މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު، ތުރުކީވިލާތަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ތުރުކީވިލާތުގެ ގުންގޮރެން ޑިސްޓްރިކްޓްގެ މޭޔަރ ބުންޔާމީން ޑެމިރު އާ ބައްދަލުކުރައްވައިފިއެވެ.
މި ސެޕްޓެމްބަރ މަހުގެ 11 ވަނަދުވަހު ހަވީރު ބޭއްވި މި ބައްދަލުވުން އޮތީ ގުންގޮރެން ޑިސްޓްރިކްޓް ގެ ކައުންސިލް އިދާރާގައެވެ. މި ބައްދަލުވުމުގައި ދެ ކައުންސިލުން ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާ ކުރެވުނެވެ. އަދި މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުން ތަމްރީނުކުރުމުގައި އެހީތެރިކަން ދެއްވާނެކަމަށް މޭޔަރ ބުންޔާމީން ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ދެފަރާތުން ހިންގާ ޕްރޮޖެކްޓްތަކާބެހޭ މައުލޫމާތު ބަދަލުކޮށް މި ޕްރޮގްރާމްގައި ހުރި ކަންތައްތަކުގެ ތެރެއިން އިސްލާހު ކުރަންޖެހޭ ކަންކަމާއި، ދެފަރާތުން ތަޖުރިބާ ހިއްސާ ކުރެވޭނެ ކަންކަންކަން ފާހަގަކުރެވުނެވެ. އަދި ދެފަރާތުގެ މަސައްކަތްތަކުގެ ތެރެއިން އެއް ކައުންސިލުން އަނެއް ކައުންސިލަށް ނަކަލު ކުރެވޭނެ ރަނގަޅު ކަންކަމާބެހޭ ގޮތުން މަޝްވަރާކުރެވުނެވެ. ޑރ. މުޢިއްޒު ތުރުކީވިލާތަށް ފުރާވަޑައިގެންނެވީ މި މަހުގެ 10 ވީ ހުކުރުދުވަހު ގެ ރޭގެ ވަގުތެއްގައެވެ.
ތުރުކީވިލާތުގެ ކައުންސިލްތަކާ ގުޅުން ބަދަހިކޮށް، ތަޖުރިބާ ހިއްސާ ކުރުމަށާއި އަދި މާލޭ ސިޓީގެ ތަރައްޤީއަށް ބޭނުންވާ އެހީތެރިކަން ހޯއްދެވުމަށް ކުރައްވާ މި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންނެވީ ތުރުކީވިލާތުގެ އިސްތަމްބޫލަށެވެ. އިސްތަމްބޫލަށް ވަޑައިގެންނެވީ ހޮނިހިރު ދުވަހު ހެނދުނެވެ.
ފުރާވަޑައިގަތުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މޭޔަރ ވިދާޅުވީ މި ދަތުރުފުޅުގައި ތުރުކީވިލާތުގެ އެކި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލު ކުރައްވާނެ ކަމަށެވެ. އަދި އެ ކައުންސިލްތަކާއެކު ސިސްޓަރ ސިޓީ ހެއްދެވުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ. މީގެ އިތުރުން މާލޭ ސިޓީގެ ތަރައްޤީއަށް ތުރުކީވިލާތުގެ ކަމާބެހޭ ބައެއް ފަރާތްތަކުން ފޯރުކޮށްދެވިދާނެ އެހީތެރިކަމާ ބެހޭގޮތުން މަޝްވަރާ ކުރައްވައި އެހީ ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އެހީތެރިކަން ލިބޭނެކަމުގެ އުންމީދު ވަރަށް ބޮޑުކަން ހާމަކުރެއްވިއެވެ. މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ތުރުކީވިލާތަށް ކުރައްވާ މި ދަތުރުފުޅުގައި 6 ދުވަސް ހޭދަވާނެއެވެ.
މާލޭ ސިޓީ ކައުންސިލުން މިހާރުވަނީ ރާއްޖޭގެ ކައުންސިލްތަކާއެކު ގުޅުން ބަދަހި ކުރުމުގެ ބައްދަލުވުންތައް ވެސް ބާއްވަން ފަށާފައެވެ. އެގޮތުން މާލެ އަތޮޅު ކައުންސިލާ އަދި މާލެ އަތޮޅުގެ ބައެއް ރަށްރަށުގެ ކައުންސިލްތަކާއެކު ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.