މާލޭގެ މަގުތަކުގައި ހުރި ކުނިތައް ނަގައި ވެމްކޯގެ ގޭޓް ކުރިމައްޗަށް އަޅާލީ ދެބަސްވުމެއްގެ ތެރެއިން ކަމަށާއި، އެއީ ނާތަހުޒީބު އަމަލެއް ކަމަށާއި، އެކަމަށް މައާފަށް އެދޭކަމަށް މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.
ކުނި ނެގުމުގެ އުސޫލަށް ބަދަލު ގެނެސް ބުދަ ދުވަހުން ފެށިގެން އެއަށް އަމަލުކުރަން ފަށާފައިވާ އިރު، ކުނި ނުނެގި ހުރުމުގެ ސަބަބުން ސިޓީ ކައުންސިލުން ވަނީ މާލޭގެ މަގުތަކުގައި ނެރެފައި ހުރި ކުނިތައް ނަގާފައެވެ. އަދި އެތަނުން ކުނި ލޮރީއެއްގައި ހުރި ކުނިތައް ވެމްކޯގެ ގޭޓް ކުރިމައްޗަށް ވަނީ އަޅާލާފައެވެ.
ކުނީގެ މައްސަލައާ ގުޅިގެން ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް ވިދާޅުވީ މާލޭގެ މަގުތަކުގައި ކުނިތައް ބެހެއްޓުމަކީ މާލޭ ސިޓީ ކައުންސިލުން ހުއްދަ ދޭނެ ކަމެއް ނޫންކަމަށެވެ. އަދި ކުނި ނެގުމުގެ އުސޫލާ ގުޅިގެން ވެމްކޯއާއެކު މަޝްވަރާކޮށްފައިވާ ކަމަށެވެ.
ނަރީޝް ވިދާޅުވީ ސެޕްޓެމްބަރ 15ން ފެށިގެން ކުނި ނެގުމުގެ ޚިދުމަތް ޑޯ ސްޓެޕްތަކުން ދިނުމުގެ ކަންތައްތަކާ ގުޅިގެން 14 ސެޕްޓެމްބަރުގެ ރޭގަނޑު ވެމްކޯގެ ސީނިއާ މެނޭޖްމަންޓުގެ ޓީމަކާއެކީގައި ބައްދަލުކުރި ކަމަށެވެ.
އެހެންނަމަވެސް މިއަދުގެ ހެނދުނު 6:00ން ފެށިގެން މާލޭގައި ދިރިއުޅެމުންދާ އެތައް ރައްޔިތުންގެ ފަރާތުން އަޅުގަނޑުމެންނަށް ފޯނުކޯލުތައް ލިބެމުން ދިޔައީ މާލޭގެ މަގުތަކުގައި އަދި ގޭބިސީތަކުން ނަގަންޖެހޭ ކުނިތައް ނުނަގާ މަގުތަކުގައި ހުރި މައްސަލަ އަޅުގަނޑުމެންނަށް ލިބިގެންދިޔައީ. ކަން ދިމާކުރި ގޮތުން މިއަދަކީ ސްކޫލް ބަންދު ދުވަހެއްކަމަށް ވުމާއެކީގައި ސްކޫލް ކުދިންނާ މި ކަންތައްތަކާ ކުރިމަތިލާން ނުޖެހުނީ. ނަމަވެސް ގިނަ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެން އަޅުގަނޑުމެން ވެމްކޯއާ ގުޅިގެން ކުނި ނެގުމުގެ މަސައްކަތް މިކުރަނީ. އެހެން ނަމަވެސް ވެހިކަލްގައި ކުނި ހުސްކުރަން ދާންޖެހޭ ސަރަހައްދަށް ދިއުމުން ހުއްދަ ނުލިބިގެން ނުވަދެވި ދިމާވި ކަންތައްތަކާ ގުޅިގެން މިސްކޮމިއުނިކޭޝަންތަކެއް ހިނގި. އަދި ސިޓީ ކައުންސިލްގެ ލޮރީ ދުއްވަން އިން ޑްރައިވަރާއި ސްޕަވައިޒަރުންނާ ހިނގި މިސްކޮމިއުނިކޭޝަނަކާ ގުޅިގެން ވެމްކޯގެ ދޮރުމައްޗަށް ކުނި ބަންޑުންކޮށްލާފައިވޭމާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް
ނަރީޝް ވިދާޅުވީ ވަގުތުން އެތަނަށް އެޓެންޑުވެ ކުނި ނެގުމުގެ މަސައްކަތް ކުރެއްވި ކަމަށެވެ. އަދި ވެމްކޯގެ ސީނިއާ މެނޭޖްމަންޓާ ވާހަކަ ދައްކައި، ލޮރީތައް އެތަނަށް ވައްދައި، ބާޖްތަކަށް ކުނި ހުސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވިފައިވާކަމަށް ނަރީޝް ވިދާޅުވިއެވެ. ނަރީޝް ވިދާޅުވީ މާލޭން ކުނި ނެގުމަށް ވެމްކޯއާ ހަވާލުކޮށް ސިޓީ ކައުންސިލުން މަހެއްގެ މައްޗަށް 3.1 މިލިއަން ރުފިޔާ ދައްކަމުން އަންނަ ކަމަށެވެ. އެހެންކަމުން އާއްމު ރައްޔިތުން މަގުތަކަށް ނެރޭ ކުނިވެސް ވެމްކޯއިން ނަގަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ބުދަ ދުވަހުން ފެށިގެން ގްރޭޓަރ މާލޭ ސިޓީ ސަރަހައްދުން ކުނި ނެގުމަށް ހަމަޖެހިފައިވާ ގަޑިތަކަށް ބަދަލު ގެނެސް، ކުނި ނަގަން ހަމަޖެހިފައިވާ ގަޑިއަކީ ރޭގަނޑު 7:00ން ފެށިގެން 11:00ށް ކަމަށް ވެމްކޯއިން ބުނެއެވެ. އަދި ގޭބިސީތަކުން ރޭގަނޑު 6:00ން ފެށިގެން 7:00އާ ދެމެދު ކުނި ގްރައުންޑް ފްލޯއަށް ބޭލުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި މި މަހުގެ 15ން ފެށިގެން މާލޭ ސިޓީގެ މަގުމައްޗަށް ކުނި ނުނެރުމަށް ވެމްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.
ނަމަވެސް ކުރިއެކޭ އެއްގޮތަށް މަގުތަކަށް އާންމުން ވަނީ ކުނި ނެރެފައެވެ. އަދި މަގުމައްޗަށް ނެރެފައިވާ ކުނިތައް ވެމްކޯއިން އުކާލާފައެއް ނުވެއެވެ. ވެމްކޯއިން ބުނެފައިވަނީ ބުދަ ދުވަހުން ފެށިގެން ކުނި ނަގާ އުސޫލަށް ބަދަލުތައް ގެނެސްފައިވާ އިރު، ކުނި ނެގުމުގެ މަސައްކަތް ކުރާނީ އެ ކުންފުނީގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ކުނި އެކަނި ކަމަށް ބުނެފައެވެ.