މެންޗެސްޓަރ އެރީނާގައި ހަމަލާގައި 19 މީހުން މަރުވެ 50 އެއްހާ މީހުން ޒަހަމްވި ހާދިސާއަށްފަހު، އެ ހާދިސާއާ ގުޅިގެން އެއްވެސް ދިވެއްސަކަށް ގެއްލުމެއްވެފައިވޭތޯ ރާއްޖޭގެ ފޮރިން މިނިސްޓްރީން ބަލަން ފަށައިފި އެވެ.
އެގޮތުން ފޮރިން މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ވަނީ މި ހާދިސާއާއި ގުޅިގެން އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައިވާ ނަމަ މިނިސްޓްރީގެ ހޮޓްލައިން ނަމްބަރު 7983400 އަށް ނުވަތަ އިނގިރޭސި ވިލާތުގައި ހުންނަ ރާއްޖޭގެ އެމްބަސީ ނަމްބަރު 447756672528+ އަށް ގުޅައި މައުލޫމާތު ހިއްސާކުރަން އެދޭ ކަމަށެވެ.
Anyone w/ info about conditions of Maldivians in Manchester, please contact Ministry hotline 7983400 or @maldivesembuk hotline +447756672528
— MFA-Maldives (@MDVForeign) May 23, 2017
އިނގިރޭސި ވިލާތުގައި ހުންނަ ރާއްޖޭގެ އެމްބަސީން ބުނެފައިވާ ގޮތުގައި އެ ހަމަލާގެ ސަބަބުން މިހާތަނަށް އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައިވާކަމުގެ މައުލޫމާތު ލިބިފައި ނުވާކަމަށެވެ.
So far no Maldivian is known to be affected by #ManchesterBombing. Any relevant info please contact @maldivesembuk or call +447756672528
— Maldives Embassy, UK (@maldivesembuk) May 23, 2017
މެންޗެސްޓަރ އެރީނާގައި ދެވުނު ޓެރެރިސްޓް ހަމަލާއެއްކަމަށް ބެލެވޭ މި ގޮވުން ގޮވާފައިވަނީ ބްރިޓިޝް ސަމަރ ޓައިމް އިން ހޯމަ ދުވަހު 22:35 ގައެވެ.
އިނގިރޭސިވިލާތުގެ އުތުރުގެ ސިޓީއެއް ކަމަށްވާ މެންޗެސްޓާގެ މެންޗެސްޓަރ އެރީނާގައި މި ހަމަލާ ދީފައިވަނީ އެމެރިކާގެ ޕޮޕް ލަވަކިއުންތެރިޔާ އަރިއާނާ ގްރާންޑޭގެ ކޮންސެޓެއް ކުރިޔަށް ދަނިކޮށެވެ.
ހަމަލާ ދިން ސަބަބެއް އެނގިފައިނުވާއިރު، ބޮޑުވަޒީރު ތެރީސާ މޭ ވިދާޅުވީ ހަމަލާގައި ގެއްލުން ލިބުނު ފަރާތްތަކަށް ހަމްދަރުދީވެ ވަޑައިގަންނަވާ ކަމަށެވެ.
އިނގިރޭސިވިލާތުގެ ފުލުހުން ބުނާގޮތުގައި މި ގޮވުމެއް ގޮއްވާލާފައި ވަނީ އެރީނާއަށް ވަންނަ އެންޓްރެންސް ހޯލުގައެވެ.
މެންޗެސްޓަރ އެރީނާއަކީ ޔޫރަޕްގެ އެންމެ ބޮޑު އިންޑޯ އެރީނާއަށްވާއިރު 1995 ވަނަ އަހަރު ހުޅުވި މި ތަނަކީ 21،000 މީހުންގެ ޖާގައިގެ ތަނެއް ކަމަށް އެ ތަނުގެ ވެބްސައިޓްގައި ވެއެވެ. އެތަނަކީ ކޮންސެޓްތަކާ ކުޅިވަރުތައް ބާއްވާ މަޝްހޫރު ތަނެކެވެ.
އަރިއާނާ ގްރާންޑޭގެ ތަރުޖަމާނު ބުނީ ލަވަކިއުންތެރިޔާ ހާލު ރަނގަޅު ކަމަށެވެ.
މި ކޮންސެޓަކީ އަރިއާނާ ގްރާންޑޭގެ "ދި ޑޭންޖަރަސް ވުމަން ޓުއަރ"ގެ ބައެކެވެ.
އިނގިރޭސި ވިލާތް އޮތީ މިފަދަ ހަމަލާތެކެއް އަތުވެދާނެ ކަމުގެ ފުރުސަތު އޮތުމުން ދެވަނައަށް އެންމެ ހައި އެލަރޓް ލެވެލްގައެވެ.
ހަމަލާ ކުށްވެރި ކުރައްވައި ބޮޑުވަޒީރު މޭ ނެރުއްވާފައިވާ ބަޔާނުގައި ވިދާޅުވެފައި ވަނީ ހަމަލާއާ ގުޅޭ އިތުރު ތަފްސީލީ މައުލޫމާތު ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
ލޭބަރ ޕާޓީގެ ލީޑަރު ޖެރެމީ ކޯބީން ވެސް އޭނާ ވަނީ އެ ހަމަލާގައި ގެއްލުން ލިބުނު މީހުންނާއި ކުއްލިހާލަތުގައި މަސައްކަތްކުރާ ހިތްވަރުގަދަ ފަރާތްތަކާއެކު ކަމަށް ވިދާޅުވެ މި ހަމަލާއާ ބެހޭ ގޮތުން ޓްވިޓަރގައި ކޮމެންޓް ކުރައްވާފައެވެ.