Advertisement
ކ. މާލެ
|
23 މެއި 2017 | އަންގާރަ 04:09
އަމީތު ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަނީ
އަމީތު ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަނީ
ރާއްޖެ އެމްވީ
އަބުރުގެ ގާނޫނު
އަބުރުގެ ގާނޫނަކީ ދެ ބޭފުޅެއްގެ އަބުރު ރައްކާތެރިކުރުމަށް ހެދުނު ގާނޫނެއް ނޫން: އަމީތު
އަބުރުގެ ގާނޫނުގައި ހިޔާލުފާޅު ކުރުމަށް ބޮޑެތި ހުރަސްތަކެއް އެބަހުރި
މިއީ އިސްލާހު ކުރަންޖެހޭ ގާނޫނެއް
ގާނޫނެއް އުފައްދަނީ ކަންކަން އިސްލާހުކުރަން. މިގާނޫނުން މިކަން ހާސިލް ނުވޭ

އަބުރުރައްކާތެރިކުރުމުގެ ގާނޫނުގެ ސަބަބުން ހިޔާލުފާޅު ކުރުމަށް ހުރަސް އެޅިފައިވާ ކަމަށާއި ގާނޫނުން އަންނަ ޖޫރިމަނާތަކުން ފެންނަނީ ދެ މީހެއްގެ އަބުރު ރައްކާ ކުރާ މަންޒަރު ކަމަށް މަޑުއްވަރީ ދައިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެ އެވެ.

 

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން، އަމީތު ވިދާޅުވީ، މިސަރުކާރާއި އެންމެ ބޮޑަށް ހިޔާލު ތަފާތުވި ހިސާބަކީ އަބުރު ރައްކާތެރިކުރުމުގެ ނަމުގައި ސަރުކާރުން ހުށަހެޅި ގާނޫނު ކަމަށާއި އެގާނޫނުގައި ވަރަށް ބޮޑެތި މައްސަލަތަކެއް ހުރި ކަމަށެވެ. އެ ގާނޫނުގެ ތެރެއިން އިންވެސްޓިގޭޓިވް ނޫސްވެރިކަމަށް ހުރަސް އެޅިގެންދާ ކަމަށާއި ގާނޫނުގެ ތެރެއިން ނޫސްވެރިންނަށް އެއްވެސް ރައްކާތެރިކަމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

 

އަމީތު ވިދާޅުވީ، މި ގާނޫނުން މިނިވަންކަމާއި އެކު ހިޔާލުފާޅު ކުރުމަށް ހުރަސް އެޅިފައިވާ ކަމަށެވެ. އެ ގާނޫނަށް އަމަލު ކުރެވޭ ގޮތުން ފެނިގެންދަނީ ދެ މީހެއްގެ އަބުރު ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ މަންޒަރު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

 

"އަބުރުގެ ގާނޫނު މިއަދު ތަންފީޒު ކުރެވޭ ގޮތަށް ބަލާލާއިރު މިފަދަ ގާނޫނުތައް ސިޔާސީ މަގްސަދުތަކަށްޓަކައި ތަންފީޒުކޮށްގެން ނުވާނެ. މިއަދު ހަމައެކަނި އެންމެ ދެ ބޭފުޅެއްގެ މައްސަލަ އެކަނި މިގާނޫނު ބޭނުންކޮށްގެން އަބުރުގެ ދައުވާ ކުރެވޭތަން މި އަންނަނީ. މިގާނޫނު އަޅުގަނޑުމެން ވުޖޫދަށްގެނައީ އެންމެ ދެ ބޭފުޅެއްގެ މަސްލަހަތު ރައްކާތެރު ކުރަންތޯ. މިއަދު މި އަޑުއިވިގެންދިޔައީ މީޑީޔާތަކުގައި މަސައްކަތް ކުރާ އެތަކެއް ކުދިންނަށް ރައީސް އޮފީހުން މައްސަލަ ހުށަހެޅި ހަބަރު. މިހާރު އެ ބޭފުޅުން އެބުނަނީ ހުށައެއް ނާޅަމޭ. މިއީ ކަންބޮޑުވާންޖެހޭ މައްސަލަތައް." އަމީތު ވިދާޅުވި އެވެ.

 

އަމީތު ވިދާޅުވީ، މީޑީޔާތައްވެސް މަސައްކަތް ކުރަންޖެހޭ ވަކި މިންގަނޑުތަކެއް އުސޫލުތަކެއް އޮންނަންވާނެ ކަމަށާއި އެއްވެސް މީހެއްގެ އަބުރަށް އަރައިގަނެގެން ނުވާނެ ކަމަށެވެ. އަދި އަބުރުގެ ގާނޫނުގެ ތެރެއިން ނޫސްވެރިން ޒިންމާދާރު ކުރެވޭނެ ފުރުސަތު ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

 

އަމީތް ވިދާޅުވީ އަބުރުގެ ގާނޫނަށް ފިޔަވަޅު އެޅުމުގެ މަސައްކަތް ބްރޮޑްކާސްޓިން ކޮމިޝަނުން ކުރަމުންދާ އިރު އެންމެ ފުތަރަމަ އެއާ ގުޅޭ ގަވައިދުތަކާއި އުސޫލުތަކަށް ކަނޑައަޅަންޖެހޭ ކަމަށެވެ. އަދި އެއީވެސް އެގާނޫނު އެންމެ ރަނގަޅަށް ތަންފީޒު ކުރެވެމުން ނުދާ ސަބަބު ކަމަށް އޭނާ ވިދާޅުވި އެވެ.

 

"ހަގީގަތުގައި ގައުމުތަކުގެ ހިނގާ ކޮރަޕްޝަނުގެ މައްސަލަތައްވެސް ތިލަވެގެން އަންނަނީ މީޑީޔާތަކުން މިކުރާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން. ގާނޫނެއްގެ މަގްސަދަކަށް ވާކަށް ނުޖެހޭ ބަޔަކު ކުށްވެރި ކުރުމެއް. ގާނޫނުގެ މައިގަނޑޫ މަގްސަދަށް ވާންޖެހޭނީ އިސްލާހުކުރުން. ސުލްހަ މަސަލަސްކަން ދެމެހެއްޓުން." އަމީތު ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް