒިމް ވިދާޅުވިއެވެ.
ބޭސްފަރުވާއަށް ސަލާންޖަހަން ޖެހޭ ޖެހުމާއި، އަސާސީ ގިނަ ކަންކަމަށް ދިވެހި ރައްޔިތުން ތާއަބަދު ސަރުކާރުގައި ސަލާންޖަހަން ޖެހޭ ޖެހުންވެސް ނިމުމަކަށް ގެންނާނެކަމަށް ނާޒިމް ވިދާޅުވިއެވެ. އެގޮތުން އައިޑީ ކާޑާއި، ލައިސަންސް ކާޑަކީ އޮޓޯ އިން އައު ކުރެވޭނެ ތަކެތީގެ ގޮތުގައި ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. ރައްޔިތުންނަަށް ތަކުލީފު އުފެދޭ ގޮތަށް ހުރި ގަވާއިދުތައް އުވާލުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ބޯހިޔާވަހިކަން ދިނުމުގައި ގާތް މީހުންނަށް ފްލެޓް ދިނުމުގެ އުސޫލަށް ބަދަލު ގެނެސް އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދީ، ބޯހިޔާވަހިކަން ކަށަވަރު ކޮށްދޭނެ ކަމަށް ވިދާޅުވިއެވެ. ރާއްޖެ 5 ސަރަހައްދެއްގައި 5 އާރބަން ސެންޓަރު ހަދާނެ ކަމަށް ވިދާޅުވިއެވެ. ސެކަންޑްރީ އަދި ޓާރޝަރީ ސިއްހީ ޚިދުމަތް ދިގު ކިއުއެއްގައި ނުޖެހި ލިބޭނެގޮތް ކަށަަވަރު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް އެކަށީގެންވާ އުޖޫރައެއް ލިބޭނެ ގޮތް މަގުފަހި ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ނާޒިމްގެ ވާހަކަފުޅުގައި މާލިއްޔާއިން ވަކި ބަޔަކު މުއްސަނދިވާ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެނެސް މުޅި ރައްޔިތުންނަށް މާލިއްޔާއިން މުއްސަދިކަން ލިބޭނެ ގޮތަކަށް ކަންކަން ބައްޓަން ކުރައްވާނެކަމަށް ވިދާޅުވިއެވެ. ހަމަ މިއާއިއެކު ބޭސްފަރުވާއާއި ތައުލީމު މާލެއެކޭ އެއްފެންވަރަށް އަތޮޅު ތެރޭގައި ދެވޭނެ ނިޒާމު ގާއިމްކޮށް، މާލެއަށް އަންނަންޖެހޭ އައުން ނިމުމަކަށް ގެންނާނެކަމަށް ވިދާޅުވިއެވެ. ނުހެދި މަޑުޖެހިފައި ހުރި ރިސޯޓްތައް ހުޅުވޭނެ އިންތިޒާމްތައް ރާއްވަވާނެކަމަށް ވިދާޅުވިއެވެ.
ނާޒިމް ވަނީ 2023ގައި އެމްއެންޕީން ކަނޑައަޅާފައިވާ މައިގަނޑު ގިނަ އަސާސްތައް ރައްޔިތުންނާއި ހިއްސާ ކުރައްވާފައެވެ. އެމްއެންޕީން ރައްޔިތުންގެ މަސްލަހަތުގައި ނުކޮށް ދޫކޮށްލާނެ ހަމައެއްވެސް ކަމެއް ނޯންނާނެކަމަށާއި، ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމަށް އެމްއެންޕީން އަބަދުވެސް ތައްޔާރަށް އޮންނާނެކަމުގެ ޔަގީންކަން ނާޒިމް ވަނީ ދެއްވާފައެވެ. ނާޒިމް ވިދާޅުވީ، އެމްއެންޕީއަކީ ވަކިމީހެއްގެ ފަހަތުން އެނބުރޭނެ ޕާޓީއެއް ނޫން ކަަމަށެވެ. އަމާޒަކީ ފުދުންތެރި ރައްޔިތެއް އުޅޭ ގައުމަކަށް މި ގައުމު ހެއްދެވުން ކަމަށާއި، ދީނީ ގޮތުން ހަމަޖެހުން އޮންނަ ގައުމަކަށް ހެއްދެވުން އެއީ އިސް ވާޖިބު ކަމުގައި ނާޒިމް ވިދާޅުވިއެވެ.
އަމާޒަކީ 2023ގެ އިންތިޚާބު އެ ޕާޓީގެ ކަންޑިޑޭޓަކު ކާމިޔާބު ކުރުން ކަމުގައި ވެސް ވިދާޅުވިއެވެ.