ސަރުކާރުން ނޫސްވެރިންނާއި ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަ އަކީ ބާތިލް މައްސަލައެއް ކަމަށް ދޭހަވާގޮތަށް މީޑިޔާ ކައުންސިލުން ބަޔާނެއް ނެރެފި އެވެ.
މޯލްޑިވްސް މީޑިޔާ ކައުންސިލުން އެކަން ބަޔާންކޮށް ނެރެފައިވާ ދެންނެވުމުގައި ބުނެފައިވަނީ މޯލްޑިވްސް މީޑިޔާ ކައުންސިލުން ބައެއް ނޫސްވެރިންނަށް އަބުރު ރައްކާތެރިކުރުމާއި ގުޅޭ ގާނޫނުގެ ދަށުން ފޮނުވާފައިވާ ސިޓީތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އޭރުގެ ޗީފް ކޮމިޔުނިކޭޝަން އޮފިސަރުގެ މެއިލުން ފޮނުވާފައިވާ ލިޔެކިޔުމާއި ގުޅިގެން ފޮނުވާފައިވާ މައްސަލައެއް ކަމަށް ބުނި ނަމަވެސް ހޯމަ ދުވަހު ރައީސް އޮފީހުން އެގޮތަށް އެއްވެސް މައްސަލައެއް މޯލްޑިވްސް މީޑިޔާ ކައުންސިލަށް ހުށަހަޅާފައިނުވާ ކަމަށް ބުނެފައިވާކަމަށެވެ.
މީޑިޔާ ކައުންސިލުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން، ގުޅުން ހުރި ފަރާތްތަކަށް ސިޓީ ފޮނުވާފައިވަނީ ކައުންސިލުގެ ސަމާލުކަމަށް އައިސްފައިވާ ޝަކުވާ އަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށްޓަކާއި ކަމާ ގުޅޭ ލިޔުންތަކާއި އެކުގައި ކަމަށް ކައުންސިލުން ބުނެފައިވެއެވެ. އަދި މި މައްސަލަ ފޮނުވާފައިވަނީ ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން އޮފިސަރުގެ މީޑިޔާ ކައުންސިލްގެ ސަމާލުކަމަށް ގެނައި މައްސަލަ އަކާއި ގުޅިގެން ކަމަށާއި މިކަން ހާމަކޮށް މީޑީޔާ ކައުންސިލަށް މެއިލް ކޮށްފައިވާ ކަމަށްވެސް އެ ކައުންސިލުން ބުނެ އެވެ.
މީޑިއާ ކައުންސިލުން ބުނީ، އެ މައްސަލަ ބަލަމުންދަނިކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރާއްޖޭގެ އެއްވެސް ނޫސްވެރިޔަކާ ދެކޮޅަށް އަދި އެއްވެސް މީޑިޔާއަކާ ދެކޮޅަށްވެސް އެއްވެސް މައްސަލައެއް މޯލްޑިވްސް މީޑިޔާ ކައުންސިލަށް ހުށަހަޅާފއިނުވާނެ ކަމަށް ބަޔާންކޮށް ހޯމަ ދުވަހު ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
މިގޮތަށް މީޑިޔާ ކައުންސިލުން ބަޔާންކޮށް އަންގާފައިވީ ނަމަވެސް މީޑިޔާ ކައުންސިލުން ޖަވާބުދާރީވުމަށް ބައެއް ނޫސްވެރިންނަށް އަންގާފައިވާ ލިޔުމުގައި ޝަކުވާ ހުށަހެޅި ފަރާތުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަން އޮފިސަރ ޖަހާފައިވެ އެވެ. އަދި މިކަމާ ގުޅޭ ގޮތުން ފޮނުވާފައިވާ ސިޓީގައި ވެސް ނޫސްވެރިންނާއި ގުޅޭ ގޮތުން ބަލާ މި މައްސަލައަކީ މީޑީޔާ ކައުންސިލަށް ހުށަހެޅު ޝަކުވާ އަކާއި ގުޅޭ ގޮތުން ބަލާ މައްސަލައެއް ކަމަށް ބަޔާންކޮށްފައިވެ އެވެ.
އެހެން ނަމަވެސް ރައީސް އޮފީހުން ވަނީ އެކަން ދޮގުކޮށްފަ އެވެ.
މީޑީޔާ ކައުންސިލުން ނެރުނު ބަޔާނުގައި ރައީސް އޮފީހުން ހޯމަ ދުވަހު އެކަން ބަޔާން ކޮށް މީޑީޔާ ކައުންސިލަށް ސިޓީ ފޮނުވާފައިވާ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް ދެން މިކަމުގައި ކަންތައް ކުރާނެ ގޮތެއް މީޑިޔާ ކައުންސިލުން ރަސްމީކޮށް އަންގާފަ އެއް ނުވެ އެވެ.
މީޑިޔާ ކައުންސިލުން މިގޮތަށް އަންގާފައިވާ އިރު ރާއްޖެޓީވީގެ ހަ ނޫސްވެރިއެއްގެ މައްޗަށް އަށް މައްސަލައެއް ބަލަމުންދާކަން އަންގާފައިވެއެވެ. އަދި މިހާރު ނޫހުގެ ތިން ނޫސްވެރިއެއްގެ 14 މައްސަލައެއް ބަލަމުންދާ ކަމަށް ވަނީ ބަޔާންކޮށްފަ އެވެ. މީގެ އިތުރުން ވީއެފްޕީއިން ޕަބްލިޝްކޮށްފައިވާ 10 ލިޔުމަކާއި ގުޅޭ ގޮތުންވެސް މީޑިޔާ ކައުންސިލުން މައްސަލަ ބަލަމުންދާ ކަން މީޑިޔާ ކައުންސިލުން ބަޔާންކޮށްފައިވެ އެވެ. މިއީ މީޑިޔާ ކައުންސިލްގެ ތާރީހުގައި އެއްފަހަރާއި މިހާ ގިނަ އަދަދެއްގެ މައްސަލަ ބަލަމުންދާ ފުރަތަމަ ފަހަރެއެވެ.