އައްޑޫ ސިޓީގައި ކޮވިޑް-19ށް ފަރުވާ ދެމުންދިޔަ މީހަކު ނިޔާވެއްޖެއެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ން ބުނީ އައްޑޫ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 97 އަހަރުގެ ފިރިހެނެއް ނިޔާވެފައިވާ ކަމަށެވެ. އެމީހާ ނިޔާވެފައިވަނީ ހުކުރު ދުވަހުގެ ހެނދުނު ގާތްގަނޑަކަށް 7:50ހާއިރު ކަމަށް އޭއީއެޗްއިން ބުނެއެވެ.
ނިޔާވި މީހާއަކީ ފުވައްމުލައް ސިޓީން ސެޕްޓެންބަރު މަހުގެ 26 ވަނަ ދުވަހު ކޮވިޑް ފެސިލިޓީއަށް ގެނައި މީހެކެވެ.
މިއީ އައްޑޫއިން ކޮވިޑް-19ގައި ނިޔާވި 4 ވަނަ މީހާއެވެ. ނަމަވެސް މުޅި ރާއްޖެއިން މިބަލީގައި ނިޔާވި އަދަދު މިހާރު މިވަނީ 233ށް އަރާފައެވެ.
އައްޑޫގެ ކޮވިޑް-19ގެ ހާލަތަށް ބަލާއިރު، ބުދަ ދުވަހުގެ އިރުއޮއްސި 6:00ން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00ށް 220 ސާމްޕަލް ނަގާފައިވާއިރު، 14 މީހަކު ޕޮޒިޓިވްވެފައިވެއެވެ.
އޭއީއެޗްއިން ބުނީ މިހާތަނަށް 1590 މީހުން ޕޮޒިޓިވްވެފައިވާ ކަމަށާއި، 1346 މީހުން ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އަދި 241 އެކްޓިވް ކޭސް ހިމެނޭ ކަމަށާއި، 6 މީހަކަށް އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ ކަމަށް އޭއީއެޗްއިން ބުނެއެވެ. އައްޑޫގެ އަވަށްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް އެކްޓިވް ކޭސް މިހާރު އުޅެނީ ފޭދޫގައެވެ. އެގޮތުން ހިތަދޫއިން 91 މީހުން، މަރަދޫއިން 26 މީހުން، މަރަދޫ-ފޭދޫއިން 23 މީހުން އަދި ފޭދޫއިން 99 މީހުން ޕޮޒިޓިވްވެފައިވެއެވެ.