ހައިރައިޒްއިން އިންތިޒާމުކޮށްގެން ބާއްވާ މޯލްޑިވްސް ލިވިން އެކްސްޕޯ 2024 ފަށައިފިއެވެ.
މި އެކްސްޕޯ ހުޅުއްވައިދެއްވީ ބުރާސްފަތި ދުވަހުގެ ހަވީރު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރު ހައިދަރު ވިދާޅުވީ މިފަދަ ބޮޑު އެކްސްޕޯއެއް ބޭއްވިގެން ދިއުމަކީ އުފާ ކުރާ ކަމެއް ކަމަށާއި، އެއްތަނަކުން ރިއަލް އެސްޓޭޓް ވިޔަފާރީއާ ގުޅުންހުރި މައުލޫމާތުތައް ލިބިގެން ދިއުމަކީ އާއްމު ރައްޔިތުންނާ ދާއިރާއަށް ލިބޭނެ ކުރިއެރުމެއް ކަމަށެވެ. މިއެކްސްޕޯގެ ފަރާތުން އާއްމުންނަށް ނޭނގޭ ގިނަ މައުލޫމާތުތައް އެނގި ފުރުސަތުތަކުގެ ބޭނުން ހިފިގެންދާނެކަން މިނިސްޓަރު ހައިދަރު ފާހަގަކުރެއްވިއެވެ.
ރާއްޖެއެމްވީއަށް ހައިރައިޒްގެ އެސިސްޓެންޓް މެނޭޖަރު ސޭލްސް އެންޑް މާކެޓިން މުހައްމަދު ހައްސާން ވިދާޅުވީ އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މިއަހަރުގެ އެކްސްޕޯ ވެސް ވަރަށް ފުރިހަމަވާނެ ކަމަށާއި، ކާމިޔާބު އެކްސްޕޯއަކަށް ވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
ހައްސާން ވިދާޅުވީ މިއަހަރު ބާއްވާ 12 ވަނަ އެޑިޝަންގައި 30 އެގްޒިބިޓަރުން ބައިވެރިވާ ކަމަށާއި، 8000 އާއި 10،000 މީހުން ޒިޔާރަތް ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ވިދާޅުވީ އެކްސްޕޯއަށް ފީއަކާ ނުލައި ވަދެވޭނެ ކަމަށާއި، ޒިޔާރަތް ކުރާ ހުރިހާ އެންމެން ވެސް އެކްސްޕޯއަށް ވަނުމުގެ ކުރިން ފޯނުން ބަރ ކޯޑު މެދުވެރިކޮށް ރަޖިސްޓްރީ ވުމަށް އެދިފައިވެއެވެ.
މިފަހަރުގެ އެކްސްޕޯގައި ރިއަލް އެސްޓޭޓް ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން، ކޮންސްޓްރަކްޝަން ސާމާނު ފޯރުކޮށްދޭ ކުންފުނިތަކާއި، އަރކިޓެކްޓުންނާއި އިންޓީރިއަރ ޑިޒައިންގެ މަސައްކަތް ކުރާ ފަރާތްތަކުގެ ސްޓޯލްތައް ހިމަނާފައިވެއެވެ. އޭގެ އިތުރުން ގެދޮރަށް ބޭނުންވާ ތަފާތު އެކިއެކި ސާމާނުތައް ވިއްކާ ވިޔަފާރިތަކާއި، އިންޝުއަރަންސްގެ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކާއި، ބޭންކިންގ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތައް ބައިވެރިވެފައިވެއެވެ.
މި އެކްސްޕޯގެ މެއިން ސްޕޮންސަރ އަކީ މޯހަން މުތާ އެކްސްޕޯޓްސް އެވެ. ކޯ ސްޕޮންސަރ އަކީ ޓާޓާ ހައުސިންގ އާއި ބޭ ފެންސީއެވެ. ކޭޓަރިންގ ޕާޓްނަރަކީ ސޯސްޑް އަޕް ބައި ލޫސީސްއެވެ. ބެވަރެޖް ޕާޓްނަރަކީ ކޮކާކޯލާއެވެ.
އެކްސްޕޯ ކުރިއަށްދާނީ ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހަވީރު 4:00 ން 6:00ށް އަދި ރޭގަނޑު 8:00ން 11:00 އަށެވެ. މިއަހަރުގެ ލިވިން އެކްސްޕޯގައި ވެސް އެގްޒިބިޓަރުންގެ ފަރާތުން ޚާއްސަ ލަކީޑްރޯތަކެއް ނަގާނެއެވެ.
ލިވިން އެކްސްޕޯއަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ރިއަލް އެސްޓޭޓް ޚިދުމަތްދޭ ބޮޑެތި ކުންފުނިތައް އެއްތަނަކަށް ގެނެސްގެން 2013 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ހަރަކާތެކެވެ. އަދި މިފަހަރުގެ ތަޖުރިބާއަށް ބަލާފައި އަންނަ އަހަރުވެސް ކާމިޔާބު އެކްސްޕޯއަށް ބޭއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ހައިރައިޒުން ވަނީ މައުލޫމާތު ދީފައެވެ.