އަރިދަފުސް ރޯގާ ޖެހިގެން މި މަހުގެ 28 ވަނަ ދުވަހާ ހަމައަށް 3720 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ.
އެޗްޕީއޭ އިން ބުނީ މިއީ ފައިތުވި އޮގަސްޓް މަހާ އަޅާބަލާއިރު 60 އިންސައްތައިގެ އިތުރު އަދަދެއް ކަމަށެވެ. އަރިދަފުސް ރޯގާގެ އިތުރުން ފާއިތުވެދިޔަ މަސްތަކުގައި ރިޕޯޓުކޮށްފައިވާ އަދަދުތަކާއި އަޅާބަލާއިރު އިންފްލުއެންޒާއަށް ޕޮޒިޓިވްވާ އަދަދުވެސް ގިނަކަން ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން ސެޕްޓެމްބަރު މަހުގެ ތެރޭގައި އިންފްލުއެންޒާއަށް ޓެސްޓް ކުރި 209 ސާމްޕަލްގެ ތެރެއިން 68 ސާމްޕަލް އިންފުލުއެންޒާ A އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
މާލެސަރަހައްދުގައި އިންފްލުއެންޒާ އަދި އަރިދަފުސް ރޯގާ އިތުރުވަމުންދާތީ މިފަދަ ބަލިތަކުން ރައްކާތެރިވުމަށްޓަކައި މި ދުވަސްވަރު ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ. ކޮވިޑް-19 އެކޭ އެއްފަދައިން އަރިދަފުސް ރޯގާ އަދި އިންފްލުއެންޒާ އަކީ ވެސް ނޭވާލާ ނިޒާމުގެ ތެރެއިން ފެތުރޭ ބަލިތައް ކަމުން ކޮވިޑުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުން މުހިންމު ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.
އަރިދަފުސް ރޯގާ ޖެހޭ މީހުންގެ ނިސްބަތް އިތުރުވެފައިވާއިރު ހުން އައިސް ކެއްސާނަމަ ނުވަތަ ރޯގާގެ އަލާމަތްތައް ހުންނަ މީހުންނަށް ފަސޭހަކަމާއެކު ޑޮކްޓަރަށް ދެއްކުމަށް ޚާއްސަ ފްލޫ ކްލިނިކެއް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ވަނީ ގާއިމުކޮށްފައެވެ.
އައިޖީއެމްއެޗް އިން ބުނީ މި ފްލޫ ކްލިނިކް ހުންނާނީ އެކުވެނި ސަރަހައްދުގައި ހުންނަ ކުރީގެ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިމާރާތުގައި ކަމަށެވެ. އަދި 26 ސެޕްޓަމްބަރުން ފެށިގެން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 08:30ން ރޭގަނޑު 10:00ށް ކަމަށެވެ.
އެފަދަ އެއްވެސް އަލާމާތެއް ހުރިނަމަ ހޮސްޕިޓަލަށް ދިޔުމުގެ ބަދަލުގައި އެ ކްލިނިކަށް ގޮސް ޑޮކްޓަރަށް ދެއްކުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ހުރެ، ހޮސްޕިޓަލަށް ގޮސްފިނަމަ ހޮސްޕިޓަލުން ބަލި މީހާ ބެލުމުގެ ބަދަލުގައި ފްލޫ ކްލިނިކުން ޑޮކްޓަރަށް ދެއްކުމަށް އިރުޝާދު ދެވިގެންދާނެ ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ.
މި ދުވަސްވަރު އަރިދަފުސް ރޯގާ ޖެހޭ މީހުންގެ ނިސްބަތް އިތުރުވެފައިވާއިރު ޢާއްމު އަރިދަފުސް ރޯގާއިން ރައްކާތެރިވުމަށް އެޅުން މުހިއްމު ފިޔަވަޅުތަކެއް ވެއެވެ. އެގޮތުން އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ކެއްސާ އިރު އަގަމަތީގައާއި ނޭފަތުގައި ކުޑަރުމާލެއް ނުވަތަ ޓިޝޫއެއް ފަދަ އެއްޗެއް އެޅުން އަދި ބޭނުންކޮށްފައިވާ ޓިޝޫފަދަ ތަކެތި ހާމައަށް އެއްލާނުލުމާއި ޢާއްމު ސާފުތާހިރުކަމަށް، ޚާއްސަކޮށް ސައިބޯނިލައިގެން އަތްދޮވުންފަދަ ކަންކަމަށް ސަމާލުކަންދިނުން ހިމެނެއެވެ.
ރޯގާޖެހި ކެއްސާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން، ޚާއްސަކޮށް މިފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުމާއި ރޯގާޖެހިފައިވާނަމަ ކުޑަކުދިންނާ ދުރުހެލިވުން ހިމެނެއެވެ. ދުންފަތުގެ ދުމުން ކުޑަކުދިން ރައްކާތެރިކުރުމަށް ގޭތެރޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރުމާއި ބަލި ޖެހުމުން، ނުރައްކާ ވުމުގެ ފުރުސަތު ބޮޑު މީހުން އިންފުލުއެންޒާއިން ރައްކާތެރިވުމަށް ވެކްސިންޖެހުމާއި އަދި މި ފަރާތްތައް ރޯގާ ޖެހި ހުން އަންނަނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން ހިމެނެއެވެ.