މޯލްޑިވްސް ލިވިންގ އެކްސްޕޯގެ ޕާޓްނަރުންނާއެކު ސޮއިކޮށްފިއެވެ.
އަންގާރަ ދުވަހު މި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ހުޅުމާލެ H78 ހޮޓެލްގައެވެ. ޕާޓްނަރުންނާއެކު އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ހައިރައިޒްގެ ޖެނަރަލް މެނޭޖަރު މުޙައްމަދު ޝާމިނާއި ހައިރައިޒް ކުންފުނީގެ ސޭލްސް އެންޑް މާރކެޓިންގް މެނޭޖަރު މަރިޔަމް މާއިޝާއެވެ.
މި ރަސްމިއްޔާތުގައި ވާހަަކަ ދައްކަވަމުން ޝާމިން ވިދާޅުވީ މިފަހަރުގެ އިވެންޓް ކުރިއަށްދާނީ އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ކަމަށެވެ. އަދި މިފަހަރުގެ އިވެންޓަށް ވެސް ޕާޓްނަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާ ކަަމަށެވެ. 9 ވަނަ މޯލްޑިވްސް ލިވިންގ އެކްސްޕޯ ނޮވެމްބަރު 18ން 2ށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.
2013 ވަނަ އަހަރު ފެށި، މޯލްޑިވްސް ލިވިންގ އެކްސްޕޯގެ ކާމިޔާބު 8 އެޑިޝަންއަށްފަހު އެކްސްޕޯގެ 9 ވަނަ އެޑިޝަން އިއުލާނު ކުރަމުން ހައިރައިޒްއިން ބުނީ، މި އަހަރުގެ އެކްސްޕޯވެގެންދާނީ ރިއަލް އެސްޓޭޓްގެ ދާއިރާއިން މި ސަރަހައްދުގައި ފާހަގަކޮށްލެވޭ ކުންފުނިތަކާއި، އިމާރާތްތަކާއި ދިރިއުޅުމަށް ބޭނުންވާނެ ޚިދުމަތްތަކާއި އެހެނިހެން ތަކެތީގެ ވިޔަފާރިތައް އެއްތަނަކަށް ގެނެސް އިތުރަށް ފުރިހަމަ ކުރެވިފައިވާ އެކްސްޕޯއެއް ކަމަށެވެ.
ގެދޮރުވެރިކަމާއި ރަށްވެހިކަމުގެ ޒަމާނީ ފެންވަރަށް ތަރައްގީކުރެވެމުންދާ ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި މި އަހަރުގެ ލިވިންގ އެކްސްޕޯ ބާއްވަން ހަމަޖެހިފައި ވާއިރު، އެކްސްޕޯގެ ޕާޓްނަރުންނާއި، ސްޕޮންސަރުންގެ އެއްބާރުލުމާއެކު މި އަހަރުގެ އެކްސްޕޯގައި އެންމެ އަގުބޮޑު އިމާރާތްތަކުން ފެށިގެން އަގު ހެޔޮ އިމާރާތްތަކާއި, ދިރިއުޅުމަށް ބޭނުންވާ ތަފާތު އެކި ތަކެއްޗާއި ޚިދުމަތްތައް އެއްތަނަކުން ދައްކާލެވިގެންދާނެއެވެ. މޯލްޑިވްސް ލިވިންގ އެކްސްޕޯއަކީ، ޕަބްލިކޭޝަން އަދި ޕީއާރް ދާއިރާ ގެ އިތުރުން އިވެންޓް މެނޭޖްމެންޓްގެ ދާއިރާއިން ރާއްޖޭގެ އެންމެ ކުރިއަރާފައިވާ އެއް ކުންފުނި ކަމަށްވާ ހައިރައިޒް ޕްރައިވެޓް ލިމިޓެޑްއިން އިންތިޒާމްކޮށް ރާވާ ހިންގާ އިވެންޓެކެވެ.
މި އެކްސްޕޯ ފާހަގަކޮށްލެވެނީ ފާއިތުވި 8 އަހަރު ލައިފްސްޓައިލް އަދި ރިއަލް އެސްޓޭޓްގެ ދާއިރާއިން ރާއްޖޭގައި ހަމައެކަނި ބާއްވާ އެކްސްޕޯގެ ގޮތުގައެވެ. ލިވިންގ އެކްސްޕޯގައި އާންމު ފަރާތްތަކަށާއި އިންވެސްޓަރުންނަށް ރިއަލްއެސްޓޭޓް ދާއިރާގެ ތަފާތު އެކި ޕްރޮޖެކްޓްތަކާއި، އިންޓީރިއާ، އެކްސްޓީރިއާގެ އިތުރުން ފައިސާގެ މުއާމަލާތްތައް ގެންދާނެ ގޮތުގެ މައުލޫމާތު އެއްތަނަކުން ލިބިގެންދާނެއެވެ. 3 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި އެކްސްޕޯ ވެގެންދާނީ ވިޔަފާރިތަކަށް ބޭނުންވާ އެންމެ އެކަށޭނެ އިންވެސްޓަރުންނާއި އެ ވިޔަފާރިތައް އެއްތަންކުރުވާ ބައްދަލުކޮށްދޭ މެދުވެރިއަކަށެވެ