ކ. މާލެ
|
25 ސެޕްޓެންބަރ 2021 | ހޮނިހިރު 13:36
ރީފް ސްކޭޕަރސް މޯލްޑިވްސްއިން މުރަކަ އާލާކޮށްފައިވާ ސަރަހައްދެއް
ރީފް ސްކޭޕަރސް މޯލްޑިވްސްއިން މުރަކަ އާލާކޮށްފައިވާ ސަރަހައްދެއް
ސޯޝަލް މީޑިއާ
ކަނޑުއަޑީގެ މުރަކަތައް ނެތިދިއުން
ކަނޑުއަޑިން މުރަކަތައް ނެތިދިޔަނުދިނުމުގެ އަޒުމުގައި!
 
ރާއްޖޭގެ ފަރުތަކުގެ 60 އިންސައްތައަށްވުރެ ގިނަ ސަރަހައްދުގައި ހުރި މުރަކަތައް ވަނީ މަރުވެފައި
 
މުސްތަގުބަލަށް ބަލައި މި މަސައްކަތް ވަނީ އިތުރުކުރަން ޖެހިފައި
 
ރީފް ސްކޭޕަރސް މޯލްޑިވްސްއިން މުރަކަ އާލާކުރުމުގެ މަސައްކަތް ކުރޭ

ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ދިވެހިރާއްޖޭގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ކަނޑުފަޅުންނެވެ. ރާއްޖޭގެ ކަނޑުފަޅުގެ ރީތިކަމާއި ހިތްގައިމުކަން މުޅި ދުނިޔޭގައިވެސް މަޝްހޫރެވެ. މި ތަންތަނުގައި އުޅޭ ދިރުންތައްވެސް ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާއިރު، މި ތަންތަނާއި، މި ރީތިކަން ބަލާލައި، ތަޖުރިބާ ކޮށްލުމަށް އަހަރެއްގެ މައްޗަށް އެތައް ބަޔަކު އާދެެއެވެ.

ކަނޑުފަޅުގެ ހިތްގައިމުކަން ފުރިހަމަކޮށްދޭނެ އެކައްޗަކީ އެކި ކުލަތަކުން އެތަންތަން ޖަރީކޮށްލަދޭ މުރަކަތަކާއި އެތަންތަނުގައި އުޅޭ ދިރުންތަކެވެ. މުރަކަތަކަކީ ކަނޑުއަޑީގައިވާ ދިރުންތަކަށް އެކަށީގެންވާ ވެއްޓެއް ބިނާކޮށްދިނުމުގައިވެސް އެންމެ އިސް ރޯލެއް އަދާކުރާ އެއްބައެވެ. މި މުރަކަތަކުން ކަނޑުއަޑީގެ ދިރުންތަކަށް ކާނާވެސް ފޯރުކޮށްދެއެވެ.

އެހެންނަމަވެސް ހިތާމަކުރަންޖެހޭ ކަމަކީ ބަދަލުވަމުންދާ މި ދުނިޔެއާއެކު މި ތަންތަނުގެ ރީތިކަމާއި ހިތްގައިމުކަން ފަނޑުވަމުންދާތީއެވެ. މުރަކަތައް މަރުވަމުންދާތީއެވެ.

މި ދިރުންތަކަށް އެންމެ ބޮޑު ނޭދެވޭ އަސަރެއް ކުރަނީ މޫސޫމީ ބަދަލުތަކުންނާއި، ދުނިޔެ ހޫނުވުމުގެ ސަބަބުންނެވެ. ދިރާސާތަކުން ދައްކާގޮތުން ދުނިޔެ ހޫނުވުމުގެ ސަބަބުން ރާއްޖޭގެ ފަރުތަކުގެ 60 އިންސައްތައަށްވުރެ ގިނަ ސަރަހައްދުގައި އުފެދިފައިހުރި މުރަކަތައް މިހާރު ވަނީ މަރުވެފައެވެ. މިީގެ ސަބަބުން މި ސަރަހައްދުތަކުގެ އެހެން ދިރުންތަކަށްވެސް މިކަމުގެ ނޭދެވޭ އަސަރު ކުރެއެވެ. މިއީ އިންތިހާއަށް ހިތާމަކުރަން ޖެހިފައިވާ ކަމެކެވެ.

ކޮންމެ ކަމަކަށްވެސް ހައްލު ހޯދަން މަސައްކަތްކުރާފަދައިން މިކަމަށްވެސް ހައްލު ހޯދުމަށް މަސައްކަތް ކުރެވޭނެއެވެ. މިގޮތުން އިތުރު މުރަކަ އާލާކުރުން ފަދަ ކަންކަމަކީ ކުރެވޭނެ ކަންކަމެވެ. އަދި މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރާވެސް ކަމެެކެވެ. މިގޮތުން ރާއްޖޭގައި މި މަސައްކަތްކުރާ އެއް ބައެއްގެ ގޮތުގައި ރީފް ސްކޭޕަރސް މޯލްޑިވްސް ފާހަގަކޮށްލެވެއެވެ. ރީފް ސްކޭޕަރސް މޯލްޑިވްސްއަކީ މުރަކަ އާލާކުރަން ފްރޭމްތައް ހަދައި، އޭގައި މުރަކަ ހަރުކޮށްގެން، މުރަކަ އާލާކުރުމަށް މަސައްކަތްކުރާ ކުންފުންޏެކެވެ.

ރީފް ސްކޭޕަރސް މޯލްޑިވްސްއިން މުރަކަ އާލާކޮށްފައިވާ ސަރަހައްދެއް - ސޯޝަލް މީޑިއާ

މުރަކަ އާލާކުރުމުގެ މި މަސައްކަތްތައް އަތޮޅުތެރެއާއި މާލޭގައި ކުރަމުންދާއިރު، ބ. ފުޅަދޫއަކީ މިގޮތަށް މި މަސައްކަތް ކުރާ ރަށެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ރަށެކެވެ. މިކަންކަން ބަލައިލުމަށް ފުޅަދޫއަށް ކުރި ދަތުރުގައި އެރަށުން މި މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ އިސްމާއިލް ޖޯހިމް ވަނީ މުރަކަ އާލާކުރުމަށް ފްރޭމްތައް ހެދުމާއި، މިކަން ކުރާ ގޮތް ތަފްސީލުކޮށްދީފައެވެ.

އެގޮތުން މި ފްރޭމްތަކަކީ ދަގަނޑު ބޭނުންކޮށް ވެލްޑިންކޮށްގެން ހަދާ ފްރޭމްތަކެއްކަން އޭނާ ފާހަގަކުރިއެވެ. އެއަށްފަހު ރެސިނާއި ވެލި ދަނގަނޑުތަކުގެ ބޭރުގައި ލަނީ ކަމަށް އޭނާ ކިޔައިދިނެވެ. އަދި މި ފްރޭމްތަކުގައި ދަބަރު ނުޖަހާ ގިނަ ދުވަސްތަކެއް ވަންދެން މޫދުގައި ބެހެއްޓޭނެކަމަށްވެސް އޭނާ ބުންޏެވެ.

ޖޯހިމް ބުނީ ގިނަފަހަރަށް މިފަދަ ފްރޭމްތައް ހަދަނީ ރިސޯޓުތަކަށް ވިއްކަން ކަމަށެވެ. ރިސޯޓުތަކަށް ވިއްކިނަމަވެސް މި ފްރޭމްތައް ބެލެހެއްޓުމުގެ ކަންކަން ކުރިއަށްގެންދާނީ ރީފް ސްކޭޕަރސްއިން ކަމަށް އޭނާ ބުނެފައިވެއެވެ.

ޖޯހިމް ބުނި ގޮތުގައި މި މަސައްކަތަކީ މިއީ އިތުރަށް ކުރިއަރުވަން ޖެހިފައިވާ މަސައްކަތެކެވެ. ޖައްވު ހޫނުވުމުގެ ސަބަބުން މުރަކަތައް މަރުވަމުންދާތީ މިކަމުގެ މުހިންމުކަން ކުރިއަށްވުރެ އިތުރުވެފައިވާކަމަށް އޭނާ ބުންޏެވެ. ވަކިން ޚާއްސަކޮށް މުރަކަތައް މަރުވަމުންދާ ސަރަހައްދުތަކުގައި މުރަކަ އާލާކުރުން މުހިންމުކަމަށް އޭނާ ބުނެފައިވެއެވެ. މި މަސައްކަތަކީ އެހާ ފަސޭހަ މަސައްކަތަކަށް ނުވާނެ ކަމަށް އޭނާ ބުނެފައިވެއެވެ. އެހެންނަމަވެސް މި މަސައްކަތް އިތުރަށް ކުރިއެރުވުން މުހިންމު ކަމަށް ވަނީ ބުނެފައެވެ.

ހަގީގަތުގައިވެސް މި މަސައްކަތަކީ އިތުރަށް ކުރިއަރުވަން ޖެހިފައިވާ މަސައްކަތެކެވެ. ކަނޑުއަޑީގެ ދިރުންތައް އިތުރަށް އާލާކޮށް އެތަންތަނަކީ ހިތްގައިމު ތަންތަނަށް ހެދުމަކީ މިއަދު އެންމެންގެ އަތްމަތީގައިވާ ޒިންމާއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
100%
ކޮމެންޓް