ކ. މާލެ
|
29 ސެޕްޓެންބަރ 2021 | ބުދަ 16:16
ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތައް
ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތައް
ރާއްޖެއެމްވީ
ހިޔާ ފްލެޓުގެ ކަރަންޓުގެ ޚިދުމަތް
ހިޔާ ފްލެޓުގެ ކަރަންޓުގެ ޚިދުމަތަށް އެދުނު 95 އިންސައްތަ މީހުންނަށް ކަނެކްޝަން ގުޅައިދީފި
 
ޚިދުމަތަށް އެދި އެގްރީމަންޓް ހަދާފައިވަނީ 6106 މީހުން

ހިޔާ ފްލެޓުގެ ކަރަންޓުގެ ޚިދުމަތަށް އެދުނު 95 އިންސައްތަ ކަސްޓަމަރުންނަށް ކަނެކްޝަން ގުޅައިދީފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.

ސްޓެލްކޯ އިން ބުނީ ހިޔާގެ 6720 ފްލެޓްގެ ތެރެއިން މިހާތަނަށް ޚިދުމަތަށް އެދި އެގްރީމަންޓް ހަދާފައިވަނީ 6106 މީހުން ކަމަށާއި އޭގެތެރެއިން 5828 ފްލެޓެއްގެ ވެރިފަރާތުން ވަނީ އެގްރީމަންޓުގައި ސޮއިކޮށްފައި ކަމަށެވެ. އެގްރީމަންޓުގައި ސޮއި ކުރުމަށްފަހު އެކި ސަބަބުތަކާއި ހެދި ކަސްޓަމަރަށް ހާޒިރު ނުވެވިގެން، 280 މީހުންނަށް ކަނެކްޝަން ނުދެވިވާ ކަމަށާއި އެއީ އެގްރީމަންޓު ހެދި މީހުންގެ ފަސް އިންސައްތަ ކަމަށް ވަނީ ބުނެފައެވެ. އަދި އެމީހުންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން އޮންލައިންކޮށް ކަނެކްޝަނަށް އެދެވޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާ ކަމަށް ވެސް ބުންޏެވެ.

ހިޔާ ފްލެޓް ލިބުނު ގިނަ މީހުންނަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދީފައިވާއިރު ވަރަށް ގިނަ އާއިލާތަކުން ވަނީ ފްލެޓަށް ބަދަލުވާން ފަށާފައެވެ. ހިޔާ ފްލެޓްތަކުގެ ކުއްޔަކީ މަހަކު 7,500 ރުފިޔާއެވެ. އަދި ފުލެޓުގެ މެނޭޖްމެންޓު ފީގެ ގޮތުގައި ކޮންމެ މަހަކު 1,000 ރުފިޔާ ނަގާނެއެވެ. ފްލެޓްތަކަށް ފައިސާ ދައްކާ ޚަލާސް ކުރަން ޖެހޭނީ 25 އަހަރުގެ މުއްދަތަށް ބަހާލައިގެންނެވެ.

ހިޔާ ފްލެޓްގައި ހުރި ކަންބޮޑުވުންތަކާއެކު ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ފެޓިޝަނެއް ވެސް ހުށަހަޅާފައެވެ. ޕެޓިޝަނާ ގުޅޭ ގޮތުން ކަމާ ގުޅުންހުރި އިދާރާ ތަކާއެކު ބޭއްވި ބައްދަލުވުމުގައި ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ ސަރުކާރުން ސަބްސިޑައިޒް ކޮށްގެންވެސް 5000 ރުފިޔާއަށް ހިޔާ ފްލެޓްގެ ކުލި ކުޑަވާން ޖެހޭނެ ކަމަށެވެ. އަދި މިކަހަލަ ކުޑަ ކޮށްޓަކަށް ވަންނައިރު 5000 ރުފިޔާ އެއީ ބޮޑު އަދަދެއް ކަމަށް ވެސް ވިދާޅުވިއެވެ. އަތުން އެތައް ޚަރަދެއް ކޮށްފައި 5000 ރުފިޔާ ކުއްޔަށް ދައްކަން ބޮޑު ކަމަށާއި، މިފަދަ ބޮޑު ދެރައެއް ރައްޔިތުންނަށް ދޭއިރު ސަރުކާރުން ކޮންމެވެސް ކަމެއް ކުރަން ޖެހޭނެކަން ސަލީމް ފާހަގަކުރެއްވިއެވެ.

މިއަށް ޖަވާބުދެއްވައި އެޗްޑީސީގެ އެމްޑީ ސުހައިލް އަހުމަދު ވިދާޅުވީ، މިހާރުވެސް ޑިސްކައުންޓެއް ދެވިފައިވާ ކަމަށާއި، ފިނިޝިންއަށް ދީފައި އޮތް މުއްދަތު ދިގު ދަންމާލައިފި ނަމަ އެތަނުގައި ދިރުއުޅޭ ރައްޔިތުން އުޅޭނީ ވަރަށް ދަތި ހާލުގައި ކަމަށެވެ. މަޝްރޫއަށް ނަގާފައިވާ ލޯނު ދެއްކޭނީ އެންމެ ކުޑަކޮށްވެސް 8500 ރުފިޔާ ކުއްޔަށް ނަގައިގެން ކަމަށް ސުހައިލް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހަށް ހިޔާ ފްލެޓާ ގުޅިގެން ހުށަހަޅާފައިވާ ޕެޓިޝަންގައި މައިގަނޑު 3 ކަމަކަށް ޑިމާންޑް ކޮށްފައިވެއެވެ. އެގޮތުން ފްލެޓްގެ ކުލި 5،600 އަށް ކުޑަކުރުމާއި، ފްލެޓްގެ ފިނިޝިންގއަށް ދީފައިވާ މުއްދަތު 12 މަސްދުވަހަށް އިތުރުކޮށްދިނުމާއި، ފްލެޓްގެ ޖުމްލަ ކުލިން އެއްލައްކަ ރުފިޔާ ކުޑަކުރުމަށް ވަނީ ޕެޓިޝަންގައި ޑިމާންޑްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް