އިސްރާއީލުގެ އެމްބަސީއެއް ބަހުރެއިންގައި ހުޅުވުމަށް އިސްރާއީލުގެ ފޮރިން މިނިސްޓަރ ޔައިރް ލަޕީދު ބަހުރެއިނަށް ވަޑައިގެންފިއެވެ.
މިއީ އިސްރާއީލަކީ ދައުލަތެއްކަމަށް ބަލައިގަނެ ސިޔާސީ ގުޅުން ގާއިމުކުރުމަށް ބަހުރެއިން އާއި އިސްރާއީލުން ވެފައިވާ އެއްބަސްވުމުގެ ދަށުން ބަހުރެއިންގައި ހުޅުވި އިސްރާއީލްގެ އެމްބަސީއެކެވެ. އެމްބަސީ ހުޅުވުމާއެކު އިސްރާއީލްގެ ފޮރިން މިނިސްޓަރ ލަޕީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަހުރެއިންގައި ރަސްމީކޮށް އިސްރާއީލުގެ އެމްބަސީއެއް ހުޅުވާފައިވާކަމަށެވެ. މިއަހަރު ނިމުމުގެކުރިން އެމްބަސީ ހުޅުވުމަށް ދެ ގައުމުން ވަނީ އެއްބަސްވެފައި ކަމަށެވެ. މީގެއިތުރުން އިސްރާއީލުގައި ބަހުރެއިންގެ އެމްބަސީއެއް ވެސް ހުޅުވިގެންދާނެކަމަށް ލަޕީދު ވިދާޅުވިއެވެ.
ލަޕީދުގެ މިދަތުރުފުޅުގައި ވަނީ ބަހުރެއިންގެ ރަސްގެފާނު ހަމަދް ބިން އިސާ އަލް ޚަލީފާ އާއި ކްރައުން ޕްރިންސް އަދި ބޮޑުވަޒީރު ސަލްމާން ބިން ހަމަދު އަލް ޚަލީފާއާ ވެސް ބައްދަލުކުރައްވާފައެވެ.
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އަރަބި ގައުމުތަކުން އިސްރާއީލާއެކު ސިޔާސީ ގުޅުން ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އެއްބަސްވެ ވަޑައިގެންފައެވެ. އެގޮތުން މިއެއްބަސްވުމުގެ ދަށުން މިހާރު އިސްރާއީލާއި ޔޫއޭއީ އަދި ބަހުރެއިން އިން ވަނީ އިސްރާއީލާ ދެމެދު ސިޔާސީ ގޮތުން ގުޅުން ގާއިމުކޮށްފައެވެ.
އިސްރާއީލުގެ ފޮރިން މިނިސްޓަރ ބަހުރެއިންއަށް ކުރައްވާ މިދަތުރުފުޅުގައި ބަހުރެއިންގެ ފޮރިން މިނިސްޓަރ އަބްދުއްލަތިފް ބިން ރާޝިދު އަލް ޒަޔާނީ އާއެކު ނޫސްވެރިންގެ ބައްދަލުވުމެއް ވަނީ ބާއްވަވާފައެވެ. އަދި ދެގައުމުގެ ދެމެދުގައި ތިމާވެއްޓާއި ކުޅިވަރާއި އަދި އެނޫން ވެސް ދާއިރާތަކުން އެމްއޯޔޫތަކުގައި ވަނީ ސޮއިކުރައްވާފައެވެ.