ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ހުޅުމާލޭގައި ހުންނަ, ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިން ބަލަހައްޓަމުންދާ މަރުކަޒު ކަމުގައިވާ ފިޔަވަތީގައި ފާއިތުވި ތިން ދުވަސްމަތިން ހިނގާފައިވާ ހާދިސާއާ ގުޅިގެން އެތަނަށް ޒިޔާރަތްކުރައްވައި، އެތަނުގައި ތިބޭ ކުދިންނާއި މުވައްޒަފުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ނައިބުރައީސްގެ މި ޒިޔާރަތުގައި ފިޔަވަތީގައި ތިބޭ އެކުދިންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން، ޑޮކްޓަރ ޢާއިޝަތު ޢަލީއާއި، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީއާއި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ފިިޔަވައްޗަށް ނައިބުރައީސް ޒިޔާރަތްކުރައްވާފައިވަނީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި އެތަނުގައި އަލިފާނުގެ ހާދިސާއެއް ހިނގުމާއި، ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު, އެތަނުގައި ބަލަހައްޓާ ކުދިންތަކެއް އެތަނުގެ ފުރާޅުމައްޗަށް އަރައިގެން އުޅޭ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވެފައިވަނިކޮށެވެ. މީގެ އިތުރުން ފިޔަވަތީގެ ކުޑަދޮރުތަކަށް އެކުދިން ގެއްލުންދޭ މަންޒަރު ފެންނަ ވީޑިއޯތަކެއްވެސް ވަނީ އާންމުވެފައެވެ. މިކަންކަން ހިނގަމުންދަނިކޮށް, ހުކުރު ދުވަހުގެ ރޭ އަލިފާން ރޯކޮށްލި ހާދިސާގައި ފިޔަވަތީގެ މައްސަލަ ވަނީ ހޫނުވެފައެވެ.
މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި ޗައިލްޑް އެންޑް ފެމިލީ ޕރޮޓެކްޝަން ސަރވިސަސްގެ ޓީމަކުން ދަނީ މިކަމާގުޅޭ ގޮތުން ބައެއް މަސައްކަތްތައް މިހާރުވެސް ކުރަމުންނެވެ. އަދި، ކުދިންނަށް ބޭނުންވާ އެހީތެރިކަން ދިނުމަށް ކުރަންޖެހޭ އެންމެހާ ކަންކަން އަންނަނީ ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން ކުރަމުންނެވެ.