ބުދަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގެ ގޭބީސީތަކުން މަގުމައްޗަށް ކުނި ނުނެރެން އަންގާފައި އޮއްވާ ކުނި ނެރެފައިވަނިކޮށް އެ ކުނިތައް ސިޓީ ކައުންސިލުން ނަގައި، ވެމްކޯގެ ގޭޓް ކުރިމައްޗަށް އަޅާލައިފިއެވެ.
ބުދަ ދުވަހުން ފެށިގެން ގްރޭޓަރ މާލޭ ސިޓީ ސަރަހައްދުން ކުނި ނެގުމަށް ހަމަޖެހިފައިވާ ގަޑިތަކަށް ބަދަލު ގެނެސްފައިވާ ކުނި ނަގަން ހަމަޖެހިފައިވާ ގަޑިއަކީ ރޭގަނޑު 7:00ން ފެށިގެން 11:00ށް ކަމަށް ވެމްކޯއިން ބުނެއެވެ. އަދި ގޭބިސީތަކުން ރޭގަނޑު 6:00ން ފެށިގެން 7:00އާ ދެމެދު ކުނި ގްރައުންޑް ފްލޯއަށް ބޭލުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި މި މަހުގެ 15ން ފެށިގެން މާލޭ ސިޓީގެ މަގުމައްޗަށް ކުނި ނުނެރުމަށް ވެމްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.
ނަމަވެސް ކުރިއެކޭ އެއްގޮތަށް މަގުތަކަށް އާންމުން ވަނީ ކުނި ނެރެފައެވެ. އަދި މަގުމައްޗަށް ނެރެފައިވާ ކުނިތައް ވެމްކޯއިން އުކާލާފައެއް ނުވެއެވެ. ވެމްކޯއިން ބުނެފައިވަނީ ބުދަ ދުވަހުން ފެށިގެން ކުނި ނަގާ އުސޫލަށް ބަދަލުތައް ގެނެސްފައިވާ އިރު، ކުނި ނެގުމުގެ މަސައްކަތް ކުރާނީ އެ ކުންފުނީގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ކުނި އެކަނި ކަމަށް ބުނެފައެވެ.
ރެއިން ފެށިގެން މާލޭގެ މަގުތަކުގައި ކުނި ނުނެގި ހުރި މައްސަލައިގައި މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މަގުމަތި ސާފުކޮށް ބޭއްވުމަށް ވެމްކޯއަށް ފައިސާ ދީގެން ސިޓީ ކައުންސިލުން ކުރުވާ މަސައްކަތް ވެމްކޯއިން ނުކޮށް ރައްޔިތުންނަށާއި ސިޓީ ކައުންސިލަށް ޖެއްސުންކުރާކަށް ފުރުސަތު ނުދޭނެ ކަމަށެވެ. އަދި އެ ކަމަށް ސިޓީ ކައުންސިލުން އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅަން ފަސްނުޖެހޭނެ ކަމަށެވެ.
ރެއިން ފެށިގެން ކުނި ނުނަގާ ހުރުމުގެ ސަބަބުން މާލެ ސިޓީން އަންގައިގެން އެ ކައުންސިލްގެ މުނިސިޕަލް ޑިޕާޓްމަންޓުން ވަނީ ކުނި ނަގަން ފަށާފައެވެ. އަދި އެ ކުނިތައް ނަގައި ސިޓީ ކައުންސިލްގެ ލޮރީއެއްގައި ވެމްކޯގެ ގޭޓް ކުރިމައްޗަށް ވަނީ އަޅާލާފައެވެ.
މާލޭ ސިޓީގެ ގިނަ ގޭބިސީތައް އަދިވެސް ވެމްކޯގައި ރަޖިސްޓްރީވެފައި ނުވާ ކަމަށް ވެމްކޯއިން ބުނެއެވެ. އެކަމުގެ ސަބަބުން ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ވަމުން އަންނަ ކަމަށް ވެމްކޯއިން ބުނެއެވެ. އެހެންކަމުން ކުރިޔަށް އޮތް ދުވަސްތަކުގައި ވެމްކޯއިން ނަގާނީ ހަމައެކަނި އެ ކުންފުނީގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ކުނި އެކަނި ކަމަށް ވެސް ވެމްކޯއިން ބުނެފައިވެއެވެ.
މަގުމައްޗަށް ކުނި ނެރުމަށް ނިންމީ ކޮވިޑް-19 އާއެކު މާލޭ ސިޓީ ލޮކްޑައުންކުރުމުންނެވެ. ނަމަވެސް ލޮކްޑައުން ނިމި ދުވަސްތަކެއް ފާއިތުވެގެން ދިޔައިރުވެސް މާލޭ ސިޓީން ކުނި ނަގަމުން އައީ މިގޮތުގެމަތިންނެވެ. ސިޓީ ކައުންސިލުން ވަނީ މާލޭ ސިޓީގެ މަގުމައްޗަށް ކުނި ނެރެފައި ހުންނަ ވަގުތު އެކަމުގެ ސަބަބުން އާންމުންނަށް އުނދަގޫތަކެއް ކުރިމަތިވަމުން އަންނަ ކަމަށް ބުނެފައެވެ.