އިނގިރޭސި ލީގު ކަޕުގެ ތިންވަނަ ބުރުން މެންޗެސްޓާ ޔުނައިޓެޑް ކެޓިއިރު، ބުދަ ދުވަހުގެރޭ ކުޅުނު މެޗުތަކުން މޮޅުވެ މުބާރާތުގެ ހަތަރުވަނަ ބުރަށް ޗެލްސީ އާއި އާސެނަލް ދަތުރުކޮށްފިއެވެ.
މި މުބާރާތުން ޔުނައިޓެޑް ކެޓީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ވެސްޓް ހޭމް ޔުނައިޓެޑް އަތުން 1-0 ގެ ނަތީޖާއަކުން ބަލިވުމުންނެވެ.
މި މެޗުން ވެސްޓް ހޭމް އަތުން ޔުނައިޓެޑް ބަލިވިއިރު، މިދިޔަ އާދިއްތަ ދުވަހު ޔުނައިޓެޑުން ވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހޭމް ދަނޑުގައި ކުޅުނު މެޗުން ފަހަތުން އަރައި މޮޅުވެފައެވެ. ބުދަ ދުވަހުގެރޭ ކުޅުނު މެޗަށް ދެ ޓީމުންވެސް ނުކުތީ އެ މެޗުގައި ބޭނުންކުރި ފުރަތަމަ އެގާރައަށް ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ.
މި މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު ވެސްޓް ހޭމުން ކާމިޔާބުކޮށްފައިވަނީ މެޗުގެ ވަރަށް ކުރީކޮޅެވެ. މެޗު ފަށައިގެން ނުވަވަނަ މިނެޓުގައި އޭރިއާ ތެރެއިން ލިބުނު ފުރުސަތަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެނުއަލް ލަންޒީނީއެވެ. އޭގެ ފަހުން ނަތީޖާ އެއްވަރުކުރަން ޔުނައިޓެޑުން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، އެ ހަމަލާތަކުގެ ހުރަހަކަށްވީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ވެސްޓް ހޭމުގެ ގޯލްކީޕަރު އަލްފަންސޯ އަރެއޯލާއެވެ.
މި މުބާރާތުގެ ހަތަރުވަނަ ބުރުގެ ޖާގައެއް ޗެލްސީން ހޯދީ ޕެނަލްޓީ ޖަހައިގެން 4-3 ގެ ނަތީޖާއަކުން އެސްޓަން ވިލާ ބަލިކުރުމަށްފަހުއެވެ.
ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އެގޮތުން މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ޗެލްސީންނެވެ. މެޗުގެ ދެވަނަ ހާފު ފަށައިގެން ނުވަވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޓިމޯ ވާނާއެވެ. އެކަމަކު އޭގެ 10 މިނެޓު ފަހުން ކެމަރަން އާޗާ ވަނީ ވިލާއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިިއިރު، ޗެލްސީގެ ރޮމެލޫ ލުކާކޫ އާއި، މޭސަން މައުންޓާއި، ރޮސް ބާކްލޭ އަދި ރީސް ޖޭމްސް ވަނީ ޕެނަލްޓީތައް ކާމިޔާބުކޮށްފައެވެ. ޗެލްސީން ފޮނުވާލި ފަސް ޕެނަލްޓީގެ ތެރެއިން ނާކާމިޔާބުވީ ބެން ޗިލްވެލްގެ ޕެނަލްޓީއެވެ.
މި ޝޫޓްއައުޓުގައި ވިިލާއަށް ޕެނަލްޓީ ކާމިޔާބުކޮށްދިނީ އަންވަރު އެލްގާޒީ އާއި، އެޒްރީ ކޮންސާ އަދި އެމީ ބުއެންޑީއާއެވެ. އެ ޓީމުގެ އެޝްލީ ޔަންގާއި ނަކަމްބާ ޖެހި ޕެނަލްޓީތައް ކާމިޔާބުވެފައެއް ނުވެއެވެ.
މީގެ އިތުރުން މި މުބާރާތުގެ ހަތަރުވަނަ ބުރުގެ ޖާގައެއް އާސެނަލުން ހޯދީ ވިމްބަލްޑަން އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އާސެނަލުން ލީޑު ނަގާފައިވަނީ މެޗުގެ 11 ވަނަ މިނެޓުގައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލެކްސަންޑަ ލަކަޒޭޓެވެ. އަދި މެޗުގެ 77 ވަނަ މިނެޓުގައި އެމީލް ސްމިތު-ރޯވް ވަނީ ލަނޑެއް ޖަހައި އާސެނަލުގެ ލީޑު ފުޅާކޮށްދީފައެވެ. އޭގެ ތިން މިނެޓު ފަހުން އާސެނަލުގެ ތިންވަނަ ލަނޑު ޖަހައިދިނީ އެޑީ އެންކެޓިއޭއެވެ.
ލީގު ކަޕުގައި ބުދަ ދުވަހުގެރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ޓޮޓެންހަމް ހޮޓްސްޕާ ވަނީ ޕެނަލްޓީގައި ވުލްވްސް ބަލިކޮށް ހަތަރުވަނަ ބުރަށް ދަތުރުކޮށްފައެވެ. އަދި ލެސްޓާ ސިޓީން ވަނީ 2-0 ގެ ނަތީޖާއަކުން މިލްވޯލް ބަލިކޮށްފައެވެ. މި މެޗުތަކަށްފަހު 16 ޓީމު މި މުބާރާތުގެ ހަތަރުވަނަ ބުރަށް ދަތުރުކޮށްފައިވާއިރު، ހަތަރުވަނަ ބުރުގެ މެޗުތައް ކުޅުމަށް ތާވަލުކޮށްފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހެވެ.