ބަލިޖެހުމުގެ ނުރައްކާ ބޮޑުމީހުންނާއި ފްރަންޓްލައިންގައި މަސައްކަތްކުރާ ސިއްހީ ޚިދުމަތްތެރިންނަށް ބޫސްޓަރ ޑޯޒް ދޭން ސަރުކާރުން ނިންމައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ ތެރެއިން ބަލިޖެހުމުގެ ނުރައްކާ ބޮޑުވެދާނެ މީހުންނާއި ފްރަންޓްލައިންގައި މަސައްކަތް ކުރައްވާ ސިއްހީ ޚިދުމަތްތެރިންނަށް އިތުރު ވެކްސިން ޑޯޒެއް ދިނުމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން އޮން އިމިއުނައިޒޭޝަނުން ލަފާދީފައިވާ ކަމަށެވެ. އެގޮތަށް ނިންމާފައިވަނީ ކަމާބެހޭގޮތުން މިހާތަނަށް ކުރެވިފައިވާ ދިރާސާތަކަށް ބެލުމަށް ފަހުގައި ކަމަށް އެޗްޕީއޭއިން ބުންޏެވެ.
މިވަގުތު ވެކްސިންގެ އިތުރު ޑޯޒްގެ ގޮތުގައި ޖެހުމަށް ހަމަޖެހިފައިވަނީ ފައިޒަރ ވެކްސިނެވެ. އަދި އިތުރު ވެކްސިން ޑޯޒް ޖަހާނީ ކޮވިޑުގެ އެއްވެސް ވެކްސިނެއްގެ 2 ވަނަ ޑޯޒް ޖެހިފަހުން 6 މަސް ދުވަސް ފުރިހަމަވެފައިވާ މީހުންނަށެވެ. މިވަގުތު ކޮވިޑް ވެކްސިންގެ އިތުރު ޑޯޒް ޖެހުމަށް ހަމަޖެހިފައިވަނީ އުމުރުން 60 އަހަރުން މަތީގެ މީހުންނާއި ދިފާޢީ ނިޒާމު ބަލިކަށި މީހުންނަށް ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އެޗްޕީއޭ އިން އިތުރަށް ބުނީ ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުންނާއި, އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދީފާޢީ ބާރު ދެރަކުރާފަދަ ބޭސްތައް ބޭނުންކުރާ މީހުންނާއި, ދިގުމުއްދަތަކަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ މީހުންނާއި, ގަވާއިދުން ޑަޔަލިސިސް ހަދަމުންދާ މީހުން ވެސް ދިފާޢީ ނިޒާމު ބަލިކަށި މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ވަނީ ބުނެފައެވެ.
މީގެއިތުރުން ކެންސަރު ބަލީގެ ފަރުވާ ހޯދަމުންދާ މީހުންނާއި, ބައްޔަށް ފަރުވާކޮށް ނިމި އަހަރެއް ނުވާ މީހުންނާއި އިސްކޮޅާ އަޅާ ބަލާއިރު ބަރުދަން މަތި މީހުންނާއި ފުއްޕާމޭގެ ބަޔެއްގެ ސަބަބުން ގޭގައި އޮކްސިޖަންގެ ތެރަޕީގެ ފަރުވާ ލިބޭ މީހުންނާއި އެ ފަރުވާއަށް ޑޮކްޓަރު އިރުޝާދު ދީފައިވަނީ މީހުންގެ އިތުރުން ފުއްޕާމޭގެ ބައްޔަށް ފަރުވާކުރާ މީހުންނާއި ފަރުވާދިފައިވާ މީހުން ދިފާޢީ ނިޒާމު ބަލިކަށި މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ވަނީ ބުނެފައެވެ.
އެޗްޕީއޭ އިން މިހެން ބުނެފައިވާއިރު ކޮވިޑް ވެކްސިންގެ ބޫސްޓަރ ޑޯޒް އަދި ޖަހަން ޖެހޭނެ ކަމަށް ހެލްތު މިނިސްޓަރު އަޙުމަދު ނަސީމު ވަނީ މީގެކުރިން ވިދާޅުވެފައެވެ.