ކ. މާލެ
|
12 ސެޕްޓެންބަރ 2021 | އާދީއްތަ 18:00
ފަގީރު ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގައި ކޮވެކްސްއަށް ދަތިތަކެއް ވަނީ ދިމާވެފައި
ފަގީރު ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގައި ކޮވެކްސްއަށް ދަތިތަކެއް ވަނީ ދިމާވެފައި
ރޮއިޓަރސް
ވެކްސިން ފޯރުކޮށްދިނުން
ވެކްސިން ފޯރުކޮށްދިނުމަށް ކޮވެކްސްއަށް އިތުރު ތާށިކަމެއް، ގައުމުތަކުން ބޫސްޓަރ ޑޯޒް ޖެހުމުގައި
 
ޖޯންސަން ފޯރުކޮށްދިނުމުގައި ދަތިތަކެއް ވަނީ ދިމާވެފައި
 
މުއްސަނދި ގައުމުތަކުން ބޫސްޓަރ ޑޯޒް ޖެހުން މަޑުޖައްސާލުމަށް ވަނީ އެދިފައި
 
އެންމެ މަދުވެގެން އާބާދީގެ 40 އިންސައްތައަށް ވެކްސިން ޖެހުމަށް ވަނީ އެދިފައި

އެކި ގައުމުތަކަށް ކޮވިޑް ވެކްސިން ފޯރުކޮށްދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އުފައްދާފައިވާ ފެސިލިޓީ، ކޮވެކްސް އިން ވެކްސިން ފޯރުކޮށްދިނުމުގައި އިތުރު ހުރަސްތަކާއި ދިމާވެދާނެކަމަށް އަންދާޒާކޮށްފިއެވެ.

ކޮވެކްސް ފެސިލިޓީތަކުން ފަގީރު ގައުމުތަކަށާއި އާބާދީތަކަށް ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ އިރު އެ ފެސިލިޓީން ކުރިން އަންދާޒާކުރި މިންވަރަށްވުރެ މަދުން މި އަހަރުގެ ފަހު ކުއާޓާގައި ވެކްސިން ލިބޭނެކަމަށް ވަނީ ބެލެވިފައެވެ. ކޮވެކްސްއިން މިހާރު ކޮށްފައިވާ އަންދާޒާއަކީ އިތުރު 1.1 ބިލިއަން ޑޯޒްގެ ވެކްސިން މިހާރުން ފެށިގެން މިއަހަރުގެ ނިޔަލަށް ލިބޭނެ ކަމަށެވެ. މިއީ ކުރިން އަންދާޒާ ކުރިވަރަށްވުރެ ވެސް މަދު އަދަދެކެވެ.

ބުދަ ދުވަހު އާންމުކުރި އަންދާޒާތައް ދައްކާގޮތުން، ޖުލައި މަހުގެ އަންދަޒާތަކަށްވުރެ 25 އިންސައްތަ މަދުން ވެކްސިން ލިބޭނެކަމަށް ވަނީ ބެލެވިފައެވެ. އަދި އައު އަންދާޒާތަކާއެކު ޑަބްލިއުއެޗްއޯއިން ވަނީ ބޫސްޓަރ ޑޯޒް ދިނުމަށް ހިފަހައްޓާފައިވާ ވެކްސިންތައް ދޫކޮށް ދުނިޔޭގެ ނިސްބަތުން ވެކްސިން ޖެހޭ މިންވަރު އިތުރުކުރުމަށް މުއްސަނދި ގައުމުތަކަށް ގޮވާލާފައެވެ. އެންމެ ކުޑަ މިންވަރެއްގެ ގޮތުން ކޮންމެ މީހަކަށް އެއް ޑޯޒް ދެވޭނެ މިންވަރަށް އެހީތެރިކަމަށް ވަނީ އެދިފައެވެ.

މިހާތަނަށް އައި އިރު، ކޮވެކްސް މެދުވެރިކޮށް ފަގީރު ގައުމުތަކަށް 330 މިލިއަން ޑޯޒްގެ ވެކްސިން ފޯރުކޮށްދީފައިވާ އިރު، މެންބަރު ގައުމުތަކަށް 230 މިލިއަން ޑޯޒްގެ ވެކްސިން ވަނީ ފޯރުކޮށްދީފައެވެ.

މިހާރުގެ އަންދާޒާތައް ދައްކާ ގޮތުން ސެޕްޓެމްބަރުން ފެށިގެން ޑިސެމްބަރުގެ ނިޔަލަށް 1 ބިލިއަނަށް ވުރެ ގިނަ ޑޯޒްގެ ވެކްސިން ލިބޭނެކަމަށް ލަފާކޮށްފައިވާ އިރު، މި ވެކްސިން ފޯރުކޮށްދިނުމަށް ނިންމާފައިވަނީ މަދުން އާމްދަނީ ލިބޭ 92 ގައުމަކަށެވެ.

މިހާރުގެ އަންދާޒާތައް ދައްކާގޮތުން ޖުމްލަ ލިބޭނެކަމަށް ބެލެވެނީ 1.4 ބިލިއަން ޑޯޒްގެ ވެކްސިނެވެ. މީގެ ތެރެއިން 1.2 ބިލިއަން ޑޯޒްގެ ވެކްސިން ފޯރުކޮށްދެނީ މަދުން އާމްދަނީ ލިބޭ ގައުމުތަކަށެވެ.

ޖުލައި މަހުގެ އަންދާޒާތައް ދެއްކި ގޮތުން މި ކުއާޓާގައި 1.8 ބިލިއަން  ޑޯޒްގެ ވެކްސިން ލިބޭނެކަމަށް ބެލެވުނެވެ. ވެކްސިން ލިބުމުގައި ދިމާވި ދަތިތަކުގެ ތެރޭގައި އިންޑިއާއިން ވެކްސިން ބޭރު ކުރުން މަނާކުރުމާއި، އެސްޓްރަޒެނިކާއިން ވެކްސިން އުފެއްދުމުގައި ދިމާވެފައިވާ ދަތިތަކާއި، ނޮވަވެކްސްގެ މަސައްކަތްތަކެއް ލަސްވުމުގެ އިތުރުން ޗައިނާގެ ބައޯފާމަސޫޓިކަލް ކުންފުނި ކޮލޯވަރގެ ވެކްސިން ފޯރުކޮށްދިނުމުގައި ލަސްތަކެއް ދިމާވުން ހިމެނެއެވެ. މީގެ އިތުރުން ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިން އުފެއްދުމުގައި ދިމާވި މައްސަލަތައް ވެސް ހިމެނެއެވެ.

ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިން ލިބުމުގައި ދަތިތަކެއް ދިމާވީ ވެކްސިން އުފެއްދުމުގެ މަރުހަލާ ތެރޭގައި ޖޯންސަން އަދި އެސްޓްރަޒެނިކާގެ ވެކްސިން އުފައްދަން ބޭނުން ކުރާ ތަކެތި އެއްވުމުގެ ސަބަބުން ކަމަށް މި ރިޕޯޓުގައި ބުނެފައިވެއެވެ. އަދި މިހާރު ވެކްސިން އުފެއްދުމުގެ މަސައްކަތް އަލުން ފަށާފައިވާ އިރު ބައެއް ގައުމުތަކުން ލިބިފައި ހުރި އޯޑަރުތައް މަޑުޖައްސާލާ އެއިން ބައެއް ކޮވެކްސްއަށް ދިނުމަށް ދަނީ މަސައްކަތްތަކެއް ކުރެވެމުންނެވެ.

ރިޕޯޓުގައި ބުނެފައިވަނީ ޖުލައިން ސެޕްޓެމްބަރާއި ދޭތެރޭގައި ލިބޭނެކަމަށް ބެލެވުނު ވެކްސިންގެ ތެރެއިން 180 މިލިއަން ޑޯޒް މަދުވެފައިވަނީ ޖޯންސަން ވެކްސިން އުފެއްދުމުގައި ދިމާވި ހުރަސްތަކާއި ގުޅިގެންނެވެ. ކަން މިހެން އޮތްނަމަވެސް އިތުރު ދެތަނަކުން ވެކްސިން ލިބޭނެކަމަށް ވަނީ ބެލެވިފައެވެ. އެއީ ޗައިނާގެ ސިނޮފާމްއިން ގަންނަ 20 މިލިއަން ޑޯޒާއި، ހިލޭ އެހީގެ ގޮތުގައި ދޭ 95 މިލިއަން ޑޯޒެވެ.

ވެކްސިން ލިބުމުގައި ދިމާވެފައިވާ ދަތިތަކާއެކު ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އެދްނޯމް ވަނި ދުނިޔޭގެ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދެވެންދެން މުއްސަނދި ގައުމުތަކުން ބޫސްޓަރ ޑޯޒް ޖެހުން މި އަހަރުގެ ނިޔަލަށް ހުއްޓާލުމަށް ގޮވާލާފައެވެ.

މީގެ ކުރިން ސެޕްޓެމްބަރުގެ ނިޔަލަށް ވެކްސިންގެ ބޫސްޓަރ ޑޯޒް ޖަހެން މަޑުކޮށްލަން ގޮވާލާފައި ވީނަމަވެސް ވެކްސިން ލިބުމުގައި ދިމާވެފައިވާ ދަތިތަކާއެކު އަހަރު ނިމެންދެން ވެކްސިންގެ ބޫސްޓަރ ޑޯޒް ނުޖަހާ މަޑުކޮށްލުމަށް ވަނީ އެދިފައެވެ. އަދި ނުރައްކަލަށް ހުށަހެޅިފައިވާ ފަރާތްތަކަށް ވެކްސިން ދިނުމުގެ ކަންކަން ފަހިކުރުމާއި، އަދި މީގެ ތެރެއިން ފުރަތަމަ ޑޯޒް ވެސް ނުޖެހި ތިބި މީހުންނަށް ވެކްސިން ލިބޭނެ ގޮތެއް މަގުފަހިވަންދެން ބޫސްޓަރ ޑޯޒް ޖެހުން މަޑުޖައްސާލުމަށް ވަނީ އެދިފައެވެ.

މީގެ އިތުރުން ކޮންމެ ގައުމަކުން ވެސް އެގައުމެއްގެ އާބާދީގެ 40 އިންސައްތައަށް ވެކްސިން ފުރިހަމަކުރެވޭނެ ގޮތް ހަދައި ގައުމުތަކާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ސެޕްޓެމްބަރުގެ ނިޔަލަށް ބޫސްޓަރ ޑޯޒް ޖެހުން މަޑުކޮށްލަން ވެވުނު އެއްބަސްވުމުގެ މުއްދަތު އިތުރުކޮށް އަހަރު ނިމެންދެން އެގޮތަށް ކަންތައްތައް ކޮށްދިނުމަށް ޓެޑްރޯސް ވަނީ އެދިވަޑައިގެންފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
100%
0%
0%
0%
0%
0%
ކޮމެންޓް