މީޑިއާ ކައުންސިލްގެ ރައީސް އަބްދުލް މުއީދު ހަސަން ހައުސިންގް މިނިސްޓްރީގައި އަދާކުރައްވަމުންގެންދެވި ސިވިލް ސާވިސްގެ ވަޒީފާއިން އަންގާރަ ދުވަހު ވަކިކޮށްފިއެވެ.
ފެކަލްޓީ އޮފް އިންޖިނިއަރިންގ ޓެކްނޮލޮޖީގައި އާކިޓެކްޗރ ކިޔަވައިދެއްވާފައިވާ މުއީދު ހުންނެވީ ހައުސިންގ މިނިސްޓްރީގެ ޗީފް އާކިޓެކްޓްގެ މަގާމުގައެވެ.
މުއީދުގެ ވަޒީފާ ހައުސިންގް މިނިސްޓްރީއަށް ބަދަލުކުރެވުނީ މާލޭ ސިޓީކައުންސިލްގައި މުއީދު ހުންނެވި ޑިޕާޓްމަންޓް ހައުސިންގް މިނިސްޓްރީއަށް ބަދަލުކުރުމުންނެވެ.
މުއީދު ވަކިކޮށްފައި މިވަނީ ނޫސްވެރިންނާ ދެކޮޅަށް ރައީސް އޮފީހުން ހުށަހެޅި ޝަކުވާތަކަކާ ގުޅިގެން ގިނަ އަދަދެއްގެ ނޫސްވެރިންތަކަކަށް ޖަވާބުދާރީވުމަށް މީޑިއާ ކައުންސިލުން ސިޓީ ފޮނުވާފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް ސިޓީ ފޮނުވާފައި ވަނިކޮށް މީޑިއާ ކައުންސިލަށް މައްސަލަތަކެއް ހުށަހަޅާފައި ނުވާ ކަމަށް ރައީސް އޮފީހުން ބުނުމުން، ނޫސް މީޑިއާތަކަށް ފޮނުވި ސިޓީތައް ބާތިލްކުރަން އެކައުންސިލުން ހޯމަ ދުވަހު ވަނީ ނިންމާފައެވެ.
މުއީދު ވަޒީފާ އިން ވަކިކުރިކަން އެންގި އިރު މަސައްކަތުން އެކަހެރި ކޮށްފައި ހުންނަތާ ދެ އަހަރެއްހާ ދުވަސްވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑަށް ޗިޓުދިނީ ދެން ދިއިރުގައި ދެ ފަހަރަށް ވެސް ނުބައި މާއްދާއަކާ ހަވާލާދީ ދީފައި އޮތީ ދެން އެއްޗިޓް އަނބުރާ ގެންދިއުމަށް ފަހު އަނެއްކާ ފޮނުވީ އެވެސް އޮތީ ނުބައި މާއްދާއަކާ ހަވާލާދީ. އެކަމަކު ވިދާޅުވެއްޖެ ވަކިކޮށްފައޭ،" މުއީދު ވިދާޅުވިއެވެ.