އިނގiރޭސިވިލާތުގައި މިހާރު ދިރިއުޅުއްވާ، ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ފްރީޑަމް ފޯރަމްގައިމިއަދު ތަގުރީރު ކުރައްވާނެ އެވެ.
މި ފޯރަމްގައި ތަގްރީރްކުރެއްވުމަށް ރައީސް ނަޝީދު ނޯވޭއަށް ވަޑައިގެންފައި ވަނީ މެއި މަހުގެ 21 ވަނަ ދުވަހުގައެވެ.
މި މަހުގެ 22 އިން 24 އަށް ނޯވޭގެ ވެރިރަށް، އޮސްލޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮސްލޯ ފްރީޑަމް ފޯރަމްގައި ބައިވެރިވެވަޑައިގެން، މި ފޯރަމްގައި ރައީސް ނަޝީދު ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ 23 މޭ 2017 ވާ އާންގާރަ ދުވަހުއެވެ.
އެގޮތުން ރައީސް ނަޝިދު ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ، އަންގާރަ ދުވަހުގެ ހަވީރު، ދިވެހިރާއްޖޭގެ ގަޑިން 5 ޖަހާއިރު ފަށާ، ސެޝަންގައި ފުރަތަމަ މެހުމާނުގެ ގޮތުގައެވެ. އެމަނިކުފާނުގެ ވާހަކަފުޅު ލައިވް ސްޓްރީމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެމަނިކުފާނު ވާހަކަދައްވަން ހަމަޖެހިފައިވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަހު ރާއްޖޭގެ ވެރިކަން ބަދަލުވެގެން ދިއުމަށްފަހު ދެން ކަންތައްތައް ވެގެންދިޔަ ގޮތާއި، އެމަނިކުފާނުގެ ތަޖުރިބާއާ ގުޅޭގޮތުންނެވެ.
ފްރީޑަމް ފޯރަމް އަކީ، އަމާންކަމާއި، ތަރައްޤީ އާއި މިނިވަންކަން ޕްރޮމޯޓްކުރާ ފޯރަމެކެވެ. މި އަހަރު ބާއްވާ މި ފޯރަމް އަކީ މި ސީރީޒްގައި ބާއްވާ 9 ވަނަ ފޯރަމްއެވެ. ފޯރަމްގައި ދުނިޔޭގެ އެކި ޤައުމުތަކުގެ އެކްޓިވިސްޓުންނާއި، އާޓިސްޓުންނާއި، ނޫސްވެރިން ބައިވެރިވާނެ އެވެ. މީގެ އިތުރުން އެކި ޤައުމުތަކަށް އަރުވާލެވިގެން އުޅޭ ސިޔާސީ ކުށްވެރިންނާއި، މިހާރު ސަލާމަތްވެފައިވާ ސިޔާސީ ކުށްވެރިންވެސް މި ފޯރަމްގައި ބައިވެރިވެ، އެފަރާތްތަކުގެ ތަޖުރިބާ ހިއްސާކުރާނެއެވެ.
ހޯމަ ދުވަހު މި ފޯރަމް ރަސްމީކޮށް ފަށާއިރު، ހޮނިހިރު ދުވަހުން ފެށިގެން ފޯރަމްގެ އެކިއެކި ނުރަސްމީ ހަރަކާތްތައް ވަނީ ފަށާފައެވެ.